މިއީ، ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ މޯބައިލް ފޯން އެޕްލިކޭޝަން އުފައްދާ ފަރާތޭ ބުނެވިދާނެއެވެ.

ޖަޕާނުގެ ރައްޔިތެއް ކަމަށްވާ މަސާކޯ ވަކަމީޔާގެ އުމުރަކީ 83 އަހަރެވެ. އޭނާއަކީ، އެކަނި ދިރިއުޅޭ އަންހެނެވެ. "އަހަރެންނަކީ އެކަނިއުޅޭ މީހެއް. އެހެންވީމަ ވަރަށް ފަސޭހަ މަސައްކަތް ކުރަން. އަހަންނަށް ކަމެއް ކޮށްދޭނެ މީހަކު ނުހުރޭ،" ވަކަމީޔާ ބުންޏެވެ.

އޭނާ އެންމެ ފުރަތަމަ ފަހަރަށް މޯބައިލް ފޯން އެޕްލިކޭޝަނެއްގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ "ހިނާޑާން" ގެ ނަން ދީފައިވާ ގޭމެކެވެ. މިއީ، އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން އޭނާ ފަރުމާކޮށްފައިވާ ގޭމެކެވެ.

"މިމަސައްކަތަކީ އަހަރެން ވަރަށް ކުރާހިތްވާ މަސައްކަތެއް. އެއްވެސް މީހެއްގެ އުނދަގުލަކާއި ނުލާ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭތީ، މިކަމުގައި ދެމި ހުރެވެނީ،" އޭނާ ބުންޏެވެ.

ވަކަމީޔާ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ މި މަސައްކަތުގައެވެ. ނުވަތަ، އެޕްލިކޭޝަން ތައްޔާރުކުރުމާއި ގުޅޭ އައު ކަންތައްތައް ދަސްކުރުމުގައެވެ. މިކަމުގައި އޭނާއަށް އޮތީ އެންމެ ހުރަހެކެވެ. އެއީ، މޯބައިލް ފޯން އެޕްލިކޭޝަން ތައްޔާރުކުރާނެ ގޮތްތައް ދަސްކުރެވޭނެ ފަސޭހަ ގޮތްތަކެއް، އޭނާ ވާހަކަދައްކާ ޖަޕާނު ބަހުން ނެތުމެވެ.

"އެންމެ އުނދަގުލީ، ހުރިހާ ލިޔެކިޔުންތަކެއް ހުންނަނީ އިނގިރޭސި ބަހުން. އެހާ އުމުރުން ދުވަސްވީމާ، އައު ބަހެއް ދަސްކުރުމަކީ ފަސޭހަކަމެއް ނޫން. ހުރިހާ ކަމެއް ކުރަން ޖެހެނީ އިނގިރޭސި ބަހުން. އެޕްލިކޭޝަނާއި ބެހޭ މަސައްކަތްތަކާއި، އީމެއިލް ކުރުން ފަދަ ކަންތައްތައް،" އޭނާ ކިޔައިދިނެވެ.

ވަކަމީޔާ އެންމެ ފުރަތަމަ ފަހަރަށް މިމަސައްކަތް ފެށީ އޭނާގެ އުމުރުން 60 އަހަރުގައެވެ. މިމަސައްކަތް ފެށުނީ، އޭނާ އެންމެ ފުރަތަމަ ފަހަރަށް ކޮމްޕިއުޓެއް ގަތް ދުވަހުއެވެ. އޭނާ ކޮމްޕިއުޓަރެއްގަތީ، އޭނާގެ ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމުގެ ނިޔަތުގައެވެ. އެއިރު އޭނާ ދިރިއުޅެމުން ދިޔައީ، އޭނާގެ އުމުރުން ދުވަސްވީ މަންމައާއި އެކުއެވެ.