ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ މެޝިނަރީ އެންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއި ރާއްޖޭގެ ސަރުކާރުގެ އެހީއާއެކު މަރާމާތުކުރި ޓޭބަލް ޓެނިސްގެ އާ ހޯލު ރަސްމީކޮށް ހުޅުވައިފިއެވެ.

ޓޭބަލްޓެނިސް ގެ އާ ހޯލު ހުޅުވާފައިވަނީ ކުރީގެ ހެންވޭރު ޔޫތު ސެންޓަރުގައެވެ.މީގެކުރިންވެސް ޓީޓީ މުބާރާތްތައް ބޭއްވުމަށް މި ހޯލުގެ ބޭނުންކުރި އެވެ. ނަމަވެސް އޭރު އެ ހޯލު އޮތީ ވަރަށް ދަށް ހާލަތެއްގައެވެ. އެގޮތުން ތަން ހޫނުވުމާއި ކުޅެން އެކަށީގެންވާ މާހައުލެއް ނެތުން ފާހަގަކޮށްލެވެެއެވެ. ޓީޓީ ހޯލު އަލުން ހުޅުވިއިރު މަރާމާތުތަކާއެކު އޭސީ އާއެކު ތަނުގެ އެތެރެއަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުންވެސް ވަނީ މި ހޯލު މަރާމާތުކުރުމަށް ބޮޑެތި އެހީތަކެއް ވެފައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އާ ހޯލު ރަސްމީކޮށް ހުޅުވައިދެއްވީ އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޝެންގް އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ސީއެމްއީސީގެ އިސް ވެރިންނާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޓީޓީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް އަހުމަދު ލަތީފު (ސީވީޑް ލަތީފް) އާއި ރާއްޖޭގެ ޔޫތު މިނިސްޓްރީގެ އިސްވެރިންނާއި ޓޭބަލްޓެނިހުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ކުދިންނާއި ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާކުރި ޓީޓީ ކުޅޭ ސާމާނު ވަނީ އެސޯސިއޭޝަނާއި ރަސްމީކޮށް ހަވާލުކޮށްފައެވެ.