ބެންކޮކްގައި ކުރިއަށްދިޔަ އެފްއައިވީބީ ލެވެލް 2 އިންޓަނޭޝަނަލް ވޮލީބޯލް ކޯޗިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ކޯސް ކުރިއަށްދިޔައީ މިމަހުގެ 14 އިން 18 އަށް ތައިލެންޑްގެ ބެންކޮކްގައެވެ. މި ކޯހުގައި ރާއްޖޭގެ 5 ކޯޗުން ބައިވެރިވިއިރު، މިއީ ލެވެލް 2 ގެ ކޯހުގައި އެންމެ ގިނަ ކޯޗުން ބައިވެރިވި ފަހަރެވެ. ރާއްޖޭގެ އިތުރުން ހަތް ގައުމެއްގެ ކޯޗުން ވަނީ މި ކޯހުގައި ބައިވެރިވެފައެވެ. އެއީ ތައިލެންޑާއި، އޮސްޓްރޭލިއާ އާއި، މެލޭޝިއާ އާއި، ފިލިޕީންސް އާއި، ސިންގަޕޯރ އާއި، ޖަޕާނާއި، ހޮންގް ކޮންގް ގެ އިތުރުން ޗައިނާ އެވެ. ޖުމްލަ 23 ކޯޗުން ވަނީ މި ކޯސް ފުރިހަމަ ކޮށްފައެވެ.

ކޯހުގައި ރާއްޖެއިން ބައިވެރިވި ކޯޗުންނަކީ ގައުމީ ފިރިހެން ޓީމުގެ ކޯޗު މުހައްމަދު ސާޖިދާއި (ކާއްޓޭ) އާއި، އިބްރާހީމް ރަޝީދާއި، މުހައްމަދު ރިޝްވާން އާއި، ސޮފްވާން އަހުމަދުގެ އިތުރުން އިބްރާހީމް ފަލާހު އަބޫބަކުރެވެ. މި ކޯހުގެ ބައިވެރިންގެ ޚަރަދުތައް ބަލަހައްޓާފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ.

އެފްއައިވީބީގެ ލެވެލް 2 ގެ ކޯސް ރާއްޖޭގެ ފަސް ކޯޗަކު ފުރިހަމަކުރިއިރު، އެފްއައިވީބީ ލެވެލް އެކެއްގެ ކޯޗިން ކޯހެއް ދާދި ފަހުން މާލޭގައި ވަނީ ބާއްވާފައެވެ.