ދަރިފުޅު ބޭރަށް ފުރީއްސުރެ އަހަރެންގެ ހިތް ދިޔައީ ތެޅެމުންނެވެ. ދަރިފުޅަށް ވެދާނެ ގޮތަކާމެދު ކަންބޮޑުވަމުންނެވެ. އެފަދަ މާހައުލެއްގައި އުޅޭނެ ގޮތް ދަރިފުޅަށް އެނގުނު ނަމަވެސް މީން ދުވަހަކު ހިތަށް ނާރާ ކިތަންމެ ކަމެއް، ހިތަށް އަރައި ދިޔައީ އުނދަގޫވަމުންނެވެ. ކީއްވެ ހެއްޔެވެ؟ އެ ދަރިފުޅަށް އިތުބާރު ނުކުރާތީ ހެއްޔެވެ؟ ދަރިފުޅާ ހަވާލުވީ މީހުންނަށް އިތުބާރު ނުކުރެވޭތީ ހެއްޔެވެ؟

ނޫނެކެވެ. އެފަދަ އެއްވެސް ކަމަކާ ހެދިއެއް ނޫނެވެ. ހިތުން މިއަދު ކުރަމުން ދަނީ މާޒީގެ ޝަކުވާއެކެވެ. އަހަރެންގެ އުންމީދުތަކުން އަހަރެންގެ ޒަމީރާ ކުރަމުންދާ ޝަކުވާތަކެކެވެ.

އެ ޝަކުވާތަކަށް ޖަވާބުދޭން އެތައް އިރަކު އަހަރެންނަށް އޮވެވުނެވެ. ހަމަ ވިސްނެނީއެވެ. ދޮށީ ދަރިފުޅު ކިހައި މޮޅު ހެއްޔެވެ؟ ގައުމު ތަމްސީލުކުރަން ގޮސް އެ ހުރީ ރާއްޖެއިން ބޭރުގަ އެވެ. ރާއްޖެއާ އެތައް މޭލެއް ދުރު އަބޫދާބީގަ އެވެ. އެ ހުވަފެން އަހަރެން ދުށީ މިއަދަކު ނޫނެވެ. މީގެ އެތައް އަހަރެން ކުރިން ވެސް އެ ހުވަފެން އަހަރެން ދުށީމެވެ. ދަރިފުޅާމެދު އެ އުންމީދު ކުރީމެވެ. ނަމަވެސް އެ އުންމީދުން އަހަރެންގެ ހިތަށް އިއްޔެ ލިބުނީ މަލާމާތެވެ. ފުރައްސާރަޔާއި ޖެއްސުމެވެ. މިލްކުވީ ހިތަށް ތަދުވާފަދަ ބަސްތަކާއި ޖުމުލަތަކެވެ.

އެންމެ ފުރަތަމަ އެ ދަރިފުޅުގެ ހަގީގަތް އެނގުނީ އަންހެނުންނަށެވެ. ދަރިފުޅުގެ އުޅުމަށް އައި ބަދަލު ފާހަގަވެގެން އެ ވާހަކަ ދެއްކީ އަންހެނުންނެވެ. އެ ދުވަހު އެކަން ގަބޫލު ނުކުރެވުނަސް ފަހުން އެކަން ގަބޫލުކުރަން މަޖުބޫރުވި އެވެ. ދަރިފުޅުގެ އުޅުން ހުންނަގޮތް ލޮލަށް ފެނިގެންނެވެ. ޑޮކްޓަރުން ދެއްކި ވާހަކަތައް އަޑުއަހާފަ އެވެ. އެ ހިތްދަތިކަމުން އަރައިގަނެވުނީ އެތައް ދުވަހެއް ފަހުންނެވެ. އަންހެނުންގެ ލޮލުން ފޭބި ކަރުނަޔާ ހިތަށް ވީ ތަދު އެދުވަހު ފުހެދިނީ އަހަރެންނެވެ. އެ ހިތްދަތިކަމަށް އަންހެނުން ކެތްކުރި އެވެ. އަހަރެން ކެތްތެރިވީމެވެ. ދެއްވި ނިޢުމަތަށް ޝުކުރުވެރިވީމެވެ.

އަހަރެންނާއި އަންހެނުންގެ ދިރިއުޅުން މާލެއަށް ބަދަލުކުރީ ލިބިފައިވާ ދެ ކުދިންނަށް ކިޔަވައި ދިނުމަށެވެ. އެ ކުދިންނާމެދު ކުރެވޭ އުންމީދުގެތަކުގެ މަތިވެރިކަމުންނެވެ. ޚާއްސަކޮށް ފިރިހެން ދަރިފުޅަށް ދޭންޖެހޭ ސަމާލުކަން ބޮޑުކަމުންނެވެ. އެނިޔަތުގައި މުޅި ދިރިއުޅުން ބަދަލުކުރީމެވެ.

ލިބުނު ޗުއްޓީއެއްގައި ދެ ކުދީން ގޮވައިގެން އަހަރެން ރަށަށް ދިޔައީމެވެ. ފިރިހެން ދަރިފުޅުގެ އުޅުން ހުންނަ ގޮތުން ބައެއް މީހުން ސުވާލުކުރެއެވެ. ދަރިފުޅުގެ ހަގީގަތް އެނގުނު ނަމަވެސް އެ ސުވާލުތައް ތަކުރާރުކުރެއެވެ. ބައެއް މީހުންގެ ނަޒަރުގައި ދަރިފުޅަކީ މޮޔައެކެވެ. ހަމައިގައި ހުންނަ ކުއްޖެއް ނޫނެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހޭ ކޮންމެ ފަހަރަކު އަހަރެންނަށް އުނދަގޫވެއެވެ. ނަމަވެސް ކެތްކޮށްލައިގެން ހުންނަނީއެވެ.

"މާލޭގައި ދަރިފުޅު ބަހައްޓައިގެން ކީއް ތިކުރަނީ؟ ކިޔަވައިދެނީތަ؟" ސުވާލުކުރީ އަހަރެންގެ ރަށުގައި އުޅޭ ރަށުން ބޭރު މީހެކެވެ. އަހަރެން ދަންނަ ދެކެފަރިތަ އަހަންމަދެވެ.

"އެސޮރު އިމާދުއްދީނަށް ވައްދައިގެން މިއުޅެނީ. ކިޔަވައިދޭން ވާނެއްނު. އޭރުންތާ މީހަކަށް ހެދޭނީ" އަހަރެން ޖަވާބުދިނީމެވެ.

"ބަލަ އެސޮރު އުޅޭ ގޮތް އެބަ ފެނެއެއްނު. މަށަށް ހީވަނީ ތިއީ ބޭކާރު ކަމެއްހެން. ބޮޑު ޚަރަދުކޮށްފައި ބޮޑު ކުލި ދައްކާފައި މާލޭގައި ހުރުމުގެ މާނައެއް ނެތްހެން. ގައިމު މި ރަށުގައި ހުރެ ތިކަން ކުރަން އުޅޭނަމަ މާ ރަނގަޅުވާނެ" އަހަންމަދު ފާޅުކުރީ އޭނާއަށް ފެންނަ ޚިޔާލެވެ. އެ ޚިޔާލުން އަހަރެންނަށް އުނދަގޫވިއެވެ. ނަމަވެސް ރައްދުދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ.

"އެސޮރު ވަރަށް މޮޅުވާނެ ކުޅިވަރު ކުޅެން. ދުވެލި އެހައި ބާރުވާނެ. އަނެއްކާ ކޯޗުން ބުނާ ބަސް އަހާނެ" އަހަންމަދުގެ ޚިޔާލު ބަދަލުވޭތޯ އަހަރެން ފެށީ އެހެން ވާހަކައެކެވެ.

"ބަލަ ކުޅިވަރުތަކުގައި ބައިވެރިވެވޭނީ ވެސް ވިސްނުމެއް ހުރެގެން. އެއީ ވެސް އިލްމެއް. ބުއްދި ނެތިއްޔާ ކޮން ކުޅިވަރެއް. އެންމެ ކުޑަމިނުން ދުވުމުގެ ރޭހެއް ވެސް ޖަހައިލެވޭނީ ވިސްނުމެއް ހުރެގެން. ވަހީދުގެ ތިޔަހަރަ ވިސްނުމެއް ދޯ. އެ ދަރިފުޅު ހިތްހަމަ ޖައްސަން މުޅި ދިރިއުޅުން ތިޔަ ހަލާކު ކުރަނީ" އަހަންމަދު ވިސްނާ ގޮތް އަހަރެންނަކަށް ނުވިސްނުނެވެ. އެ ސިކުނޑީގައިވާ ތަފާތުކުރުން އަހަރެންނަކަށް ގަބޫލެއް ނުކުރެވުނެވެ. އަހަންމަދަށް މިފަދަ ކުއްޖަކު ނުދެއްވިކަމީ ނަސީބެކޭ އަހަރެން ހިތަށް އެރިއެވެ.

"ދަރިން ބޭނުންވާ ކަންކަން ކޮށްދިނުމުން އަހަރެން ހިތްހަމަ ޖެހޭ. އެހެންވީމާ މައްސަލައެއް ނެތްތާ. އަހަރެންގެ ދަރިފުޅާމެދު އަހަރެން ކުރާ ކިތަންމެ އުންމީދެއް އެބަހުރި. އިރާދަކުރެއްވިއްޔާ އެކަން ހާސިލުވާނެ" އަހަރެންގެ ކުރިމަތީ، ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ދަރިފުޅަށް ބަލަހައްޓައިގެން އިނދެ އަހަރެން ބުނީމެވެ. ހަގީގަތުގައި ވެސް އަހަަަރެންގެ އުންމީދުތަކެއް ހުއްޓެވެ. އަހަރެންދެކޭ ހުވަފެންތަކެއް ހުއްޓެވެ. ނަމަވެސް އަހަރެންނަށް ގަބޫލުކުރެވުނީ އެކަންކަން ހާމަކޮށްފިނަމަ އަހަރެންނަށް ވުރެ ބޮޑު މޮޔައަކު ނުހުންނާނެ ކަމަށެވެ.

ޚިޔާލީ ދުނިޔެއިން އަހަރެން ހޭލައްވާލީ އަހަރެންގެ ފޯނެވެ. ރިންގުވާން ފެށުމުން އަހަރެން ފޯނު ނެގީމެވެ. ވާހަކަދެއްކީ ދަރިފުޅާ ހަވާލުވެގެން ރާއްޖެއިން ބޭރަށް ދިޔަ އޮފިޝަލެކެވެ.

"ދާދި ދެންމެ ދަރިފުޅު ރިހި މެޑަލް ހޯދައިފި. އެއީ ފިރިހެނުންގެ 200 މީޓަރު ދުވުމުން ފައިނަލުގައި ވާދަކޮށް. އެ ޚަބަރުދޭން މި ގުޅާލީ. އިރުކޮޅެއް ފަހުން ދަރިފުޅާ ވާހަކަދައްކާލެވޭގޮތް ހަދައިދޭނަން. އަދި ގުޅާލާނަން" އޮފިޝަލް ދިން އުފާވެރި ޚަބަރު ގޮސް ބޮސްދިނީ އަހަރެންގެ ހިތުގެ އެންމެ ފުނުގަ އެވެ. އެއާއެކު ދެ ލޮލުން ދެމިގަތީ އުފާވެރިކަމުގެ ކަރުނައެވެ. ހިތުން އޮހިގެން ދިޔައީ ހެއްދެވި ފަރާތަށް ކުރެވުނު ޝުކުރުގެ ބަސްތަކެވެ.

ލިބުނު އުފާވެރި ޚަބަރު އަހަރެން އަންހެނުންނަށް ދިނީމެވެ. އަންހެނުންނަށް ލިބުނީ ހައިރާންކަމުގެ އުފަލެކެވެ. ފުރަތަމަ ގަބޫލު ވެސް ނުކުރިއެވެ. ނަމަވެސް އަހަރެންގެ އިހުސާސްތަކާއެކު އަންހެނުން ވެސް އެ ވާހަކަތައް ގަބޫލުކުރީއެވެ.

އަހަރެންނާއި އަންހެނުން އިންތިޒާރު ކުރީ ފޯނުކޯލަށެވެ. ބޭނުންވީ ދަރިފުޅާ ވާހަކަދައްކާލާށެވެ. ދަރިފުޅަށް މަރުހަބާ ކިޔާށެވެ. އަހަރެންގެ އިންތިޒާރަށް ނިމުން އައެވެ. ދަރިފުޅާ ބައްދަލުވިއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލިގަތެވެ. ވާހަކަދައްކަން އުނދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށް ވާހަކަދެއްކީމެވެ. ދަރިފުޅަށް މަރުހަބާ ކީމެވެ. އަހަރެންގެ ހިތުގެ ޝުޢޫރު ފާޅުކުރީމެވެ. ދަރިފުޅާމެދު ފަޚުރުވެރިވާ ވާހަކަ ބުނީމެވެ. އަހަރެންނެކޭ އެއްފަދައިން އަންހެނުން ވެސް ހުރީ އުފަލުން ފޮޅިފައެވެ. ދަރިފުޅު ހުރީ އެއަށްވުރެ ބޮޑަށް ހެވިފައެވެ. ހަގީގަތުގައި ވެސް އަހަރެންގެ ދަރިފުޅަށް ފަޚުރުވެރިވެވެއެވެ. ރާއްޖެއަށް އެ ހޯދައިދިން ރީތި ނަމަށް ޝުކުރުވެރިވެވެއެވެ.

މާގިނައިރުތަކެއް ނުވެ ސޯޝަލް މީޑިއާއަށް އެ ޚަބަރު އަރައި މުޅި ރާއްޖެއަށް އެ ޚަަބަރު ފެތުރުނެވެ. އާއިލާ މީހުންނާއި ރަހުމަތްތެރިންނާއި އެކުވެރިން އަހަރެންނަށާއި އަންހެނުންނަށް ގުޅަން ފެށިއެވެ. ކޯލަކަށް ފަހު ކޯލެކެވެ. ކޮންމެ މީހަކު ވެސް އަހަނީ އެއީ ތެދެއް ހެއްޔެވެ؟ ބައެއް މީހުންނަށް އެކަން ގަބޫލުކުރަން ދަތިވީއެވެ. ނަމަވެސް ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރުމުން އެއީ ހަގީގަތްކަން ގަބޫލުކުރަން މަޖުބޫރުވީއެވެ.

ދެން އަންނަން ފެށީ ތަހުނިޔާގެ މެސެޖުތަކެވެ. ސޯޝަލް މީޑިއާއާއި ވައިބަރ ގުރޫޕްތަކުގައި އޮތީ ދަރިފުޅުގެ ކާމިޔާބީގެ ވާހަކައެވެ. ދަރިފުޅުގެ ހިތްވަރުގެ ވާހަކައާއި ދަރިފުޅުގެ މޮޅު ވާހަކައެވެ. ރާއްޖެއާއި ދަރިފުޅު ނިސްބަތްވާ ރަށަށް ލިބުނު ރީތި ނަމުގެ ވާހަކައެވެ. އެ މެސެޖުތައް ކިޔައި ހިތް އުފަލުން ފުރުނެވެ. އިއްޔެ ބައެއް މީހުންނަށް ބަލައި ނުގަނެވުނު ދަރިފުޅު ބަލައިގަނެވުނީތީއެވެ. އިއްޔެ އުންމީދެއް ނެތްކަމަށް ހީކުރި ދަރިފުޅު ރާއްޖެއަށް ގެނެސްދިން އުންމީދުގެ ސަބަބުންނެވެ. އިއްޔެ އެ ދަރިފުޅަށް ސޭކޭ ގޮވި މީސްމީހުންގެ ދޫތަކުން އެ ދަރިފުޅަށް ތަޢުރީފު ކުރީތީއެވެ.

ތެދެކެވެ. ދަރިފުޅު ފިސާރި މޮޅެވެ. ފިސާރި ކާމިޔާބެވެ. ނަމަވެސް އެންމެ މޮޅީ އެ ދަރިފުޅުގެ މަންމައެވެ. އެންމެ ކާމިޔާބީ ވެސް އެ މަންމައެވެ. އަހަރެންގެ އަންހެނުންނަށް އަހަރެން ތަޢުރީފު ކުރީމެވެ. ޝުކުރު އަދާކުރީމެވެ. އެ އަންހެނުންގެ ކެތްތެރިކަން ނެތްނަމަ އެ ދަރިފުޅަކަށް އެހިސާބަކަށް ނުދެވުނީހެވެ. ދަރިފުޅަށްޓަކައި އެ މަންމަ އުފުލި ބުރަ ނޫފުލިނަމަ އެ ޝަރަފެއް ނުހޯދުނީހެވެ. ދަރިފުޅާމެދު ކުރި އުންމީދު ހަގީގަތަކަށް ހަދައިދިނުމަށް އަހަރެންނާއެކު އަންހެނުން ނުވިނަމަ މިއަދު މި ލިބޭ އުފަލެއް ނުލިބުނީހެވެ. ޝުކުރުގެ ބަސްތަކުން އަންހެނުން ގަތީ ލަދެވެ. ނަމަވެސް އެއީ ހަގީގަތެވެ. އަންހެނުން ހިނިތުންވެ ހުރެ އެ ހުރިހާ ޝަރަފެއް ދިނީ އަހަރެންނަށެވެ. އަހަރެން މިހުރީ ފިސާރި އުފަލުންނެވެ.

(ނިމުނީ)