ޖަމިއްޔާތައް ހިންގުމުގައި ކުރިން ނޭނގޭ އެތައް ކަމެއް ހަވަލި ފެއާގެ ސަބަބުން އެނގިގެން ގޮސްފައިވާ ކަމަށް ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓާއިން ބުނެފި އެވެ.

ވީޓީވީން ގެނެސްދޭ އެތެރެފަރާތް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ކްލަބް ޕޯލްސްޓާގެ ރައީސް އަހްމަދު ޝުޖާއު ވިދާޅުވީ އެެއްތަނަކުން ހުރިހާ ޖަަމިއްޔާތައް ބައްދަލުވުމުގެ ސަބަބުން އެހެން ޖަމިއްޔާތައް މަސައްކަތް ކުރާ ގޮތް ފެނި އެކަންކަން ދަސްވެއްޖެ ކަމަށެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން މިމަހުގެ 16އިން 18އަށް ކުރިއަށްދިޔަ ހަވެލި ފެއާގައި އެއް ޖަމިއްޔާ އަނެއް ޖަމިއްޔާއާ ވާހަކަ ދައްކާލަން ފުރުސަތު ލިބުމުގެ ސަބަބުން ޖަމިއްޔާތައް ހިންގުމުގައި އަދި އާމްދަނީ ހޯދުމުގައި ވިސްނަންޖެހޭ އެތައް ކަމެއް އެނގިގެން ހިނގައްޖެ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.

ކްލަބް ޕޯލްްސްޓާއަކީ 29 ޖުލައި 1999އިން ފެށިގެން ހައ. އިހަވަންދޫގައި ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ.

މިޖަމިއްޔާއިން އަންނަނީ ރަށުގެ އުމްރާނީ ތަރައްގީއާއި ފަރުދީ ހުނަރުވެރިކަން އިތުރުކުރުމަށް އެކި ފެންވަރުގައި ތަފާތު ޕްރޮގްރާމްތައް ހިންގުމުުގައި ބައިވެރިވަމުންނެވެ. އެގޮތުން ކްލަބް ޕޯލްސްޓާއިން ވަނީ ރަށުގައި އެކި ފެންވަރުގެ ޕްރޮގްރާމްތައް ހިންގައި އަދި މިހާރުވެސް ހިންގަމުންނެވެ.

އެގޮތުން ރަށުގައި ހިންގާ ގުރްއާން ކްލާހާއި، ރަށުގައި ދެވޭ ދީނީ ދަރުސްތަކާއި ކޮންމެ ރޯދަ މަހަލު ތަރާވީސް ކުރުމަށް ޕާކިސްތާނުން ހާފިޒުން ގެނައުމުގެ މަސައްކަތްވެސް ކުރަނީ ކްލަބް ޕޯލްސްޓާގެ ފަރާތުންނެވެ.