އަކްރަމާއި ދަރިފުޅު ގޭގައި ސައިބޯން އިން ވަގުތެވެ. ގެއަށް އައިސް ވަނީ ޖުމާލާއި އިނާދެވެ. އެއީ އަކްރަމްގެ އެންމެ ގާތް ދެ އެކުވެރީންނެވެ. އަކްރަމްގެ އަންހެނުން ޒަހާގެ ވެސް ދެ ރައްޓެހީންނެވެ. ދެ މީހުން ފެނުމުން އަކުރަމް އެމީހުންނަށް ދައުވަތު ދިނީ ސަޔަށެވެ. ޒަހާ އެ މީހުންނަށް ސައި ހެދި އެވެ.

"ދަރިފުޅު މިހާރު ސައިބޮއި ނިމެއްޖެނު. އަވަހަށް ދޭ އެފަރާތަށް. ބޭބެމެން ސައިބޯން އަރަންވެއްޖެ" ޖުމާލުމެންގެ ގޮތް އެނގޭތީ ޒަހާ ވާހަކަދެއްކީ ދަރިފުޅަށެވެ.

ސައިބޯން ތިބެގެން އަކްރަމްމެންގެ ކަމަކަށް އޮތީ ހީނ ސަކަރާތް ޖެހުމެވެ. ކަންކަމަށް ޖޯކު ޖެހުމެވެ.

"ކޮބާ ބޯމަތަ ގަތީތަ؟" ސުވާލު ހުޅުވާލީ އަކްރަމެވެ.

"ބޯމަތައޭ؟ ކީއްވެ ބޯ ހިއްޕިއޭ ނުކީ؟ އެއީ ގޮތަކަށް ބޮލުގައި ތަތްކޮށްލާ އެއްޗެއްނު" އަކްރަމް ބޭނުން ކުރި ނަމަށް ޖުމާލު ޖެހީ ޖޯކެވެ.

"މަށަށް ހީވަނީ ބޮނބި މަތަ މާރީތި ވާނެހެން. އަދި ފުއްކިބަ ވެސް ހުތުރެއް ނޫން" އިނާދު ކީ ނަންތަކާއެކު އަކްރަމާއި ޖުމާލަށް ވެސް ޖަހާލެވުނީ ބާރު ހިނިގަނޑެވެ.

"މިއަދު ދެން މާލެ ދެވޭނީ އެ ބުނާ އެއްޗެއް ވެސް އަޅައިގެންވިއްޔާ. މަ ހިތަށް އަރާ ކިތައް މީހުންބާއޭ އެ އެއްޗެއް އަޅާނީ؟" ވާހަކަ ކުރިއަށް ގެންދިޔައީ އަކްރަމެވެ.

"އަޅާ ބަޔަކު އަޅާނެތާ. ބަޔަކު ނޭޅީމާ އެކަން ހުއްޓާލާފާނެ ތޯއްޗެ. ތަންކޮޅެއް ކުރިންވެސް ހެލްމެޓް އެޅުމުގެ ފޯރިގަނޑެއް ފެނުނު. ފަހުން އެކަން ހުއްޓުނީ. އެއީ މޫސުމީ ކަމެއް. އެކި މޫސުމުގައި ލައްވާލާނީ އެކި ކަންކަން. މި ފަހަރު ލައްވާލީ ހެލްމެޓާ. މާގިނަ ދުވަހެއް ނުވެ އެކަން ހުއްޓިދާނެ" ޖުމާލު ހާމަކުރީ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

"ހަމަ ބޭކާރު ކަމެއް. ބޭކާރު ޚަރަދެއް. ކޮންމެވެސް ބަޔަކަށް ފައިދާ ގަނޑެއް ހޯދައިދޭން ކުރާކަމެއް. ރަނގަޅަށް ވިއްޔާ މިހާރު ހުންނާނީ ހެލްމެޓު ޝިޕްމަންޓްތައް ވެސް މާލެ ގެނެސްފައި" އިނާދު ވިސްނީ މުޅިން ތަފާތު ކަނަކުންނެވެ.

"ބަލަ ހެލްމެޓް އެޅީމާ ފައިދާވާނީ އެ މީހަކަށްނު. ކިތައް މީހުންނަށް އެ އަނިޔާ ވަނީ؟ ކިތައް މީހުން އެ މަރުވަނީ؟" ޒަހާއަށް ނުއިނދެވިގެން އޭނާވެސް ވާހަކަދައްކަން ފެށިއެވެ.

"ބަލަ މަރަކީ ހިފެހެއްޓޭނެ އެއްޗެއް ނޫން. ތި ހެލްމެޓު އެޅިޔަސް މަރުވާނެ ބަޔަކު މަރުވާނެ. ބާރަށް ދުއްވާ މީހުން ބާއްރަށް ދުއްވާނެ. ހެލްމެޓު އެޅިއެކޭ ކިޔާފައި ވަކި އެކްސިޑެންޓް މަދުވާނެތަ؟ މަށަށް ހީވަނީ ހެލްމެޓު އެޅީމާ މީހުން ދުއްވާލެއް ބާރުހެން ވާނީ؟ އެއީ އަނިޔާ ނުވާނެކަމަށް ގަބޫލުކުރެވޭނަމަ މަޑެއްކޮށް ނުދުއްވާނެތާ" އިނާދު ގުޅުވާލީ ހެލްމެޓާއި ދުއްވުމުގެ ސްޕީޑާއެވެ.

