ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި ހުރި މައްސަލަތައް އެރަށުގެ ކައުންސިލްގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަމާލުކަމަށް ގެެންނަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރަށުގެ މިހާރުގެ ހާލަތާއި ދެއްވަދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ހިއްސާކުރައްވާފައެވެ.

އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް މިވަގުތަށް އެންމެ މުހިންމީ ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ކަމަށާއި، ނަރުދަމާ ގާއިމުކުރާއިރު ޓްރީޓްމަންޓް ޕްލާންޓެއްގެ މުހިންމުކަން ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ދެއްވަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއި، ރަށުގެ ބަނދަރު ތޮށި މަރާމާތުކުރުމުގެ އިތުރުން ދެއްވަދޫއިން ގޯތި ދޫކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މީގެ އިތުރުން އެރަށުގައި ބޭންކިންގ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ބޭނުންވާކަމަށާއި، ފެރީ ޚިދުމަތް އިތުރަށް ރަނގަޅުކުރުމުގެ އިތުރުން، ދެއްވަދޫ ސިއްހީ މަރުކަޒުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމަށްވެސް ކައުންސިލް މެންބަރުން ވިދާޅުވިއެވެ. އަދި، ކައުންސިލުން ވަނީ ޒުވާނުން ކުޅިވަރު ކުޅެން ބޭނުންކުރާ ފުޓްބޯޅަދަނޑު ތަރައްގީކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން ރައީސް ސޯލިހް ގެންދަވަނީ ގިނަ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ބައްދަލުކުރައްވާ ރަށްރަށައް ބޭނުންވާ ކަންކަން ސާފުކުރައްވަމުންނެވެ.