މިހާރު ކުރިއަށްދާ ދިރާގު މަމެން އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ހަމްދޫން އަބްދުލް ލަތީފް ޖެހި ގޯލަށް ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ހަމްދޫން މި ގޯލު ޖަހާފައިވަނީ މިމަހުގެ 20 ގައި މަމެން އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރުފުރާގައި ރެހެންދި ސްކޫލް އަތުން 11-0 އިން މޮޅުވި މެޗުގައެވެ.

އުމުރުން 17 އަހަރުގެ ހަމްދޫން ޖެހި ގޯލު ބޭރު މީޑިއާތަކުގެ ސަމާލުކަން ހޯދާފައިވަނީ އެމެރިކާގެ މަޝްހޫރު ކުޅިވަރު ހަބަރު ގެނެސްދޭ ބްލީޗާ ރިޕޯޓުގައި އެގޯލުގެ ވީޑިއޯއެއް އާއްމުކުރި ހިސާބުންނެވެ. މީގެއިތުރުން މަޝްހޫރު ވީޑިއޯ ސްޓްރީމް ސައިޓެއް ކަމަށްވާ މައިކުޖޫ އިން ވެސް ވަނީ މިގޯލުގެ ވީޑިއޯ އާންމުކޮށްފައެވެ. މިއާއެކު ގިނަ ބަޔަކު ވަނީ ހަމްދޫން އަބްދުލް ލަތީފަށް ތައުރީފުގެ ބަސްތައް އޮއްސާލާފައެވެ.

ބްލީޗާ ރިޕޯޓް ފުޓްބޯލްގެ ފޭސްބުކް ޕޭޖަކީ 8.2 މިލިއަނަށް ވުރެ ގިނަމީހުން ލައިކް ކޮށްފައިވާ ޕޭޖެކެވެ. މިޕޭޖުގައި ދުނިޔޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ގިނަ ވީޑިއޯތައް އަޕްލޯޑުކުރެއެވެ. އަދި ގިނަބަޔަކު މި ޕޭޖު ފޮލޯވެސް ކުރެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ދިވެހިންވެސް ހިމެނެއެވެ.

މިއަހަރުގެ 21 އަހަރުން ދަށުގެ ޔޫތު މުބާރާތް އީގަލްސް ކާމިޔާބު ކުރިއިރު ވެސް ހަމްދޫން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާއަކީ ރާއްޖޭގައި މިހާރު އަރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.