މަސްވެރިންގެ ޕާކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ ޓާމިނަލްގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުރޫޒް ލައިންތަކުން މާލެއަށް ދަތުރުކުރާ ފަތުރުވެރިން އަރައި ފޭބުމަށް މަސްވެރިންގެ ޕާކް ސަރަހައްދު ބޭނުން ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުން ހުސްވި އަހަރުގެ ޖެނުއަރީ މަހު ވަނީ ހަމަޖައްސާފަ އެވެ. އެހެން ނަމަވެސް ކުރޫޒް ލައިންތަކުން އަދިވެސް ބެނުންކުރަމުން ގެންދަނީ މާލެ އެއް ނަމްބަރު ފާލަމެވެ.

ކުރޫޒް ލައިންތަކުން މާލެއަށް ދަތުރުކުރާ ފަތުރުވެރިން މާލެއަށް އަރައި ފޭބުމަށް މަސްވެރިންގެ ޕާކް ތަރައްގީ ކުރާއިރު އެތަން ހަދަނީ އާންމު ފާހާނާތަކާއެކު ކްރޫޒް ލައިނާތަކަށް ހާއްސަ ކޮށްގެން ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ މައުލޫމާތު ދީފަ އެވެ.

މަސްވެރިންގެ ޕާކް ތަރައްގީކޮށް ނިމުމުން ކްރޫޒްލައިނާތަކުން މާލެ އަންނަ ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތްތަކެއް ލިބޭ ތަނަކަށް އެތަން ވެގެންދާނެ ކަމަށްވެސް މާލެ ސިޓި ކައުންސިލުން މައުލޫމާތުދެ އެވެ.

ދަތުރުވެރިންނާއި ކްރޫޒް ލައިނާތަކުން ރާއްޖެ އައިސް ވިޔަފާރި ކުރާ ފަތުރުވެރިންނަށް އެމީހުން ބޭނުންކުރާނެ އެކަށީގެންވާ އާންމު ފާހާނާތައް ނެތް މައްސަލައަކީ އެމީހުން އާންމުކޮށް ކުރަމުން އަންނަ ޝަކުވާ އެކެވެ.

މަސްވެރިންގެ ޕާކު ހަދާ ނިމުމުން އެ ޝަކުވާތަކަށް ހައްލު ލިބިގެން ދާނެ ކަމަށް މާލެ ސިޓި ކައުންސިލުން ބުނެ އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މަސްވެރިންގެ ޕާކުގައި ހަދާ އަންމު ޕާކިން ޒޯނާއި ކުރޫޒްލައިނާތަކުން މާލެ ފައިބާ ފަތުރުވެރިންނަށް ހަދާ ޓާމިނަލް ހެދުމަށް އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހޮނިހިރު ދުވަހު ފަށާނެ ކަމަށެވެ.

ޝަމާއު ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ އިތުރުން އެމްޕީއެލްއާއި ޕްލޭނިން މިނިސްޓްރީއާއި އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީއާ ވެސް ގުޅިގެން ކަމަށެވެ. އެހެންކަމުން މިމަސައްކަތަށް ބަޖެޓުގެ އެއްވެސް ދަތިކަމެއް މިވަގުތު ނެތް ކަމަށްވެސް ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ ހުރިހާ ކުންފުނިތަކަކުންވެސް އެކުންފުންޏެއްގެ ތަޖުރިބާ ހުރި ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"މިމަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެއް. އެހެންވީމާ ބަޖެޓުގެ އެއްވެސް ދަތިކަމެއް ނެތް،" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންގެ ޕާކް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ކޮންމެވެސް ވަރަކަށް ހިނގަމުންދާ ކަމަށާ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. އަދި ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި މިމަސައްކަތް ނިންމާލުމަށް ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

ޝަމާއު ވިދާޅުވީ އެތަން ހަދާ ނިމޭއިރު، އެތަނުގައި އާންމުން ބޭނުންކުރާނެ ފާހާނާތައް ހެދިފައި ހުންނާނެ ކަމަށާ އަދި މަޑުކޮށްލައިގެން ތިބުމަށް ކުޑަ ޕާކެއް މެދުގައި ހުންނާނެ ކަމަށެވެ.

ޝަމާއު އިތުރަށް ވިދާޅުވީ ކުރޫޒުލައިނާ ތަކުން އަންނަ ފަތުރުވެރިން މީގެ ކުރިން މަޑުކޮށްލައިގެން ތިބޭނެ ތަނެއް ނުހުންނާތީ މަސްވެރިންގެ ޕާކް ހަދާ ޓާމިނަލާ އެކު ފަތުރުވެރިން ކަންބޮޑުވާ އެތައް ކަމަކަށް ހައްލު ހޯދޭނެ ކަމަށެވެ.