"ތިއެއް ނޭނގެ މަށަކަށް. މަށަށް އެނގެނީ ކޮންމެ މީހަކުވެސް އެ ބުނާ ހެލްމެޓެއް ގަންނަން ޖެހޭކަން. މަށަށް އޮތީ ހެލްމެޓެއް ލިބިފައި" އިނާދާއި ޖުމާލުގެ މޫނަށް ބަލައިލަމުން އަކްރަމް ބުނެލި އެވެ.

"އަދި ކިރިޔާ އެކަމާ މި އުޅެނީ. މާލެ ދާނަމޭ ހިތާ މި އުޅެނީ. އޮފީސް ކުއްޖަކު ބުނި މާލޭގައި އެބަ ހުއްޓޯ ވަރަށް އަގުހެޔޮކޮށް ހެލްމެޓު ވިއްކާ ފިހާރައެއް. އެތަނަށް ދާން މި ދަނީ" އަކްރަމުގެ ސުވާލަށް އިނާދު ޖަވާބު ދިނެވެ.

"މަށެއް ތިއެއް ނުގަންނާނަން. ކަލޭމެން ދެ މީހުން ގަތީމާ މަ ހުންނާނަން އަޅަން. އެގޮތް ރަނގަޅެއްނު. އެ ބޮޑު އަގު ދީފައި ހެލްމެޓު ގަތުމަށްވުރެ ތެއްޔެއް ބޮލުގައި އަޅައިގެން ދިޔަސް މާ ރަނގަޅުވާނެ" ޖުމާލު ބުނި ވާހަކައިން އަކްރަމާއި އިނާދަށް ޖަހާލީ ހިނިގަނޑެކެވެ.

"ކެރޭނެ ތެއްޔެއް އަޅައިގެން ދާން؟" އިނާދު ސުވާލު ކުރީ ޖުމާލުއާ އެވެ.

"ކީއްވެ ނުކެރޭނީ؟ ތިއީ މާ ބޮޑު ކަމެއް ނޫން. ބުނޭ ތެއްޔެއް އަޅައިގެން މާލެ ހިނގައްޖެ ނަމަ ހެލްމެޓެއް ގަނެދޭން. އޭރުން ތިކަން ކޮށްފާނަން" ޖުމާލު ބޭނުންވީ އިނާދު ލައްވާ ހެލްމެޓެއް ގަނުވާށެވެ. އަކްރަމް އިނީ ހޭށެވެ. ޒަހާ އިނީ ހިތްހަމަ ނުޖެހިފަ އެވެ.

"ބަލަ ކަލޭމެން ތީ ކުޑަކުދިންތަ؟ ތިފާޑަށް އުޅެން. ކޮންމެ ފަދަ ކަމެއް ކުރާ ވާހަކަ ވެސް ދައްކަފާނެ"

"މީގައި ކޮބާ މައްސަލައަކީ؟ އަހަރެމެން މި އުޅެނީ ހެލްމެޓް ގަންނަން ދާކަށްނު. މިކަން ކުރަން އުޅުނަސް ތިހުންނަނީ ހިތްހަމަނުޖެހިފައި" ޖުމާލު ދިމާކޮށްލީ ޒަހާއަށެވެ.

"މައްސަލައަކީ މި އޮތް ހުރިހާ ދުވަހު އެކަން ނުކޮށް ތިބުން. މިއަދު ހެލްމެޓު އަޅަންވީމާ ތި އުޅެނީ ހެލްމެޓު ގަންނަން. އެއީ މައްސަލައަކީ" ޒަހާ ޖަވާބު ދިނެވެ.

"މައްސަލައަކީ އަހަރެމެންނަށް ޒަހާ ކަހަލަ އަނތްބަކު ނުލިބުން. އަކްރަމަށް ހެލްމެޓު ގަނެދިންކަން އަހަރެމެންނަށް އެނގެޔޭ. އެ ވާހަކަ ނުބުނެގެންނެއްނު ތި އުޅެނީ. އަހަރެމެންގެ އަނބީން ވެސް ތި ވަރަށް އަހަރެމެން ދެކެ ލޯބިވާނަމަ ދޯ ޖުމާލު" އިނާދުގެ ވާހަކަތަކުން ޒަހާގެ ގާތަށް އައީ ހިންޏެވެ. ނަމަވެސް އެ ހިނިތުންވުން ދައްކާކަށް ޒަހާ ބޭނުމެއް ނުވިއެވެ.

