2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޝިންޖިއާން ސަރަހައްދުން 13،000 އުއިޣުރު މުސްލިމުން ހައްޔަރު ކޮށްފައިވާ ކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފިއެވެ.

ޝިންޖިއާން ސަރަހައްދުގެ ހާލަތާ ގުޅޭގޮތުން ޗައިނާ ސަރުކާރުން އާންމުކުރި "ވައިޓް ޕޭޕަރ" ގައި ހައްޔަރުކުރި މުސްލިމުންނަށް މުޚާތަބު ކޮށްފައިވަނީ "ޓެރަރިސްޓުން" ގެ ގޮތުގައެވެ.

ޝިންޖިއާން ސަރަހައްދަކީ ޗައިނާގެ ދުރު ހުޅަނގުން އޮންނަ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ސަރަހައްދެވެ.

ޗައިނާ ސަރުކާރުން މުސްލިމުން ހައްޔަރުކުރާ ވާހަކަ ބަޔާންކޮށް ކަރުދާހެއް މިނެރުނީ، މުސްލިމުން ހިފައި ހައްޔަރުކޮށް ބޮޑެތި ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅޭ މައްސަލާގައި ދުނިޔޭގެ ނުރުހުން ޗައިނާއަށް އަމާޒުވެފައި ވަނިކޮށެވެ.

އުއިޣުރު މުސްލިމުން ހައްޔަރުކޮށްގެން ގެންގުޅޭ ތަންތަނަކީ ޖަލުތަކެއް ކަމަށް އދގެ ތަޖުރިބާކާރުން ވަނީ ސިފަކޮށްފައެވެ. އެތަނުގައި މިހާރުވެސް މިލިއަނަކަށްވުރެ ގިނަ މުސްލިމުން ހައްޔަރުކޮށްގެން ގެންގުޅޭ ކަމަށް ވެއެވެ.

އެފަދަ ޖަލުތަކުގައި އިސްލާމްދީނާ ދެކޮޅުހެދުމަށް މުސްލިމުންނަށް މަޖުބޫރުކުރުވުމާއި، ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީއަށް ވަފާތެރިވުމަށް މަޖުބޫރު ކުރުވަމުން ގެންދާކަމަށް ވެސް އދއިން ބުނެއެވެ.

އެކަމަކު ޗައިނާ ސަރުކާރުން އާންމުކުރި ވައިޓް ޕޭޕަރުގައި، މުސްލިމުން ހައްޔަރު ކޮށްގެން ގެންގުޅޭ މައްސަލަ ދިފާއުކޮށްފައި ވެއެވެ.

ބުނެފައިވަނީ، އެއީ ހަނގުރާމަވެރި އަމަލުތައް ހުއްޓުވަން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އދއިން ޖަލުތަކެއް ކަމަށް ސިފަކުރި ތަންތަނަކީ "ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރުތަކެއް" ކަމަށް ބުނެފައި ވެއެވެ.

ޗައިނާ ސަރުކާރުން ނެރުނު ވައިޓް ޕޭޕަރުގައި ބުނެފައިވަނީ، ޝިންޖިއާން ސަރަހައްދުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 1،588 ހަރުކަށި އަދި ޓެރަރިސްޓް ގޭންގް ނައްތާލާފައިވާ ކަމަށެވެ.

12،995 "ޓެރަރިސްޓުން" ހައްޔަރު ކޮށްފައިވާ އިރު، 2،052 ގޮވާ އާލާތް އަތުލައިގެންފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ޣައިރުގާނޫނީ ދީނީ ހަރަކާތްތައް ހިންގައިގެން 30،645 މީހަކަށް އަދަބުދީ، ގާނޫނާ ޚިލާފަށް ގެންގުޅުނު 345،229 ފޮތްތައް އަތުލައިގަނެވިފައިވާ ކަމަށްވެސް ހާމަކޮށްފައި ވެއެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ، ބަންދުކޮށްގެން ގެންގުޅެނީ އުއިޣޫރު ހަނގުރާމަވެރި ގްރޫޕްތަކުގެ މީހުންނާއި، ހަރުކަށި ވިސްނުމުގެ މީހުންގެ ނުފޫޒު ފޯރާފައިވާ މީހުން ކަމަށެވެ.

އެހެން ނަމަވެސް، ޗައިނާ މުސްލިމުންގެ ހިމާޔަތުގައި މަސައްކަތްކުރާ ވޯރލްޑް އުއިޣުރު ކޮންގްރެސްއިންވަނީ ޗައިނާ ސަރުކާރުން ނެރުނު ވައިޓް ޕޭޕަރުގައި ހިމެނޭ މި ވާހަކަތައް ދޮގުކޮށްފައެވެ.

ބުނެފައިވަނީ، ޗައިނާ ސަރުކާރުން ގަސްތުގައި ހަގީގަތް އޮޅުވާލަނީ ކަމަށެވެ.

ވޯރލްޑް އުއިޣުރު ކޮންގްރެސްގެ ތަރުޖަމާނު ދިލްޝާދު ރަޝީދު މީޑިއާއަށް ކުރި އީމެއިލްއެއްގައި ބުނެފައިވަނީ، ޓެރަރިޒަމާ ގުޅުވައިގެން ޗައިނާއިން އުއިޣުރު މުސްލިމުންނަށް އަނިޔާކުރަނީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް ކަމަށެވެ. ޗައިނާގެ އަސްލު މަގްސަދަކީ ޗައިނާއިން އިސްލާމްދީން ފޮހެލުން ކަމަށެވެ.

މިއަހަރުގެ ޖެނުއަރީމަހު ޗައިނާއިންވަނީ، ޗައިނާގެ މުސްލިމުން އަމަލުކުރަން، ޗައިނާ ސަރުކާރުން ބޭނުންވާ އުސޫލުތަކަށް އިސްލާމްދީން ބައްޓަންކުރަން އާ ގާނޫނެއް ފާސްކޮށްފައެވެ. މިއީ، އިސްލާމްދީނުގެ އުސޫލުތައް ޗައިނާ ބޭނުންވާގޮތަށް ފައްތަން ކުރަމުންދާ މަސައްކަތުގައި ޗައިނާ ސަރުކާރުން އެންމެފަހުން އެޅި ފިޔަވަޅެވެ.

ޗައިނާ ސަރުކާރުން ގެންދަނީ އެގައުމުގައި ހުރި އިސްލާމީ ނިޝާންތައް ނަގައި، މިސްކިތްތަކުގެ ގުއްބުތައް ތަޅައި ތިރިކޮށް، ބައެއް ހިސާބުތަކުގެ މިސްކިތްތައް އެއްކޮށް ބަންދުވެސް ކުރަމުންނެވެ.

އިސްލާމީ ސްކޫލްތައް ހިންގުމާއި، އަރަބި އަކުރު އުނގަންނައިދޭ ކްލާސްތައް ހިންގުންވެސް ޗައިނާ ސަރުކާރުން މިހާރު ވަނީ މުޅިން މަނާކޮށްފައެވެ. އަދި އިސްލާމްދީނާ ގުޅުންހުރި އެއްވެސް ހަރަކާތެއްގައި ކުޑަކުދިން ބައިވެރިކުރުންވެސް ވަނީ މަނާކޮށްފައެވެ.

ޗައިނާގެ އާބާދީގައި 23 މިލިއަން މުސްލިމުން ހިމެނޭ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކާއިރު، އެ އަދަދު އަސްލު ސާޅީ މިލިއަނަށްވުރެ ގިނަވާނޭ ކަމަށް ޗައިނާގެ މުސްލިމު ލީޑަރުން ވިދާޅުވެއެވެ.