ސިންގަޕޯގެ ކުންފުންޏެއް ކަމަށްވާ އެމްބްރެއާ ކޮމާޝަލް އޭވިއޭޝަންގެ ފަރާތުން މިޔަރެއްގެ ސިފަވާ ގޮތަށް ޕެއިންޓްކޮށްފައިވާ އެއާ ކްރާފްޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ދައްކާލައިފި އެވެ.

އެމްބްރެއާ ކޮމާޝަލް އޭވިއޭޝަންގެ މާކެޓިން ޑައިރެކްޓަރު އެޑަމް ޔަންގް ވިދާޅުވީ މި އެއާކްރާފްޓަކީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް އެންމެ ރަނގަޅު ފެންވަރަށް ތައްޔާރުކޮށްފައިވާ ފްލަިއޓެއް ކަމަށެވެ. މިޔަރެއްގެ މޫނު ކުރެހުމުން ދައްކާލާފައިވާ E190-E2ގެ މި އެއާ ކްރާފްޓަކީ ހަމައެކަނި އިކޮނޮމީ ކްލާސްގެ ސީޓުތަކެއް ހިމެނޭ ފްލައިޓެކެވެ.

މި އެއާ ކްރާފްޓަކީ 114 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށްވާއިރު ފްލައިޓު ޑިޒައިން ކޮށްފައިވަނީ ޕަސިންޖަރުންނަށް ދަތުރު މަތީގައި އެއްވެސް ދައްޗެއް ނުވާނެ ގޮތެއްގެ މަތިންނެވެ. ކޮންމެ ސީޓެއްގެވެސް ކުރިމަތީގައިވާ ސީޓްގެ ފަހަތުގައި ފޯން ޗާޖް ކުރެވޭ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އަދި ޕަސިންޖަރުންނަށް ފްރީ ވައިފި ލިބޭނެ އިންތިޒާމުތައްވެސް މި ފްލައިޓުގައި ވަނީ ހަމަޖައްސާފަ އެވެ.

އެޑަމް ޔަންގް ވިދާޅުވީ މި އެއާ ކްރާފްޓްގައި ކުއްލި ހާލަތެއް ދިމާވެއްޖެނަމަ ނިކުމެވޭނެ ގޮތަށް ދެ ދޮރު ހަދާފައިވާނެ ކަމަށެވެ. އަދި ޕަސިންޖަރުންގެ އަތްމަތީ ދަބަސް ލުމަށް ހާއްސަކޮށްފައިވާ ކެބިން ޑިޒައިން ކޮށްފައިވާނީ 4 ފޮށި ލެވޭނެ ޖާގަ ހިމެނޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

އެޑަމް އިތުރަށް ވިދާޅުވީ މި އެއާ ކްރާފްޓްގެ ދަތުރުތައް 22 ގައުމަކަށް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް ހާއްސަކޮށްގެން އެއާ ކްރާފްޓެއް ތައާރަފުކުރާނެ ކަމަށްވެސް އެޑަމް ވިދާޅުވި އެވެ.

އެމްބްރެއާ ކޮމާޝަލް އޭވިއޭޝަނަކީ އެއާ ކްރާފްޓްގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން 146 ޕަސިންޖަރުންގެ ޖާގަ ހިމެނޭ ގޮތަށް އެމްބްރެއާގެ ފްލައިޓް E195-E2 ގެ ހިދުމަތްވެސް ދަނީ ދެމުންނެވެ. އަދި 60 ޕަސިންޖަރުންގެ ޖގައިގެ ފްލައިޓެއް ކަމަށްވާ E175-E2 ގެ ހިދުމަތްވެސް އެމްބްރެއާ ކޮމާޝަލް އޭވިއޭޝަންގެ ފަރާތުން އަންނަނީ ދެމުންެނެވެ.