ސައުދީ އަރަބިއްޔާގައި މިހާރު ކުރިޔަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަތުން 3-0 އިން ބަލިވެއްޖެއެވެ.

މި މެޗުގައި ދިވެހި ޓީމުގެ ފަރާތުން ވަނީ ފުރަތަމަ މެޗާއި ހިލާފަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހާއްސަަކޮށް ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ރާއްޖެއަށް ވަނީ ލިބިގެންގޮސްފައެވެ.

ސައުދީ އަރަބިއްޔާގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ޔޫއޭއީން ފުރަތަމަ ލަނޑުޖެހީ މެޗުގެ 28 ވަނަ މިނިޓްގައި އެ ޓީމުގެ ކުރިއަށް ކުޅޭ މުހައްމަދު ރާޝިދު އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޔޫއޭއީ އިން ނަތީޖާ ފުޅާކުރި ގޯލު 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒައިދު އަބްދުﷲ އަމީރީއެވެ. ޔޫއޭއީގެ ފަހުގޯލު މެޗު ނިމެން 14 މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ މުހައްމަދު ޝާކިރުއެވެ.