އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގި ހިޔާނާތުގެ އަމަލުތައް ތަހުގީގުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނެރުނު ރިޕޯޓުގައި ސިފައިންގެ އިސް މަގާމެއްގައި ތިއްބެވި ދެ ބޭކަލެއްގެ ނަން ހިމެނިފައިވާތީ އެ ދެބޭކަލުން ގޭގައި މަޑުކުރަން އަންގައިފިއެވެ.

ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފްގެ އިސް ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އޭސީސީން އާންމުކުރި ރިޕޯޓަކާއި ގުޅިގެން ސަރުކާރުން ބައްލަވަމުން ގެންދަވާ މައްސަލަތަކަކާއި ގުޅިގެން ސިފައިންގެ ދެ ބޭކަލަށް ފިޔަވަޅު އަޅާފައިވާކަމަށެވެ.

އެއީ އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް ނަވީންއާއި ސާރޖަންޓް އިސްމާއީލް ޝަކީބްކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މޭޖާ އިބްރާހީމް ނަވީންއާއި ސާރޖަންޓް އިސްމާއީލް ޝަކީބް ގޭގައި މަޑުކުރައްވަން އަންގަވާފައިވާއިރު، އޭސީސީން އާންމުކުރި ރިޕޯޓަކާއި ގުޅިގެން ސަރުކާރުން ބައްލަވަމުން ގެންދަވާ މައްސަލަތަކަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ ވިދާޅުވެފައެވެ.

ރިޕޯޓު ހާމަކުރިއިރު ނަވީން ހުންނެވީ ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަންނަވަން ރާއްޖެއިން ބޭރުގައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ރިޕޯޓު އާންމު ކުރުމާއެކު، އެ ހިޔާނާތުގައި ފައިސާ ޖަމާވި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މިހާރު ވެސް ވަނީ ފިޔަވަޅު އަޅަން ފަށާފަ އެވެ. އެ ގޮތުން ހިޔާނާތުގެ ފައިސާ ޖަމާވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފެން ކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމް ގޭގައި މަޑުކުރެއްވުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

މި ބޭފުޅުންގެ މައްސަލަތައް ބަލަމުންދާއިރު، އަދި އެއްވެސް މައްސަލައަކާއި ގުޅިގެން ގޮތްތަކެއް ނުނިންމަވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.