ނިއުޒީލެންޑްގެ ދެ މިސްކިތަށް ދެވުނު ޓެރަރިސްޓް ހަމަލާގެ މަންޒަރުތައް ފެންނަ 1.5 މިލިއަން ވީޑިއޯ ޑިލީޓްކޮށްލާފައިވާ ކަމަށް ފޭސްބުކް ކުންފުނިން ބުނެފިއެވެ.

ފޭސްބުކުން އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިސްކިތަށް ހަމަލާދިންމީހާ ފޭސްބުކް މެދުވެރިކޮށް އެ ހަމަލާ ލައިވްކުރި ކަމުގެ ރިޕޯޓް ނިއުޒީލެންޑް ފުލުހުން ކުރުމާއެކު، ވީޑިއޯއާއެކު މިސްކިތަކަށް ހަމަލާދިން މީހާގެ ފޭސްބުކް އެކައުންޓާއި، އިންސްޓަގްރާމް އެކައުންޓްވެސް ޑިލީޓް ކޮށްލާފައިވާނޭ ކަމަށެވެ.

ހަމަ އެއާއެކު، މިސްކިތަށް ދިން ހަމަލާއަށާއި، އެކަންކުރި މީހާއާއި އެފަދަ ޖަރީމާތައް ހިންގާ މީހުންނަށް ތާއީދުކޮށް ނުވަތަ ހިތްވަރުދޭގޮތަށް ކުރާ ޕޯސްޓްތައްވެސް ޑިލީޓް ކުރަމުންދާ ކަމަށް ފޭސްބުކް ކުންފުނިން ބުނެފައި ވެއެވެ.

ފޭސްބުކުން ބުނެފައިވަނީ، މިސްކިތަށް ދެވުނު ހަމަލާގެ މަންޒަރުތައް ފެންނަ 1.5 މިލިއަން ވީޑިއޯ މިހާތަނަށް ޑިލީޓް ކޮށްލާފައިވާ ކަމަށާއި، އަދި 1.2 މިލިއަން ވީޑިއޯ އަޕްލޯޑް ކުރުމަށް ކުރި މަސައްކަތްވެސް ބްލޮކޮށްފައިވާނޭ ކަމަށެވެ.

މީގެއިތުރުން، ބަޑިޖެހުމުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅާ ގުޅިގެންނާއި، ކަމާބެހޭ އެހެން ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން މިސްކިތަށް ބަޑިޖެހި މަންޒަރު ފެންނަ ވީޑިއޯގެ ތެރެއިން އެޑިޓްކޮށްގެން ފޭސްބުކްގައި ބޭނުންކުރާ ހުރިހާ ވީޑިއޯއެއްވެސް ޑިލީޓްކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާކަމަށް، ފޭސްބުކް ކުންފުނީގެ ނިއުޒީލެންޑްގެ ވެރިޔާ މިއާ ގާރލިކް ބުނެފައި ވެއެވެ.

ޚަބަރު ލިބޭގޮތުގައި، މިސްކިތަށް ދިން ޓެރަރިސްޓް ހަމަލާގެ މަންޒަރުތައް ފެންނަ ވީޑިއޯ ފެތުރުން ހުއްޓުވުމުގައި ނުކުޅެދިފައިވާ މައްސަލާގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާގެ ނުރުހުން ފޭސްބުކާއި، ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކަށްވެސް ކުރިމަތިވެފައި ވެއެވެ.

އައްނޫރު މިސްކިތަށް ބަޑިން ހަމަލާދިން މީހާ ފޭސްބުކްގައި އެ ހަމަލާ ލައިވްސްޓްރީމް ކުރަމުން ދިޔަ ިރު އެ ހަމަލާގެ ވީޑިއޯތައް ޔޫޓިއުބާއި ޓްވިޓަރގައި ވަރަށް ބާރަށް ފެތުރިގެންދިޔައެވެ.

އެ ހަމަލާ ލައިވްސްޓްރީމް ކުރަމުންދިޔަ ކަން ފޭސްބުކަށް އެނގުނީ ފުލުހުން ރިޕޯޓްކުރުމުން ކަމަށް ކުންފުނިން ބުނުމުން އެތައްބައެއްގެ ނުރުހުން ފޭސްބުކަށް އަމާޒުވެފައި ވެއެވެ.

ގޫގްލްއިން ހިންގާ ޔޫޓިއުބްގައި ހުރި ވީޑިއޯތައް ޑިލީޓްކުރަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ގޫގްލްއިން އެއްވެސް އެއްޗެއް ނުބުނެއެވެ. ހަމަ އެއާއެކު، ޓްވިޓަރއިންވެސް ވަކި އެއްޗެއް ނުބުނެއެވެ.

މިސްކިތަށް ދެވުނު ހަމަލާގެ މަންޒަރު ފެންނަ 1.2 މިލިއަން ވީޑިއޯ ފޭސްބުކަށް އަޕްލޯޑްކުރަން ކުރި މަސައްކަތް ބްލޮކްކޮށްފައިވާ ކަމަށް ފޭސްބުކުން ހާމަކުރުމުން، ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވީ، މީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭ ވާހަކަތާކައި އަމަލުތައް ހުއްޓުވުމުގެ ގާބިލްކަން އެ ކުންފުންޏަށް ލިބިގެންވާކަން މިކަމުން ހާމަވެގެންދާ ކަމަށެވެ.

އަދި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ހުރިހާ ސޯޝަލް މީޑިއާ ކުންފުނިތަކަށް އެކަމަނާ ވަނީ ގޮވާލައްވާފައެވެ.