ޕާކިސްތާނުގެ ޖުމްހޫރީ ދުވަސް ނުވަތަ "ޕާކިސްތާން ޑޭ"ގެ މުނާސަބަތުގައި އެގައުމުގެ ‏ރައީސް އާރިފް އަލްވީއަށާއި، ބޮޑުވަޒީރު އިމްރާން ޚާން ނިއާޒީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފި އެވެ.

‏ރައީސުލްޖުމްހޫރިއްޔާ މިބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެ "ޕާކިސްތާން ޑޭ" ގެ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިވުމުގެ ސިއްރަކީ ދެ ގައުމުންވެސް އެއްގޮތް ސިޔާސަތުތަކެއް ގެންގުޅޭތީ ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މިގުޅުން ‏‏އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ‏ވިދާޅުވެފައިވެ އެވެ.‏

ޕާކިސްތާން ޑޭ ފާހަގަކުރަނީ 23 މާރިޗު 1940 ގައި ފާސްކުރި "ލާހޯރ ރެޒޮލިއުޝަން" ގަރާރާއި ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ގާނޫނުއަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.