(19 މާޗް 2019އާ ގުޅޭ)

"އެ ތަނުގައި ފުލުހުން ތިބޭނެ. ކިހިނެއް ހުރަސް ކުރާނީ؟ ކަލޭމެން ދެމީހުން ދާނަމަ އަހަރެން ދާނަން. މިހާރު ވެސް ބައެއް މީހުން ހެލްމެޓް ނާޅާވެސް އެހަރަ ދަނީނު" ޖުމާލު ބާރު އެޅީ އޭނާއާއެކު އަކްރަމާއި އިނާދު ވެސް ގެންދިއުމަށެވެ.

"އޯކޭ. އަހަރެން ދާނަން" އިނާދު އެއްބަސްވީ ޖުމާލާއެކު ދާށެވެ.

"މަވެސް ދާނަން. މަޑުނުކޮށް ދުއްވީމާ ދެވޭނެއްނު" އަކްރަމް ވެސް އެއްބަސްވީ ޖުމާލާއެކު ދާށެވެ.

ތިން އެކުވެރީންގެ ދަތުރު ފެށިއެވެ. ތިން މީހުންނަށް ދެވުނީ ވަކި ހިސާބަކަށެވެ. ފުލުހުންގެ އަތުގެ އިޝާރާތުން ތިން މީހުން މަޑުކުރުވިއެވެ. އޭރު އެތަނުގައި ހައެއްކަ މީހަކު މަޑުކުރުވާފައި ވެސް ތިއްބެވެ. ފުލުހުން ދިޔައީ މަޑުކުރުވާފައި ތިބި މީހުން ފާސްކުރަމުންނެވެ. ފުރުޞަތުގެ ބޭނުން ހިފައި އިނާދު އޭނާގެ ސައިކަލު ދުއްވާލިއެވެ. އެ ވަގުތުގެ ބޭނުންކޮށް އަކްރަމާއި ޖުމާލު ވެސް ދުއްވާލިއެވެ. އިނާދުގެ ޖުމާލަށް ބަލައިލުމަށްފަހު، ސައިކަލުގެ މުއްގަނޑަށް ފެލައިލިއެވެ. ބާރު ސްޕީޑްގައި މާލެއާ ދިމާއަށް ދަތުރު ފެށިއެވެ. އޭނާގެ ފަހަތުން އަކްރަމާއި ޖުމާލުވެސް ދަތުރުފެށިއެވެ. ބާރު ދުވެލީގައި ހެމުންހެމުން ދުއްވަމުން ދިޔައެވެ.

ތިން މީހުންނަށް ދެވުނީ ހުޅުލެއަށް ދިއުމަށް އޮތް މަގާ ހަމައަށެވެ. ބާރު ދުވެލީގައި ކުލިއަކަށް ހުރަސްކުރި ސައިކަލެއް ކޮންޓްރޯލުން ނެއްޓި އައީ ޖުމާލާ ދިމާއަށެވެ. އޭނާގެ ހުޝިޔާރު ހަރަކާތުން އެެއިން ރެކިގަތެވެ. ނަމަވެސް އެ ސައިކަލު އައިސް ލައިގަތީ އަކްރަމްގެ ސައިކަލުގައެވެ. ބާރު އަޑާއެކު އަކްރަމް ވިއްސައިގެން ދިޔައީ މާދުރަށެވެ. އޭނާގެ ސައިކަލު ގޮސް ތަރަވެފައި އޮތީ މަގު ދެބައިކުރަން ޖަހާފައި ހުރި ޑިވައިޑަރތަކުގައެވެ. އަކްރަމްގެ މުޅި ބޮލާއި މޫނު އޮތީ ވަކި ނުވާވަރު ވެފައެވެ. ފައިބަމުން ދިޔަ ލެއިން މީހާގެ ގަމީސް ފޯވަމުން ދިޔައެވެ. އެކްސިޑެންޓްވީ އަނެއް މީހާވެސް އޮތީ ހިރި ނުލެވިފައެވެ.

މާ ގިނައިރު ތަކެއް ނުވެ ފުލުހުން ތިބީ އެތަނުގައެވެ. ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ ދުއްވި މީހުންގެ ފަހަތުން އައިހެވެ. އިސާހިތަކު އެންބިއުލާންސް ވެސް އަތުވެއްޖެއެވެ. މުޅި ހިސާބުގަނޑު ބަންދުވެއްޖެއެވެ. މީހުންތައް ޖަމާވާން ފަށައިފިއެވެ. ޖުމާލާއި އިނާދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިއްޖެއެވެ. އަނިޔާ ލިބުނު އަނެއް މީހާއާއި އަކްރަމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ.

އަކްރަމް އެކްސިޑެންޓްވި ޚަބަރު ޒަހާއަށް ލިބުނީ އެކަން ހިނގިތާ ތިރީހަކަށް މިނެޓު ފަހުންނެވެ. ޒަހާއަށް ހީވީ ފައިދަށުން ބިންގަނޑު ދޫވިހެންނެވެ. ހަތަރު އުދަރެސް ފެނުޖެހުނުހެންނެވެ. އޭނާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.

