ނިއުޒިލެންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ދިން ޓެރެރިސްޓް ހަމަލާއަށް ހަފްތާއެއް ފުރޭއިރު، އެ ހާދިސާގައި ޝަހީދުކޮށްލާފައިވާ މީހުންގެެ ހަނދާނުގައި އަދި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މާދަމާގެ ހުކުރު ނަމާދުގެ ބަންގި ގައުމީ ޓީވީއާއި ރޭޑިއޯ ސްޓޭޝަންތަކުން ލައިވްކުރަން ނިންމައިފި އެވެ.

މިކަން އިއުލާނު ކުރެއްވީ ނިއުޒިލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އަރްދެއިން އެވެ. މީގެ އިތުރުން ބަޑިޖެހުމުގެ ޓެރެރިސްޓް ހަމަލާގައި ޝަހީދުކޮށްލާފައިވާ 50 މީހުންގެ ހަނދާނުގައި ދެ މިނެޓުގެ ސުކޫތެއް ގެންނާނެ ކަންވެސް އަރްދެއިން ވަނީ އިޢުލާނު ކުރައްވާފަ އެވެ.

މިކަން އިއުލާނު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަރްދެއިން ވިދާޅުވީ ނިއުޒިލެންޑްގައި ދިރިއުޅޭ މުސްލިމުން މާދަމާ ހުކުރު ނަމާދަށް ޖަމާވާއިރު، އެެ މީހުންނަށް ހިތްވަރު ދިނުމުގައި އެންމެންވެސް ބައިވެރިވާން ޖެހޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ. ކްރައިސްޓްޗާޗްގެ މަސްޖިދުއްނޫރަށް ދިން ޓެރެރިސްޓް ހަމަލާގައި 42 މީހުން ޝަހީދުވެފައިވާއިރު، މި ހަމަލާއަށްފަހު މިސްކިތް މާދަމާ އަލުން ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ. އަދި މި މަސައްކަތުގައި އެ ސަރަހައްދުގެ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިހަމަލާގައި ޝަހީދުވި މީހުންގެ ޖަނާޒާ ބޭއްވުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ބައެއް މީހުންގެ ހަށިގަނޑުތައް އަދިވެސް ޢާއިލާތަކާއި ހަވާލުކޮށްފައި ނުވާތީ، ޢާއިލާތަކުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިހާދިސާގައި ޝަހީދުވި އެންމެންވެސް މިއަދާއި މާދަމާގެ ވަގުތެއްގައި ވަޅުލާ ނިމޭނެ ކަމަށް ނިއުޒިލެންޑުގެ އޮފިޝަލުން ހާމަކުރެއެވެ. އަދި ބައެއް މީހުންގެ ހަށިގަނޑުތައް އެ މީހުން ނިސްބަތްވާ ގައުމުތަކަށް ފޮނުވާލަންވެސް ވަނީ ހަމަޖެހިފަ އެވެ.

ކްރައިސްޓްޗާޗްގެ ހަމަލާގައި އިތުރު 50 މީހަކު ޒަޚަމްވި އެވެ. އަދި މީގެތެރެއިން 8 މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. މި ހަމަލާއާއި ގުޅިގެން ބަދަލުހިފުމުގެ ހަމަލާތަކެއް ދިނުމަށް ހައްދުފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން ވަނީ ނިއުޒިލެންޑްގެ މުސްލިމުންނަށް ގޮވާލާފަ އެވެ. އެކަމާއި ގުޅިގެން އަރްދެއިން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މަސްޖިދުއްނޫރާއި ލިންވުޑް މިސްކިތަށް ދިން ހަމަލާއަށްފަހު އެ ހަމަލާދިން ޓެރެރިސްޓް ބޭނުންކޮށްފައިވާ ފަދަ "ސެމީ-އޮޓޮމެޓިކް" ހަތިޔާރު ނިއުޒިލެންޑްގައި ބޭނުންކުރުން މިހާރު ވަނީ މަނާކޮށްފަ އެވެ.

މިފަދަ ހަތިޔާރު ގެންގުޅުން މަނާކުރުމަށް ބޮޑުވަޒީރު އަރްދެއިން ނިންމެވި ނިންމެވުމަށް އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ތާއީދު ކުރާނެ ކަމަށް ޤަބޫލުކުރެވެ އެވެ. އޭނާ ވިދާޅުވީ އެފަދަ ހަތިޔާރު ގެންގުޅުން މަނާކުރާ ގާނޫނެއް އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ކުރީން ވުޖޫދަށް ގެނެވޭނެ ކަމަށެވެ. މި ނިންމުމާ ގުޅިގެން އެކި ފަރާތްތަކުން ދަނީ ބޮޑުވަޒީރު އަރްދެއިންއަށް ތައުރީފު ކުރަމުންނެވެ. މީގެތެރޭގައި ސިޔާސި ފަރާތްތަކާއި، ނިއުޒިލެންޑް ފުލުހުންގެ ޖަމިއްޔާ ވެސް ހިމެނެ އެވެ.