ކަނޑުމަތިން ސަލާމަތްކުރި 49 ރެފިއުޖީންނާއި ހިޖުރަވެރިން އިޓަލީގެ ފަސްގަނޑަށް އެރުވުން އިޓަލީގެ ދާޚިލީ ވަޒީރު މަޓިއޯ ސަލްވީނީ މަނާކުރެއްވުމުގެ ސަބަބުން އެމީހުން ހާލުގައި ޖެހިއްޖެއެވެ.

ސަލްވީނީއަކީ ރެފިއުޖީންގެ މައްސަލާގައި ވަރަށް ހަރުކަށި ގޮތްތަކެއް ގެންގުޅޭ ވަޒީރެކެވެ.

އިޓަލީގައި ކަނޑުމަތީގައި ހާލުގައިޖެހޭ ރެފިއުޖީން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްއިއްޔާއެއްގެ ބޯޓަކުން ސަލާމަތްކުރި މީހުންގެ ތެރޭގައި 12 ކުޑަކުދިންވެސް ހިމެނެއެވެ.

އެބޯޓުން ރެފިއުޖީންނާއި ހިޖުރަވެރިން ސަލާމަތް ކޮށްފައިވަނީ އިޓަލީގެ ކަނޑުގެ ސަރަހައްދުންނެވެ. އެއީ، ފެތެމުންދިޔަ ޑިންގީއެއްގައިތިއްބައި މެޑިޓަރޭނިއަން ކަނޑުންނެވެ.

ނަމަވެސް، އެމީހުން އިޓަލީގެ ފަސްގަނޑަށް އެރުވުން އިޓަލީގެ ދާޚިލީ ވަޒީރު މަނާކުރެއްވުމުގެ ސަބަބުން އެހުރިހާ އެންމެން އަދިވެސް ތިބީ، އިޓަލީގެ ރަށެއް ކަމަށްވާ ލަމްޕެޑޫސާ ކައިރީގައި ބޯޓުގައެވެ.

އިޓަލީގެ ދާޚިލީ ވަޒީރު ސަލްވީނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "އަހަރެމެންގެ ބަނދަރުތައް ހުރީ އަދި ހުންނާނީވެސް ބަންދުކޮށްފައި" ކަމަށެވެ.

އަދި ފަހުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސޯޝަލް ގްރޫޕްތަކުން ސަރުކާރު ބްލެކްމެއިލް ކުރި ނަމަވެސް ދޫނުދެއްވާނޭ ކަމަށެވެ. ސޯޝަލް ގްރޫޕްތަކަކީ އިންސާނީ ވަގުފާރި ގްރޫޕްތަކާ ގުޅިފައިވާ ބައެއް ކަމަށްވެސް ތުހުމަތު ކުރައްވާފައި ވެއެވެ.

"އެ ހިޖުރަވެރިންނަށް ބޭސްފަރުވާކޮށް، ކާންބޯންދީ، ހެދުންދީ އެނޫން އެހީތެރިކަން ދެވިދާނެ، އެކަމަކު އަޅުގަނޑު ހުއްދަދީގެން އެމީހުންނަށް ލާހިކައެއްނޫން އިޓަލީގެ ފަސްގަނޑުގައި ފައި ބީއްސާލާކަށް" އިޓަލީގެ ޓީވީއަކާ ވާހަކަ ދައްކަވަމުން ދާޚިލީ ވަޒީރު ވިދާޅުވެފައި ވެއެވެ.

އެކަމަކު، ލަމްޕެޑޫސާގެ މޭޔަރ ޓޮޓޯ މަރްޓެއްލޯވަނީ، އިޓަލީގެ ބަނދަރުތައް ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެ ދާޚިލީ ވަޒީރު ސަލްވީނީ ދެއްކެވި ވާހަކަތަކަށް ގޮންޖައްސަވާފައެވެ.

ޓޮޓޯ ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 3،000 އަށްވުރެ ގިނަ ހިޖުރަވެރިން ލަމްޕެޑޫސާއަށް އެތެރެވެފައިވާ ކަމަށާއި، އެމީހުން އައިސްފައިވަނީވެސް މީހުން ވަގަށް އެތެރެކުރާ ފަރާތްތަކުގެ ބޯޓުފަހަރު ތަކުގައި ކަމަށެވެ.