"އަކްރަމް މާލެ ދާންވާނީ ހެލްމެޓު އަޅައިގެން. މިއަދުން ފެށިގެން ހެލްމެޓު ނާޅައި ބުރިޖްމަތީ ދުއްވުމަކީ މަނާކަމެއް. އެ ތަނުގައި ފުލުހުން ހަރަކާތްތެރިވާނެކަން އިއްޔެ ޚަބަރުން ވެސް ގޮވި" ޒަހާ ވާހަކަދެއްކީ އަކްރަމާ އެވެ.

"އައްދޭ ހާދަ ވަރެކޭ. މިހާރު ފިރިމީހާއަށް އަމުރު ވެސް ކުރަންފެށީދޯ. އަނެއްކާ ތިއީ ޒަހާތަ؟" ޒަހާގެ ވާހަކަތަކަށް އިނާދު ދިމާކޮށްލި އެވެ.

"އާނ. އަހަރެން މާލެ ދާނަމަ ދާނީ ހެލްމެޓު އަޅައިގެން. މި ވަގުތު މިދަނީ ބޭރަށް. މާލެ ދަންޏާ ގެއަށް އަންނާނަން ހެލްމެޓު ނަގަން" ހިނިގަނޑު ޖަހާލަމުން އަކްރަމް ހިނގައިގަތީ ބޭރަށެވެ. އޭނާގެ ފަހަތުން ޖުމާލާއި އިނާދު ވެސް ހިނގައިގަތެވެ. ޒަހާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ތިން އެކުވެރީން ދިޔައީ ޕެޓްރޯލް ޝެޑާ ދިމާއަށެވެ. އޭރު ސައިކަލުތަކުގައި ބްރިޖާ ދިމާއަށް މީހުން ދަތުރުކުރެއެވެ. މަދު މީހަކު ނޫނީ ކޮންމެ މީހެއްގެ ބޮލުގައި ހެލްމެޓެއް އަޅާފައި ވެއެވެ.

"ކިހައި ކިޔަމަންތެރި. ކިހައި ރަނގަޅު. އެ ދަނީ ދަރީން. ހެލްމެޓޭ ބުނީމާ ހެލްމެޓު. އުނބެކޭ ބުނީމާ އުނބެއް. ދަޅެކޭ ބުނީމާ ދަޅެއް. އެހެން އުޅެން ނޭނގޭތީއޭ މައްސަލައަކީ" ކުރިމަތިން ހުރަސްކުރަމުން ދިޔަ މީހުންނަށް ނިސްބަތްކޮށް ޖުމާލު ބުނެލިއެވެ.

"ކޮބާ ތެލި؟ ތެލި ހިފައިގެން އާދޭ. މިއަދު މާލެ ދާންވާނީ ތެއްޔެއް ބޮލުގައި އަޅައިގެން. އޭރުން މި މާލޭ ބުރިޖް މަތިން ހެލްމެޓް ތެއްޔެއް އަޅައިގެން އެންމެ ފުރަތަމަ ހުރަސް ކުރިމީހަކަށް ވާނީ އަހަރެމެންގެ ޖުމާލު" އިނާދު ހަނދާން ކޮށްދިނީ ތެލީގެ މަތީންނެވެ. އޭނާ ބޭނުންވީ ޖުމާލު ލައްވާ އެކަން ކުރުވާށެވެ.

"ތެދެއް. މާލޭ ބުރިޖް އެކަންޏެއް ނޫން. މުޅި ދުނިޔޭގައި ވެސް ހެލްމެޓު ތެއްޔެއް ބޮލުގައި އަޅައިގެން ބުރިޖެއް ހުރަސްކުރި ފުރަތަމަ މީހަކަށްވާނީ ޖުމާލު" ޖުމާލު އެކަން ކުރުމަށް އަކްރަމް ވެސް ދިނީ ހިތްވަރެވެ.

"އޯކޭ. މަ ތިކަން ކޮށްފާނަން. އެކަމަކު ކަލޭމެން ދެ މީހުން ވެސް މަށާއެކު ދާންވާނެ" ޖުމާލު ކުރީ ޝަރުތެކެވެ.

"އައްދޭ މިހާރު ތި ގޯސްވަނީ؟ ތި ފިނޑިވީ؟ ތިއީ ވާވަރު. މަށަށް އޭރުވެސް އެނގޭ ތިކަން ވާނީ ތިހެންކަން" އިނާދު ދިމާކޮށްލީ ޖުމާލަށެވެ.

"އެ ތަނުގައި ފުލުހުން ތިބޭނެ. ކިހިނެއް ހުރަސް ކުރާނީ؟ ކަލޭމެން ދެމީހުން ދާނަމަ އަހަރެން ދާނަން. މިހާރު ވެސް ބައެއް މީހުން ހެލްމެޓް ނާޅާވެސް އެހަރަ ދަނީނު" ޖުމާލު ބާރު އެޅީ އޭނާއާއެކު އަކްރަމާއި އިނާދު ވެސް ގެންދިއުމަށެވެ.

(ނުނިމޭ)