ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވަނީ ހިތާމަވެރި ހާދިސާތައް ގިނަވެފައެވެ. މިގޮތުން އެންމެ ފުރަތަމަ ދިވެހިން ސިއްސުވާލީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 9 އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ ހާދިސާއިންނެވެ. އެއަށް ފަހު މާލޭގެ ނުވަތަ ހުޅުމާލޭގެ އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ގައިގައި ޖެހި އަނިޔާއެއްވާ ވާހަކަ އަޑުނީވޭ ދުވަހެއް މަދެވެ. ދެން އިވެން ފެށީ ތަފާތު ވާހަކައެކެވެ. މޫދުގައި ނުވަތަ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ފަތުރުވެރިން މަރުވާ ވާހަކައެވެ. އެފަދަ ހާދިސާއެއްގެ އަޑުނީވޭ ދުވަހެއް ވެސް މަދެވެ.

މިފަދަ ގިނަ ހާދިސާތަކަކަށް ދިވެހިންގެ ސަމާލުކަން ހުއްޓިފައި ވަނިކޮށް މުޅި ގައުމު ސިއްސުވާލީ ލ. ފޮނަދޫ އިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ދަރިފުޅު ދެކިލުމަށްޓަކައި ދަތުރުފެށި އުމުރުުން 19 އަހަރުގެ އައިމިނަތު ޝިމާ ކަނޑުމައްޗަށް ގެއްލުނު ހާދިސާއިންނެވެ. އެހާދިސާއަށް 26 ދުވަސް ވެފައިވާއިރު އަދިވެސް އޭނަގެ އެއްވެސް ހިލަމެއް ނުވެއެވެ.

ޝިމާ ގެއްލުމުން އެންމެ ފުރަތަމަ ސޯޝަލް މީޑިއާއާއި މެއިން ސްޓްރީމް މީޑިއާތަކުގައި އެވާހަކަ ރިޕޯޓުކޮށްފައިވާ ގޮތަށް ބަލާއިއިރު ލ. ފޮނަދޫ އިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޝިމާ ދަތުރު ފަށާފައިވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ލ.ގަން މުކުރިމަގު އަވަށުގެ އިބްރާހިމް ފަޒީލާ އެކުގައެވެ. އުމުރުން 24 އަހަރުގެ ފަޒީލާއެކު ޝިމާ ދަތުރު ފެށީ ކުޑަކުޑަ ޑިންގީއެއްގައި ކަމަށް ވެއެވެ. އަދި ޑިންގީ ބަނޑުން ޖަހާލައި ކަނޑުމައްޗަށް ޝިމާ ގެއްލުނުއިރު އެކަން އެހެން މީހުންނަށް އެނގުނީވެސް ދަތުރުގެ ބައިވެރިޔާ ފަޒީލަށް ހިކިފަސްގަނޑަކާ ހަމައަށް ދެވުމުންނެވެ.