މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އެންމެ ދުވަސްވީ މުވައްޒަފު ނިޔާވުމުން އެކުންފުނީގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފިއެވެ.

ފެން ކުންފުނީގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މުހައްމަދު ޝާފިއު ނިޔާވީ ރޭ ފަތިހުއެވެ. ޝާފިއު ނިޔާވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ރިސޯޓެއްގައި އުޅުއްވަނިކޮށް ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ޝާފިއު ނިޔާވުމާ ގުޅިގެން އެމްޑަބްލިޔުއެސްސީން ކުރި ޓުވީޓެއްގައި ބުނީ ހިތާމަފާޅުކުރުމުގެ ކުރުމުގެ ގޮތުން ކުރިއަށް އޮތް ތިން ދުވަހު އެކުންފުނީގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާ ކަމަށެވެ. ޝާފިއުއަކީ ފެން ކުންފުންޏަށް ނެގި ދިވެހި ފުރަތަމަ މުވައްޒަފެވެ. އޭނަ އެންމެ ފަހުން ހުންނެވީ އެކުންފުނީގެ ކަސްޓަމާ ސާވިސް މެނޭޖަރުގެ މަގާމުގައެވެ. އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވެސް ވަނީ ޝާފިއުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

ޝާފިއުއަކީ ވޮލީގެ ދާއިރާއިން ވެސް ވަރަށް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. ގައުމީ ފެންވަރުގައި ވޮލީއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޝާފިއު ނިޔާވުމުން ވޮލީ ބޯލް އެސޯސިއޭޝަނުން ވެސް ވަނީ އޭނަގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ޝާފިއުގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަޣްރިބު ނަމާދަށްފަހު އާސަހަރާގައެވެ.