ރިސޯތުތަކުގެ މެދުގައި ކުރިޔަށްދާ އެންމެ ބޮޑު ފުޓްސަލް ލީގު ކަމަށްވާ ރިސޯޓު ލީގުގެ ބާ އަތޮޅު ޒޯނުގެ ފައިނަލުގެ ދެވަނަ ޖާގަ ނޮޓިލަސް މޯލްޑިވްސް ހޯދައިފިއެވެ.

ނޮޓިލަސް ފައިނަލުގެ ޖާގައެއް ހޯދީ މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ވައްކަރު މޯލްޑިވްސް އާއި ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އަދި ގޯލުޖަހާނެ ރަނގަޅު ފުުރުސަތުތަކެއްވެސް ލިބިގެންދިޔައެވެ.

މެޗުގައި ނޮޓިލަސް ގެ ގޯލުތައް ޖެހީ އަބްދުލް ކަރީމް އަހުމަދާއި މުހައްމަދު ޔަމާންއެވެ. އަދި ވައްކަރުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އަހުމަދު ޝާން އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޓިލަސްގެ އަބްދުލް ކަރީމް އަހުމަދެވެ.

ނޮޓިލަސް އާއެކު ފައިނަލުގައި ބައްދަލުކުރާނީ ސޮނޭވާފުއްޓެވެ. ސޮނޭވާފުށި ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގެ ދެވަނަ މެޗުގައި އަނަންތަރަ ކިހަވަށް އާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސޮނޭވާފުށީގެ ގޯލުތައް ކާމިޔާބުކުރީ ދެ ގޯލު ޖެހި އިބްރާހިމް ޝާން އާއި ދެ ގޯލު ޖެހި އިބްރާހިމް މާޖިދެވެ. އަނަންތަރަ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ އެޓީމުގެ އަލީ ޖުނައިދެވެ.

ރިސޯޓު ލީގު ބާ ޒޯން ކުރިޔަށްދަނީ ޖުމްލަ 6 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭ ގައި ހިމެނޭ ޓީމުތަކަކީ އަނަންތަރަ ކިހަވަށް ، ވައްކަރު އަދި މިލައިދޫއެވެ.

ގްރޫޕް ބީ ގައި ހިމެނޭ ޓީމުތަކަކީ ނޮޓިލަސް އާއި ފޯ ސީޒަންސްގެ އިތުރުން ސޮނޭވާފުއްޓެވެ.

މި ޒޯނުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ އަންގާރަ ދުވަހުގައެވެ. މި މެޗު ވީޓީވީން ވަގުތުން ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.