ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣުނީއަށް ކުރެވޭ ތުހުމަތުގައި އެމްޑީޕީން ފިޔަވަޅުއެޅީ މުޣުނީއާ ސުވާލުނުކޮށް ކަށްވާނަމަ އެކަމަށް ތާއީދު ނުކުރައްވާކަމަށް މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައިވެސް ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާ އަދި މިހާރުވެސް އެ ދާއިރާގެ މެންބަރުކަން ކުރައްވާ ސައުދުﷲ މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫ އުތުރަށް ވާދަކުރައްވާ ކެންޑިޑޭޓް މުޣުނީ އަށް ކުރެވުނު ގެވެށި އަނިޔާކުރުމުގެ ތުހުމަތާއި ގުޅިގެން އެމްޑީޕީން ވަނީ މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންގޮސްފަ އެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މުޣުނީއާ މެދު ވެސް ތުހުމަތެއް ކުރެވޭނަމަ ފިޔަވަޅެއް އެޅުމުގެ ކުރިން ސުވާލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ތުހުމަތު ކުރެވުމުން ފިޔަވަޅެއް އެޅުމުގެ ކުރިން ދެ ފަރާތުގެ ވާހަކަތައްވެސް އަޑުއަހަން ވާނެ ކަމަށް މުޣުނީ އާއި ވާދަވެރި ކެންޑިޑޭޓް ވިދާޅުވި އެވެ.

"އަޅުގަނޑު ނެތިން އަޅުގަނޑާ ގުޅުން ނެތް ޕާޓީއަކުން ނިންމި ކަމަކަށްވާތީ ވަކި އެއްޗެއް ދަންނަވާކަށް. އެއީ އެ ބޭފުޅުން (އެމްޑީޕީ) ގެ ކަމެއް. އެހެން ނަމަވެސް އެ ކަމަކީ އަޅުގަނޑުގެ އަމިއްލަ ނަޒަރުން ބަލާއިރު އަޅުގަނޑު އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫން. އަޅުގަނޑު ކަންތައް ކުރާނެ ގޮތަކީ ހަމަ މުޣުނީ ވެސް ހާޒިރުކޮށްގެން ސުވާލުކޮށްފަ ގޮތެއް ނިންމާނީ." ސައުދުﷲ ވިދާޅުވި އެވެ.

ސައުދުﷲ އިތުރަށް ވިދާޅުވީ ހަމައެކަނި ތާއީދު އަނބުރާ ގެންގޮސްފި ކަމަށް ބުނެގެން ނިންމާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެ ނިންމުން އެމްޑީޕީން ނިންމި ގޮތުގެ ތަފުސީލެއް ހާމަ ކުރަން ޖެހޭނެ ކަމަށެވެ. މުޣުނީ އާއި މެދު އެޅުއްވި ފިޔަވަޅަކީ އެމްޑީޕީއާއި އެމްއާރުއެމްއާ މަޝްވަރާ ކޮށްގެން ނިންމި ނިންމުމެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކައަކީ ހަގީގަތެއް ނޫންކަމަށްވެސް ސައުދުﷲ ވިދާޅުވި އެވެ.

"އެމްއާރުއެމްއާއި އެމްޑީޕީ މި އޮތީ ކޯލިޝަނެއްގެ ތެރޭގައި. ކޯލިޝަނެއްގެ ތެރޭގައި އޮށްވާ ހަމަ ޕްރައިމަރީ ބާއްވައިގެން މި ހުރިހާ ކަމެއް މި ކުރީ. އެހެން ނޫނަސް އެމްޑީޕީއަކުން ބޭނުމެއް ނުވާނެ ދެއްތޯ އެމްޑީޕީގެ ގޮނޑިއެއް ދޫކޮށްލާކަށް ވެސް. އެމްޑީޕީން ގަބޫލު ކުރާ ގޮތުގައި އެ ޕާޓީއަށް ވަރަށް ތާއީދު ބޮޑު ރަށެއް އެއީ. އެހެންވެއްޖިއްޔާމުން އެ ލިބެން އޮތް ގޮނޑިއެއް ދޫކޮށްލާކަށް ނުޖެހޭނެ ދެއްތޯ." ސައުދުﷲ ވިދާޅުވި އެވެ.