ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ނިންމާ، ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން މިއަދު އާންމުކޮށްފި އެވެ.

ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާއަށް ބަލާއިރު އެ ދުވަހުގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި މައްސަލައަކީ ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމާފައިވާތީ ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރުމާއި މި ރިޕޯޓަށް ވޯޓަށް އެހުމެވެ.

ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އެވެ.

މާލިއްޔަތު ކޮމިޓީން މިމަހުގެ 18 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ބަހުސްކުރެއްވުމަށްފަހު ޝާހުގެ ހުށަހެޅުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓުންނެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 30،000 ރުފިޔާ ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 10،000 ރުފިޔާ ދިނުމަށެވެ. އަދި ޑެޕިއުޓީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 27،000 ރުފިޔާ ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 8000 ރުފިޔާ ދިނުމަށެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގައި ހިމެނޭ އެހެން ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި 24،000 ރުފިޔާ ދިނުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 6000 ރުފިޔާ ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމި ނަމަވެސް ކޮމިޓީގެ ނިންމުން ފާސްވާނީ މަޖިލީހުގެ ތަޅުމުން ކޮމިޓީގެ ނިންމުން ފާސްކުރުމުންނެވެ.

ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންގެ މުސާރަ ކުޑަކުރީ ނިމިދިޔަ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެގޮތުން މަޖިލީހުން އޭރު ފާސްކުރީ މޭޔަރުންނަށް މުސާރައިގެ ގޮތުގައި މަހަކު އޭރު ދެމުންދިޔަ 30،000 ރުފިޔާ 15،000 ރުފިޔާއަށް ކުޑަކުރުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި އޭރު ދެމުން ދިޔަ 15،000 ރުފިޔާ 3،000 ރުފިޔާއަށް ކުޑަކުރުމަށެވެ.

ޑެޕިއުޓީ މޭޔަރުންގެ މުސާރައިގެ ގޮތުގައި މަހަކު އޭރު ދެމުން ގެންދިޔަ 27،000 ރުފިޔާ 12،000 ރުފިޔާއަށް ކުޑަ ކުރުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި އޭރު ދެމުން ދިޔަ 8،000 ރުފިޔާ 2،000 ރުފިޔާއަށް ކުޑަކުރުމަށްވެސް އޭރު ނިންމާފައިވެ އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި މަހަކު އޭރު ދެމުންދިޔަ 18،000 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކުރުމަށާއި ލިވިން އެލަވަންސްގެ ގޮތުގައި އޭރު ދެމުން ދިޔަ 6،000 ރުފިޔާ 1،500 ރުފިޔާއަށް ކުޑަކުރުމަށްވެސް މަޖިލީހުން އޭރު ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފަށާފައިވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ. އޭގެފަހުން މިހާތަނަށް ބާއްވާފައިވަނީ ހަތް ޖަލްސާ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލާއި، ވޯޓު ކަރުދާހުގައި ކުރަހައިފިނަމަ ވޯޓު ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލާއި ގާނޫނީ ޚިދުމަތުގެ ބިލް ވަނީ އަލުން ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވާލާފަ އެވެ. އޭގެފަހުން މި ދެ ބިލްގެ މަސައްކަތް ކޮމިޓީން އަދި ކޮށްފައެއް ނުވެ އެވެ.

މަޖިލިސް މިއަހަރަށް ހުޅުވި ފަހުން ބޭއްވި ޖަލްސާތަކުގައި ޑިފެންސް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.