ކުންފުނިތަކުންނާއި އާންމު ރައްޔިތުން ބޮޑެތި އަދަދުތަކުން ފައިސާ ބެންކަށް ޖަމާކުރުމަށް ގެންދާނަމަ އެފައިސާ އެތަނުން އަނެއްތަނަށް އުފުލުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ އިދާރާއިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަން ބޭންކަށްދާ މަގުމަތީގައި ފޭރުމުގެ މައްސަލަތައް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ފޭރުމުގެ މައްސލަަތައް މަދުކުރުމަށް އެގޮތަށް ފައިސާ އެެއްތަނުން އަނެއްތަނަށް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިޔާ ވަނީ މިފަދައިން ބޮޑެތިއަދަދުތަކުން ފައިސާ ބެންކަށް ގެންދަން ބޭނުންވާ ފަރާތްތަކުން ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް އާންމުންނާއި އަދި ބޮޑެތި ވިޔަފާރިވެރިންގެ ކިބައިންވެސް އިލްތިމާސްކުރައްވާފައެވެ. އަދި މާލެއިން މި ހިދުމަތަށް އެދެން ބޭނުންފުޅުވާނަމަ 9980068 ގުޅުއްވައިގެންވެސް މި ހިދުމަތް ހޯދެވޭނެ ކަމަށް އިޒްމިއާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް ބޮޑެތި އަދަދުތަކުން ފޭރުމުގެ މައްސަލަތައް މަދުންނަމަވެސް ހިނގަމުންދާކަން ފާހަގަކުރައްވައި އިޒްމިއާ ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގެ ފުލުހުންގެ އިދާރާއާ ގުޅިގެން މި ހިދުމަތަށް އެދެވޭނެ ކަމުގައެވެ.

ބޮޑެތި އަދަދުތަކުން ފައިސާ ފޭރުމުގެ ހާދިސާތައް މިހާރަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. އެހެންކަމުން މިފަދަ ކަންކަން މުޖުތަމައުގައި ހިނގާ މިންވަރު މަދުކުރުމަށް ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.