ރާއްޖޭގައި ބޭނުންކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް ޖެހިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ފެބުރުއަރީ މަހު އާންމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ވަގުތުން ވަގުތަށް ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 317.9 މިލިއަން ޑޮލަރު އެބަހުއްޓެވެ. 2013 ވަނަ އަހަރު މިއަދަދު ހުރީ 110.7 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން މި އަދަދު ބޮޑުތަނުން އިތުރު ވެފައިވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި "މަންތުލީ އިކޮނަމިކް އިންޑިކޭޓާސް" ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ރިޒާވްގައި މިހާރު 756.3 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ 2013 ވަނަ އަހަރު ހުރި 368.3 ޑޮލަރާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަހަރު އިއްވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުގެ ވެރިކަން ނިމުމުގެ ކުރިން ރާއްޖޭގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.