ށ. ނަލަންދޫގައި ރިސޯޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ށ. މިލަންދޫއަށް ވާދަކުރައްވަމުން ގެންދަވާ އަލީ ރިޒާގެ ކެމްޕޭނަށް މިލަންދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ނަލަންދޫގައި ރިސޯޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވާތީ މިކަމާ ގުޅޭ މަސައްކަތްތައް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ތެރޭގައި ހިނގަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ ނަލަންދޫގައި ރިސޯޓެއް ހެދުމަކީ ށ. އަތޮޅުގެ ވަކިން ހާއްސަކޮށް މިލަންދޫގެ ގިނަ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ށ. ފުނަދޫގައި ހަދާފައިވާ އެއާޕޯޓް ނިމި ހުޅުވަން ތައްޔާރުވެފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުނަދޫ އެއާޕޯޓްގެ ހިދުމަތް ފެށުމާ އެކު ށ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީވުމަށް އެތައް މަގެއް ފަހިވެގެންދާނެ ކަމަށެވެ. އެއާޕޯޓާ އެކު ލިބޭ ފުރުސަތުތަކުގެ ބޭނުން ރަނގަޅަށް ހިފުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"މީގެ [އެއާޕޯޓްގެ] ބޭނުން އަޅުގަނޑުމެން އެންމެ ރަގަޅަށް ހިފަންޖެހޭ. ތަރައްގީއަށްޓަކައި ވަކިން ހާއްސަކޮށް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވަރަށް ބޮޑު ވަސީލަތެއް [އެއާޕޯޓް] އެއީ. މި ދާއިރާއަށް ލޯކަލް ޓޫރިޒަމާއި އަދި ރިސޯޓު ޓޫރިޒަމް އެބަ އަންނަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިލަންދޫގެ ތަރައްގީއާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިލަންދޫ ތަރައްގީކުރުމަށްޓަކައި މިސަރުކާރުން މިލަންދޫގައި މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަަމަށެވެ. މީގެތެރޭގައި މިލަންދޫގެ މަގުތަކުގައި ތާރު އަޅައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި މިލަންދޫގައި ކުރިއަށް ނުގޮސް މެދުކެނޑިފައިވާ 100 ހައުސިން ޔުނިޓްގެ މަޝްރޫއު އަލުން މިސަރުކާރުން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގައި ހިމެނޭ ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއާއި، ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާއި މިވަގުތު މަސައްކަތް ހުއްޓިފައިވާ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އަލުން ފަށާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ. މީގެއިތުރުން މިލަންދޫ ދާއިރާގައި ހިމެނޭ ފީވަކުގެ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތާއި، ފީވަކުން ގޯތި ދޫކުރުމުގެ މަސައްކަތާއި، މިދާއިރާގައި ހިމެނޭ ނަރަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއާއި ނަރުދޫގެ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފަށާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.