ވަކި ފިކުރަކަށް ނޫނީ ވަކި ފަރުދެއްގެ ވިސްނުމަށްޓަކާ ކޯލިޝަން ސަރުކާރުގެ ވިސްނުމާއި، ވީ ވައުދު އަދި ވީ ގުރުބާނީ ދޫކޮށް ނުލުމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕޮލިޓިކަލް އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ޑރ ޖަމީލް މިހެން ވިދާޅުވީ އދ މާމިގިލީގައި ބޭއްވި ވިދާޅުވީ ގާސިމް އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ ޖަމީލް ވިދާޅުވީ، ކޯލިޝަން ސަރުކާރެއް މިހާހިސާބަށް އައީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އެންމެން އެކުގައި ކަމަށާއި، މި އެކުވެރި ކަމާއެކު ތިބިގެންނޫނީ ރާއްޖޭގެ ޑިމޮކްރަސީއާއި ދައުލަތުގެ ހަމަތަކާއި އިންތައް ނުނެގެހެއްޓޭނެ ކަަމަށެވެ.
ކޯލިޝަން ސަރުކާރެއް ގެނައުމަށްޓަކާ ވީވައުދާއި އަހުދުގެ މަތީން ޑިމޮކްރަޓިކް ނިޒާމު ވަކި ފިކުރަކަށް ނުވަތަ އެއްފަރުދެއްގެ ފިކުރުގެ މަށްޗަކަށް ގުރުބާން ކޮށްގެން ނުވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ދަތުރުގައި ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކަމަށާއި، މިހާހިސާބަށް ރައްޔިތުންނަށް މިއަދު އާދެވުނީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ދިމާވި އެންމެ އުނދަގޫ ދުވަސްތަކުގައިވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ދެއްކެވި ހިތްވަރަށް ޑރ ޖަމީލް ޝުކުރު އަދާ ކުރެއްވިއެވެ. ގާސިމް އިބްރާހިމަކީ އެތައް ރައްޔިތެއްގެ ހިތްތަކުގައި ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބިކަވެ ނިކަމެތިވީ ކޮންމެ ހާލަތެއްގައި ގާސިމް އިބްރާހީމް އެތަކެއް ގުރުބާނީތަކެއް ވެވަޑައިގެންނެވި ކަމަށެވެ.
އަދި ގާނޫނު އާސާސީއަށް ގޮންޖެހުންތައް ކުރިމަތިވެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވީ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނަށްޓަކާ ގާސިމް އިބްރާހީމް ވެވަޑައިގެންނެވި ގުރުބާނީ ހަނދާން ކުރަންޖެހޭ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.