ރޭ ފަތިހު މާލޭގައި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލައިގައި ހިމެނެނީ ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާފަންނު އިހުސާން ފިހާރަ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 3:45 ހާއިރު އެވެ. އެގޮތުން ހަތް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އިތުރު ދެ ސައިކަލަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތަކެއް ލިބިފަ އެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިކަލުތަކުގައި ރޯކޮށްލީ ހެލްމެޓް އަޅައިގެން ތިބި ދެ މީހުން ކަމަށާއި، ނަމަވެސް މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާތީ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.

ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ރޭ ސައިކަލުތަކެއްގައި ރޯކޮށްލިއިރު، މޫނު ނިވާކޮށްގެން ތިބި ބަޔަކު އިއްޔެ ވަނީ މިފްކޯގެ ވޭނެއް ހުއްޓުމަށްފަހު ދެ މިލިއަން ރުފިޔާ ފޭރިގެންފަ އެވެ.

އޭގެ އިތުރުން މި މަހުގެ 10 ވަނަ ދުވަހު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ދިޔަ މީހަކަށް، ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަޅިން ބިރު ދައްކައި 2.3 މިލިއަން ރުފިޔާ ފޭރިގަނެގެން ގޮސްފަ އެވެ.