ޒަހާ ހޮސްޕިޓަލަށް ދިޔައެވެ. އައިސީޔޫ ދޮރުގެ ކުރިމަތީ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ވަދެވުނީ އިރުތަކެއް ފަހުންނެވެ. ފާއިތުވާ ކޮންމެ ސިކުންތެއް ޒަހާއަށް ވީ ގަޑިއިރަކަށެވެ. ހޭދަވާ ކޮންމެ މިނެޓަކުން އުފައްދަނީ ސުވާލުތަކެވެ. އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އިނާދު ކޮބައި ހެއްޔެވެ؟ ޖުމާލު ކޮބައި ހެއްޔެވެ؟ އެމީހުން ނާންނަނީ ހެއްޔެވެ؟ އެމީހުން ފިލީ ހެއްޔެވެ؟ ޒަހާގެ ހާސްކަން ދިޔައީ ބޮޑުވަމުންނެވެ. ހިތުގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ޒަހާއަށް އިހުސާސް ކުރެވެމުން ދިޔައީ ހިނގައިގެން އުޅެނީ ކުޑަކަމެއް ނޫންކަމެވެ. އެއްވެފައިވާ މީހުންނާއި އެތަނުގައި މީހުންތައް ހަރަކާތްތެރިވަމުން ދިޔަގޮތުން އޭނާއަށް ލިބެމުން ދިޔައީ ހިތާމައެވެ. މުޅި މީހާ ގައިން ވަރުދޫވާހެންވެސް ހީވާން ފެށިއެވެ.

ގަޑިއިރަކަށް ފަހު އައިސީޔޫއަށް ޒަހާ ވެއްދިއެވެ. އޭނާގެ ފިރިމީހާގެ ހަށިގަނޑު ޒަހާއަށް ފެނުނެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް ކުރިމަތީ އެއޮތީ އަކްރަމެވެ. ހަށިގަނޑުގެ ބޮޑުބައި ބެންޑޭޖުން ނިވާކުރެވިފައިވާއިރު އޭނާގެ ހަރަކާތެއް ނެތެވެ. ޒަހާގެ ޚަބަރު ހުސްވިއެވެ. އޭނާގެ ހެޔަށް ގޮތްވިއެވެ. އަކްރަމް އޮތް ހާލުފެނި އޭނާއަށް ކެތް ނުވީއެވެ. އަނބުރައި ގަތީއެވެ.

ހަފުތާއެއް ވީއިރު ވެސް ޒަހާ ހަމައަކަށް ނޭޅެއެވެ. ހަމަ ވިސްނަނީއެވެ. އަކްރަމާމެދު ޑޮކްޓަރުންގެ އުންމީދު ކަނޑާލާފައިވާތީ އެކަމާ ހިތާމަ ކުރެވެނީއެވެ. އިހު އުޅުނު އުޅުން އުޅެވިދާނެކަމާމެދު ޝައްކުކުރެވެނީއެވެ. އޭނާއަށް ވިސްނެނީ އޭނާގެ މުސްތަގުބަލަށް ވާނެ ގޮތެކެވެ. ދަރިފުޅުގެ ކުރިމަގަށް ކުރާނެ އަސަރެވެ. އެ ހިތާމާގައި އެތައް މަހެއް ޒަހާ ހޭދަކުރިއެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ. ވަރުބަލި ވުމެއް ނެތިއެވެ. ކެތްތެރިކަމާއެކުއެވެ.

މިއަދުވެސް ޒަހާ އައިސް އެ ވަނީ ވޯޑު ނަންބަރު 14 އަށެވެ. އެވޯޑުގައި 6 އެނދު ބެހެއްޓިފައިވާއިރު އެއިން ކޮންމެ އެނދެއްގައި ވެސް ކޮންމެވެސް ބަލި މީހަކު ބާއްވާފައި އޮތެވެ. ޒަހާ އިށީނދެ ލައިގެން އިނީ ދޮރާ އެންމެ މަގަތުގައި ހުންނަ އެނދު ކައިރީ ބެހެއްޓިފައިވާ ގޮނޑީގައެވެ. އެއީ ކޮންމެ ދުވަހަކާއި ރެއެއްގެ ވެސް ޒަހާގެ އާދައެވެ. އަށް މަހާ 27 ދުވަސް އެ ހޭދަކުރަނީ ފިރިމީހާ ގާތުގައި އެ ހޮސްޕިޓަލުގައެވެ. ފިރިމީހާގެ ޚިދުމަތުގައެވެ.

