މިސްކިތްތަކަށް ދެވުނު ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އަރްދެއިން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފުރިހަމަ ފިޔަވަޅުތަކަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ޝުކުރު އަދާކުރައްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ނިއުޒީލެންޑްގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވީ މިއަދު އެކަމަނާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިމްރާން ޚާންވަނީ، މިސްކިތްތަކަށް ދެވުނު ހަމަލާއާ ގުޅިގެން ނިއުޒީލެންޑްގެ ކަމާބެހޭ އިދާރާތަކުންނާއި، ބޮޑުވަޒީރު ޔަސިންދާ އަރްދެއިން އަވަށް އަވަސްގޮތެއްގައި އެޅުއްވި ހަރުދަނާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.

އަދި މިހާދިސާއާ ގުޅިގެން ނިއުޒީލެންޑްގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވަމުންދާ އިންސާނިއްޔަތުކަމާއި، މުސްލިމުންނާމެދު ބަހައްޓަވަމުން ގެންދަވާ އިހްތިރާމް، ޕާކިސްތާނުގެ ބޮޑުވަޒީރު ފާހަގަކުރައްވާފައި ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ، އޭނާ ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާއަށް ފޯނުން ގުޅުއްވީ ޕާކިސްތާނު ރައްޔިތުންގެ ފަރާތުން އެކަމަނާއަށް ޝުކުރު އަދާކުރެއްވުމަށް ކަމަށެވެ. މިސްކިތްތަކަށް ދެވުނު ހަމަލާތަކާ ގުޅިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން އެކަމަނާއަށް ޕާކިސްތާނު ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު އިހްތިރާމަކާއި ލޯތްބެއް އުފެދިފައިވާ ކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

މިކަމާހެދި މިއަދު ފޯނުން ގުޅުއްވައި، ޕާޚިސްތާނުގެ ބޮޑުވަޒީރުވަނީ ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވެސް ދައުވަތު ދެއްވާފައެވެ.

އިސްލާމްދީނާމެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން އިތުރުވަމުންދާ މިދަނޑިވަޅުގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާވަނީ ދުނިޔޭގެ އެހެން ގައުމުތަކުގެ ވެރިންނަށް ނަމޫނާއެއް ދައްކާފައި ކަމަށް، ޕާކިސްތާނު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މިސްކިތްކަށް ދެވުނު ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނަށް ނިސްތަބްވާ ނުވަމީހުން ހިމެނޭއިރު، އިމްރާން ޚާންވަނީ، މިހިތާމައިގެ ދަނޑިވަޅުގައި ޕާކިސްތާނު އޮތީ ނިއުޒީލެންޑާ އެކުގައި ކަމަށް ބޮޑުވަޒީރު ޔަސިންދާއަށް ދަންނަވާފައެވެ.

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދާ އަރްދެއިން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސްކިތްތަކަށް ދެވުނު ހަމަލާއަކީ ނިއުޒީލެންޑަށް ވަރަށް ބޮޑު ސިހުމެއް ގެނުވި ހަމަލާއެއް ކަމަށެވެ.

އަދި އެ ހަމަލާތަކާ ގުޅިގެން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ތަފްސީލްވެސް ޕާކިސްތާނުގެ ބޮޑުވަޒީރަށް ދެއްވިއެވެ. އެގޮތުން، އަސްކަރީ ސްޓައިލްގެ ހުރިހާ ހަތިޔާރަކާއި، ސެމީ އަދި އޮޓޮމެޓިކް ބަޑިއާއި، ހަމަލާދޭ ރައިފަލް އާންމުން ބޭނުންކުރުން މިހާރު މަނާކުރައްވާފައިވާ ކަމަށްވެސް ދެންނެވިއެވެ.

ހަމަ އެއާއެކު، މިސްކިތްތަކަށް ދެވުނު ހަމަލާގެ ވަގުތުގައި މިސްކިތުގައި ތިބި ޕާކިސްތާނު ރައްޔިތުންވި ގުރުބާނީއާއި، ދެއްކި ހިތްވަރު ބަލައިގަންނަ ކަމަށްވެސް ނިއުޒީލެންޑްގެ ބޮޑުވަޒީރު ވިދާޅުވެފައި ވެއެވެ. ޚާއްސަގޮތެއްގައި އައްނޫރު މިސްކިތަށް ބަޑިޖަހަމުންދިޔަ މީހާގެ އަތުން ހަތިޔާރު ފޭރިގަތުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ފުރާނަދިޔަ ނައީމް ރަޝީދުގެ ނަން، ނިއުޒީލެންޑްގެ ބޮޑުވަޒީރު ފާހަގަ ކުރެއްވިއެވެ.

ހަމަ އެއާއެކު، ނިއުޒީލެންޑްގައި ދިރިއުޅެމުންދާ ހުރިހާ މުސްލިމުންނަށް ރައްކާތެރިކަމާއި، މިނިވަންކަން ކަށަވަރުކޮށް ދިނުމުގައި ނިއުޒީލެންޑް ދެމިއޮންނާނެ ކަމުގެ ޔަގީންކަންވެސް، ބޮޑުވަޒީރު ޔަސިންދާ، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ދެއްވިއެވެ.