ޏ. ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ 18 އަހަރު ނުވާ ކުޑަކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ފުވައްމުލަކު މާދަދު ގެސްޓް ހައުސްގެ ކުރިމަތިން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. މި ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 5:50 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަމަލާ ދީފައި ވަނީ ކުއްޖާގެ އަތަށާއި ބޮލަށެވެ. ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށާއި ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.