ހެނދުނުގެ ނާސްތާއާއިއެކު ހޫނު ކަޅުސައިތައްޓެއް ބޯލުމަކީ ދިވެހީންގެ ތެރެއިންވެސް ގިނަ ބަޔެއްގެ އާދައެކެވެ. ސައި ހޮޓާ އަދި ކެފޭތަކުން ހެނދުނުގެ ނާސްތާއަށް ލިބެންހުންނަ މަސްހުންޏާއި، ނުވަތަ ކުޅިމަހާއި ރޮއްޓާއިއެކު އާންމުކޮށް ލިބޭ އެއް ބުއިމަކީވެސް ހޫނު ކަޅެކެވެ. މިއީ ގިނަ ދިވެހީންގެ އާދައެކެވެ. ނަމަވެސް، މިއީ ވިސްނާލުންވެސް މުހިއްމު ކަމެކެވެ.

އައު ދިރާސާއަކުން ހާމަވި ގޮތުގައި، އާދަޔާއި ޚިލާފަށް ހޫނުކޮށް ކަޅުސައި ބުއިމަކީ ކަރާއި ބަނޑު ގުޅުވައިދޭ ކާނާ ދަތުރުކުރާ ހޮޅި، ނުވަތަ "އެސޯފެގަސް" އަށް ޖެހޭ ކެންސަރު ނުވަތަ "އެސޯފެޖިއަލް ކެންސަރ"ގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ. މިއީ، ހަމައެކަނި ކަޅުސަޔަށް އޮތް ކަމެއް ނޫނެވެ. ހޫނު ގަދަކޮށް އެހެން ބުއިންތައް ބޭނުންކުރުމަކީވެސް، ކެންސަރުގެ ނުރައްކާ އިތުރުވާނެ ކަމެކެވެ.

މި ދިރާސާއިން ހާމަވި ކަންތައްތަކަށް ބަލައިލަމާތޯއެވެ؟ 60 ޑިގްރީ ސެލްސިއެސް އަށްވުރެ ހޫނުކޮށް ހުންނަ ކަޅުސައިގެ 2 ތަށި ދުވާލެއްގެ މައްޗަށް ބޯނަމަ، ކެންސަރު ޖެހުމުގެ ނުރައްކާ 90 އިންސައްތައަށް އިތުރުވެއެވެ. މި ދިރާސާ ހަދާފައިވަނީ އީރާނުގެ ރަށެއް ކަމަށްވާ ގޮލެސްތާންގެ 50،000 މީހުންނާއިބެހޭ މަޢުލޫމާތު ބޭނުންކޮށްގެންނެވެ.

"ހޫނު ކަޅުސައި، ކޮފީ، އަދި އެހެނިގެން ބުއިންތަކަކީ ގިނަ ބަޔަކު ލޯބިކުރާ އެއްޗެއް. ނަމަވެސް، މިފަދަ ބުއިންތައް ހޫނުކަންމަތީ ބުއިމަކީ ޞިއްހަތަށް އެންމެ ރައްކާތެރި ގޮތެއް ނޫން. އެންމެ ރަނގަޅު ގޮތަކީ، ސައިތަށި ނުވަތަ ކޮފީ ކުޑަކޮށް ފިނިވަންދެން މަޑުކޮށްލުން،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކަން ކެންސަރ ސޮސައިޓީގެ ޑރ ފަރްހާދް އިސްލާމީ ބުންޏެވެ.

މީގެ ކުރީންވެސް މިކަމާއިބެހޭ ދިރާސާތައް ހަދާފައިވެއެވެ. އަދި، ހޯދިފައިވަނީ އެއް ހޯދުންތަކެކެވެ. ނަމަވެސް، ހޫނު ބުއިންތައް ބޭނުންކުރަންވީި އެންމެ ރަނގަޅު "ޓެމްޕެރޭޗަރ" ނުވަތަ ފިިނިހޫނުމިން ދެނެގަނެވުނު މިއީ ފުރަތަމަ ފަހަރެވެ. ކަރާއި ބަނޑު ގުޅުވައިދޭ ހޮޅިއަށް ޖެހޭ ކެންސަރަކީ، 8 ވަނައަށް އެންމެ އާންމު ކެންސަރުގެ ވައްތަރެވެ. މި ބަލީގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު 400،000 އަށް އަރައެވެ.

އެމެރިކަން ކެންސަރ ސޮސައިޓީއިން ބުނާ ގޮތުގައި، އެމެރިކާއަށް އެކަނި ބަލާލިއަސް، މި އަހަރުގެ ތެރޭގައި އިތުރު 13،750 ފިރިހެނުންނާއި 3،900 އަންހެނުންނަށް މި ވައްތަރުގެ ކެންސަރު ޖެހިގެން ރިޕޯޓްކުރާނެއެވެ. ނަމަވެސް، ހޫނު ކަޅުސައި ފަދަ ބުއިންތަކުގެ ސަބަބުން، މި ވައްތަރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އަދި، އެކަން ތަހުލީލް ކުރުމަށް އިތުރު ދިރާސާތައް ހަދަން ޖެހިފައިވާކަން ސައިންޓިސްޓުން ޤަބޫލްކުރެއެވެ.

އެހެން ތަފާސްހިސާބުތަކަށް ބަލާލާއިރު، 65 ޑިގްރީއަށްވުރެ ހޫނުކޮށް ކަޅުސައި ފަދަ ބުއިންތައް ބޭނުންކުރާ މީހުންގެ އަދަދު އެމެރިކާ އަދި ވިލާތުގެ ޤައުމުތަކުގައި އާންމުކޮށް މަދެވެ. ނަމަވެސް، ހޫނު ބުއިންތަކަކީ ރަޝިއާ، ތުރުކީ، ދެކުނު އެމެރިކާ ފަދަ ޤައުމުތަކުގައި އާންމު އެއްޗެކެވެ. އަދި، މެދުއިރުމަތީގެ ޤައުމުތަކުވެސް މިއީ އާންމު ކަމެކެވެ. އެހެންކަމުން، ހޮޓަލަކަށް އަރައި ހޫނު ކާތަކެއްޗާއި އެކު ހޫނު ކަޅުސަޔަށް އޯޑަރު ދޭއިރު، ނުވަތަ ހޫނު ކޮފީއަކަށް އޯޑަރު ދޭއިރު، މިއީ ވިސްނާލުން މުހިއްމު ކަމެއްކަން ހަނދުމަކޮށްލާށެވެ.