މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ރައުޝަން ޖިއާން ނިޔާވި ހާދިސާ އާއި ގުޅިގެން، ދައުވާ އުފުލާފައިވާ 6 މީހުންގެ ޝަރީއަތް މާދަމާ ފެށުމަށް ތާވަލުކޮށްފިއެވެ.

ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު، ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާމަންޒިލްގައި އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއްގެ ދަށުވެ ނިޔާވީ ބަނގުލަދޭޝްއަށް ނިސްބަތްވާ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން އެވެ. ރައުޝަން ނިޔާވި އެ ފަރުވާކުޑަ ހާދިސާގެ މައްސަލަ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައި ފެބްރުއަރީމަހުގެ ތެރޭގައެވެ.

އެ މައްސަލާގައި އިންޑިޔާއަށް ނިސްބަތްވާ 4 މީހަކާއި ދެ ދިވެއްސެއް ހިމެނޭގޮތުން 6 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެމީހުންގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00ގައެވެ.

މި މައްސަލާގައި ދައުވާކުރާ އިންޑިޔާ މީހުންނަކީ ރައްޖާވް އަލީ، މުތުމަނި ރަމަޗަންދުރަން، ކެޝަރިލަލް ޗައުހާން އަދި ގުލަމް މުހައްމަދެވެ. ދައުވާ އުފުލާފައިވާ ދެ ދިވެހިންނަކީ މޫސާ ހަސަން އަދި އާދަމް ޝަފީގެވެ.

ބިދޭސީންގެ މައްޗަށް އުފުލާފައިވަނީ މީހަކުމަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި އެ އަމަލު ހިންގުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. މި މައްސަލައިގައި ޝާމިލްވި ދެ ދިވެހިންގެ މައްޗަށް އުފުލާފައި ވަނީ، މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް އެމީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖިއާންގެ މަރާއި ގުޅިގެން، އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާގުޅޭ އިދާރާތަކުން ގެންދަނީ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ.