ސްޓެލްކޯގެ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމަށް ސްޓެލްކޯއާއި ޓިވެޓް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޭޝަނަލް ލެވެލް 3 އިން އިލެކްޓްރިޝަން ކޯސްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިތަމްރީން ޕްރޮގްރާމު މިއަދު އިފްތިތާހު ކުރުމަށްފަހު ސްޓެލްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ. ޓިވެޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީ ހިންގުމާ ހަވާލުވެހުންނެވި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް އެވެ.

ސްޓެލްކޯ އިން ބުނީ މިކޯސް ނިމޭއިރު އެކުންފުނީގައި ވަޒީފާ އަދާކުރަމުންގެންދާ 100 މުވައްޒަފުންނަށް ކަމާ ގުޅޭ ދާއިރާތަކުން ތަމްރީން ލިބިގެންދާނެ ކަމަށެވެ. އަދި މިކޯސް ނިންމާ ފަރާތްތަކަށް މޯލްޑިވްސް އެނާޖީ އޮތޯރިޓީގެ ފަށައިގަންނަ ކެޓަގަރީގެ ލައިސަންސް ލިބިގެންދާނެ ކަމަށް ޓިވެޓް އިން ވަނީ މައުލޫމާތު ދީފަ އެވެ.