އަކްޝޭ ކުމާރް ފަހަކަށްއައިސް ގިނައިން ފެނިގެންދަނީ "ކޮންޓެންޓް" ގެ ގޮތުން މުއްސަނދި، ވަރަށް ފާހަގަކޮށްލެވޭ، ފިލްމުތަކުންނެވެ. 2016 ވަނަ އަހަރު ފިލްމު ރުސްތަމް އިން ފެށިގެން މިދިޔަ އަހަރުގެ ފިލްމު 2.0 އާ ހަމަޔަށް ނެރުނު އަކްޝޭގެ 8 ފިލްމުވެސް ވަނީ ހިޓްވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަކްޝޭގެ އާ ފިލްމު ކޭސަރީ ނެރެފައިވާއިރު މި ފިލްމުވެސް ވެގެންދާނީ ހިޓް ފިލްމަކަށްކަން މިހާރު ވަނީ ޔަގީންވެފައެވެ.

ފުރަތަމަ ދުވަހު އިންޑިއާ ބޮކްސްއޮފީހުގައި މިފިލްމަށް 21 ކްރޯޑް ރުޕީސް ލިބިގެންދިޔައެވެ. މިއީ މިއަހަރުގެ މިހާތަނަށް ބޮލީވުޑް ފިލްމަކަށް ފުރަތަމަ ދުވަހު ލިބުނު އެންމެ މަތީ ޢަދަދެވެ.

ހުކުރު ދުވަހު 17 ކްރޯޑް ރުޕީސް އަދި ހޮނިހިރު ދުވަހު 18.75 ކްރޯޑް ރުޕީސް އާއެކު 3 ދުވަހުން ކޭސަރީއަށް މުޅި ޖުމުލަ 56.75 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.

80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހަދާފައިވާ މިފިލްމަށް ބެލުންތެރިންގެ ފަރާތުންވެސް އަދި ފާޑުކިޔުންތެރިންގެ ފަރާތުންވެސް ވަނީ ވަރަށް ރަނގަޅު "ރިވިއު" ތަކެއް ލިބިފައެވެ. ގިނަ ފާޑުކިޔުންތެރިންވަނީ މިފިލްމަށް 5 ތަރިން 4 ތަރީގެ ރޭޓިންއެއް ދީފައެވެ.

އެހެންކަމުން މިހަފްތާ ނިމުމުގެ ކުރިން މި ފިލްމަށް ހަމައެކަނި އިންޑިއާއިން 100 ކްރޯޑް ރުޕީސްއަށްވުރެ މަތިން ލިބޭނެކަމަށް ލަފާކުރެވެއެވެ.