މާލޭގައި ރޭ ދަންވަރު ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، އެއް ސައިކަލުގައި އިން މީހަކަށް އަނިޔާވިއިރު އަނެއް ސައިކަލުގައި އިން މީހާ ފިލައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 2:20 ހާއިރު އެކްސިޑެންޓެއް ހިނގީ އަމީނީ މަގާއި ސިއްތިމާވާ ހިނގުން ގުޅޭ ކަންމަތިންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވީ އެއް ސައިކަލުގެ ފަހަތުގައި އިން 19 އަހަރުގެ ފިރިހެން މީހާ ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ. އެގޮތުން އޭނާގެ ކޮނޑުހުޅާއި ކޯ ކަށިގަނޑު ބިނދި މޫނު މަށައިގެން ގޮސް އެކި ވަރުގެ އަނިޔާތައް ލިބިފައިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗުން ބުނީ އޭނާގެ ޓެސްޓްތަކެއް ވެސް ހަދާފައިވާ ކަމަށާއި ހަލާތާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

އެކްސިޑެންޓުވި އަނެއް ސައިކަލުގައި އިން މީހާ ސައިކަލާ އެކު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ބާރަށް ސައިކަލު ދުއްވުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.