ހިމޭންވެފައިވާ މާ ހައުލުގައި މަޑު އަލި ކަމުގައި ޒަހާ އިނީ އުޖާލާކަން ގެއްލިފައިވާ އޭނާގެ ފިރިމީހާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މޫނުން މިއަދު ޒަހާއަށް ލިބެނީ މޮޅިވެރިކަމެވެ. އުންމީދެއް ނެތް މާޔޫސްކަމެވެ. މުޅި މީހާގެ ސިފަ އެވަނީ ބަދަލުވެފައެވެ. ނޭފަތައި ނިތްކުރިމަތީ އެވަނީ ވަޅު ހެދިފައެވެ. ބޮލުގެ ކަނާތްފަރާތުން ބައެއް އެވަނީ އުނިވެފައެވެ. ޒަހާގެ ހިތަށް ވެރިވަމުން ދިޔަ އިހުސާސްތަކާއެކު އޭނާއަށް ހިންދިރުވާލެވުނެވެ. ފިރިމީހާ އަކްރަމަށް އެނޫން ގޮތެއް ނެތްކަން ޒަހާއަށް އެނގެއެވެ. އެ އުނިކަމުން ސަލާމަތް ނުވެވޭނެކަން ޒަހާ ދަނެއެވެ. ނަމަވެސް އެއީ ފިރިމީހާއެވެ. މި ދުނިޔެ މަތީ އެންމެ ލޯބިވާ މީހާއެވެ. ޒަހާއަށް ލިބިފައިވާ އަށް އަހަރުގެ ދަރިފުޅު ބައްޕައެވެ.

ދަރިފުޅު ކޮންމެ ދުވަހަކު ސުވާލު ކުރެއެވެ. ބައްޕަ ރަނގަޅު ވާނެ ދުވަހަކަށް އިންތިޒާރު ކުރެއެވެ. ބައްޕަ އަދި ވާހަކަދައްކާނެ ކަމަށް ބުނެއެވެ. ދަރިފުޅާއޭ ކިޔާ ބައްޕަ ގޮވާލާނެ ކަމަށް އުންމީދު ކުރެއެވެ. ޒަހާގެ ހިތާމަ ދެގުނަ ވަނީ އެ ދަރިފުޅުގެ އުންމީދުތަކުންނެވެ. އެއީ ހާސިލުވާން ނެތް އުންމީދުތަކެއްކަން ޒަހާއަށް ގަބޫލުކުރެވޭތީއެވެ. އެ އިހުސާސްތަކާއެކު ޒަހާ ނެގީ އަކްރަމް އޮތް އެނދުގެ ބޯލާކޮޅުގައި އޮތް ފައިލެކެވެ. އެއީ ދަރިފުޅު އޭނާގެ ބައްޕައަށް ތައްޔާރުކޮށްފައި ހުރި ކާޑުތަކެކެވެ. ހޮސްޕިޓަލަށް ނުގެންނަ ކޮންމެ ދުވަހަކު އެ ދަރިފުޅުގެ ލޯބި ހާމަކޮށްފައި ހުރި ކާޑުތަކެވެ. ޒަހާ ނެގީ އެތަނުން ކާޑެކެވެ.

"އެންމެ ލޯބިވާ ބައްޕައަށް. ބައްޕަ އަދި ރަނގަޅު ވާނެ. އަޅުގަނޑާ ވާހަކަ ދެއްކޭނެ. ބައްޕަގެ މޫނު ވެސް އަދި ރަނގަޅު ވާނެ. ބައްޕަ ދެރަ ނުވާތި. އަޅުގަނޑު ބޮޑުވެގެން ވާނީ ޑޮކްޓަރަކަށް" ޒަހާގެ ދެ ލޮލުން ކަރުނަ ހިލުނެވެ. ދަރިފުޅަކު ބައްޕައާމެދު ކުރާ އުންމީދުތަކުން ޒަހާގެ ހިތަށް ތަދުވިއެވެ. އެކަމަކު ޒަހާއަށް އޮތީ ކެތްކުރުމެވެ. އެނޫން ގޮތެއް ނެތެވެ. އެ އިމްތިހާނުން ފާސްވުން ނޫން ގޮތެއް ޒަހާއަކަށް ނުވިސްނުނެވެ. ނަމަވެސް އެ ސިކުނޑިން ކޮންމެ ދުވަހަކު ވެސް ޝަކުވާ ކުރެއެވެ. އެކަނި އިންނަ ކޮންމެ ވަގުތަކު އޭނާގެ ހިތަށް އަރަމުން ދެއެވެ. ފިރިމީހާއަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ދިން ހެލްމެޓު ނާޅައި ދުއްވީ ކީއްވެ ހެއްޔެވެ؟ ގަވައިދާ ޚިލާފަށް ދުއްވަންވީ ކީއްވެ ހެއްޔެވެ؟

ޒަހާގެ މުޅި ހަޔާތް ބަދަލުވިއެވެ. ދަރިފުޅު ކުރި އުންމީދުތައް ފެނަށްވިއެވެ. އަކްރަމުގެ އެތެރެ ހަށީގެ ހިނގުމަށް ބަދަލު އައެވެ. އޭނާގެ ހާލު ދެރަވެ މި ދުނިޔެ ދޫކުރިއެވެ.

(ނިމުނީ)