ހދ. އަތޮޅު ގެއަށް ބޮޑެތި މަރާމާތުތަކެއް ގެނައުމަށް ފަހު، ހދ. އަތޮޅު ސްޓޭޓް ހައުސްގެ ނަމުގައި ރޭ ހުޅުވައިފި އެވެ.

ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ސްޓޭޓް ހައުސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ސްޓޭޓް ހައުސްގެ މަސައްކަތް ނިންމާލާފައިވަނީ 4.9 މިލިއަން ރުފިޔާ ހޭދަކޮށްގެން 88 ދުވަހުގެ ތެރޭގަ އެވެ.

ސްޓޭޓް ހައުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެން ދާއިރު، މިފަދަ މުހިއްމު މުއައްސަސާއެއް ހުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. މިފަދަ މަސައްކަތްތައް ކުރެވިގެން ދަނީ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އިތުރުން ސަރުކާރުގެ މުއައްސަސާތައް ގުޅިލާމެހިގެން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މުޅި ގައުމުގެ ތަރައްގީއާއި އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެން ނުވާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މި ތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެ ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި ސްޓޭޓް ހައުސް މަރާމާތުކުރުމުގެ މަގުސަދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ އިމާރާތްތަކާއި ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަސީލަތްތައް ދައުލަތަށް އެންމެ ފައިދާ ހުރި ގޮތަށް ބޭނުން ކުރުމުގެ އިންތިޒާމް ހަމަޖެއްސުމެވެ.

މިނިސްޓަރު އިމްރާން ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ދަތުރުފުޅުގައި ރޭ ވަނީ ކުޅުދުއްފުށީ ލޯކަލް މާރުކޭޓް ވެސް ހުޅުއްވައިދެއްވާފަ އެވެ.