އެއްވެސް މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމުގެ ސަބަބުން އެމީހަކު މުޖްތަމައުން ބާކީކޮށް ނުލެވޭނެ ކަމަށް މިިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

ލޮލަށް ނުފެންނަ މީހުން ކީރިތި ގުރުއާން ކިޔެވުމަށް ހާއްސަ ޕްރޮގްރާމް އިފްތިތާހް ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރް އަލީ ވިދާޅުވީ، އެއްވެސް މީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމުގެ ސަބަބުން އެމީހަކު މުޖްތަމައުން ބާކީ ކޮށްނުލެވޭނެ ކަމަށާއި، އެފަދަ މީހުންނަށް އިސްލާމްދީނުގައި ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ދީފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމީހަކީ ކޮންމެފަދަ ނުކުޅެދުންތެރި ކަމެއް ހުރި މީހެއް ކަމުގައިވިޔަސް ގާބިލް މީހަކަށްވެ މުޖްތަމައަަށް ހިދުމަތް ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިދޭން ޖެހޭކަމަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ލޮލަށް ފެނުމަށް މަހުރޫމްވެފައިވާ މީހުންނަށް ކޮންމެ މަހަކު ދީން އުނގަންނައިދިނުމުގެ އަދި ދީނީ ކަންތައްތައް އޮޅުންފިލުވުމުގެ ދެ ސެޝަނެއް ކުރިއަށް ގެންދެވޭނެ." ޑރ. އަހްމަދު ޒާހިރް އަލީ ވިދާޅުވިއެވެ.

އަދި ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ކުދިންނަށް ހުތުބާ، ސައިން ލެންގުއޭޖް އިން ތަރުޖަމާ ކުރަން ދަސްކޮށްދިނުމަށް އަވަސް މުސްތަގްބަލެއްގައި ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތް ނިންމަވާލެއްވީ ބްރެއިލް މުސްޙަފް ބެނުންކޮށްގެން ލޮލަށް ފެނުމުން މަހްރޫމްވެފައިވާ ކުއްޖަކުގެ ގުރުއާން ކިޔެވުމުންނެވެ.