ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ޝަމީމް (އަނދުން ހުސައިން) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަނދުން ހުސައިން މިދިޔަ ހޯމަ ދުވަހު އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފުސީލެއް އެ ކޮމިޝަނުން ހިއްސާކޮށްފައެއް އެވެ.

އެނގިފައިވާ ގޮތުގައި އަނދުން ހުސައިން އޭސީސީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ އޭނާ ވާދަކުރައްވާ ދާއިރާގެ މީހުންނަށް ސްކޮލާޝިޕްގެ ފުރުސަތުތަކެއް ހުވާލައި، މި އަހަރު އެ ދާއިރާގެ ފަސް ކުއްޖަކަށް އިންޑިއާއިން ކިޔެވުމުގެ ފުރުސަތު ދެއްވުމަށް އޭނާ ނިންމެވުމާ ގުޅިގެންނެވެ.

އިންތިހާބުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކުރިމަތިލައިގެން އުޅޭ ދާއިރާއިން ތާއީދު ހޯދުމަށްޓަކައި ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތް ފޯރުކޮށްދިނުން ނުވަތަ އެހެން މަންފާއެއް ފޯރުކޮށްދިނުން ނުވަތަ އެފަދަ ކަމެއް ކޮށްދިނުމަށް ވައުދު ވުމަކީ ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުން ކަމުގައި ބެލެވޭނެ އެވެ.

އިންތިހާބާ ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ބަލަން އޭސީސީން ވަނީ ހާއްސަ ޓީމެއް ވެސް އެކުލަވާލާފަ އެވެ.

އޭސީސީން މީގެ ކުރިން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރިޝްވަތުގެ ކުށުގެ ގޮތުގައި ތުހުމަތު ކުރެވޭ ތިން މައްސަލައެއް ހުށަހަޅާފައިވުމުން ތިން މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.

އަނދުން ހުސައިންގެ އިތުރުން ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ އަލްހާން ފަހުމީ ވެސް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.

އަލްހާން އޭސީސީއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވަނީ އޭނާ ބޭއްވި ދެ މުބާރާތެއްގައި ކާމިޔާބު ހޯދި ފަރާތްތަކަށް އިނާމުގެ ގޮތުގައި ފައިސާ ހުށަހަޅާފައިވާތީ އެވެ. އެ މައްސަލައިގައި އަލްހާން ވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތަށް އިންކާރު ކުރައްވާފަ އެވެ.