މިފްކޯގެ ފައިސާތަކެއް ފޭރިގަތް މައްސަލައާއި ބީއެޗްއެމް ޓްރޭޑާސްގެ ފައިސާތަކެއް ފޭރިގަތް މައްސަލާގައި 8 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިފްކޯގެ ފައިސާ ފޭރުނު މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 19 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ގޮތުން 19 އަހަރުގެ މީހާ ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި 23 އަހަރުގެ މީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް ބޮޑު ތަކުރުފާނު މަގުން ދަތުރު ކުރަމުން ދަނިކޮށް، ސައިކަލަކުން ދިޔަ ބަޔަކު އެ ވޭން ހުއްޓުވީ ވޭންގެ ބިއްލޫރިގަނޑު ތަޅާލާފަ އެވެ. އެ މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށް ފުލުހުން ބުނެ އެވެ.

ބީއެޗްއެމްގެ ފައިސާތަކެއް ފޭރުނު މައްސަލާގައި ވެސް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ ފިރިހެނުންނާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ތިން ކުދިން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރިން ފޭރިގަނެގެން ގެންގޮސްފައިވަނީ ބީއެޗްއެމް ޓްރޭޑާސްގެ 2.3 މިލިއަން ރުފިޔާ އެވެ. ބީއެޗްއެމްގެ ފައިސާތައް ފޭރިގަނެގެން ދިޔައީ ހެލްމެޓް އަޅައިގެން ސައިކަލުތަކެެއްގައި ދުއްވާފައި ދިޔަ ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިކަމާ ގުޅިގެން އާންމު ފަރާތްތަކުންނާއި ވިޔަފާރިވެރިން ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަން ބޭންކްތަކަށް ދާނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.