މިއީ، ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓުގެ މަގާމަށް ވާދަކުރާ މުޅީން އައު ސެންޓެކެވެ. "ޝަމޫޚް"ގެ ނަން ދީފައިވާ މި ސެންޓު އުފައްދާފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ސެންޓު އުފައްދާ ކުންފުންޏަކުންނެވެ. ޝަމޫޚްގެ 3 ލީޓަރުގެ ފުޅިއެއްގެ އަގަކީ 1.3 މިލިއަން އެމެރިކާ ޑޮލަރެވެ.

މި ސެންޓު އުފެއްދި "ދަ ސްޕިރިޓް އޮފް ޑުބާއީ" އިން ބުނީ، މި ސެންޓު ތައްޔާރުކުރުމަށް 3 އަހަރު ހޭދަވި ކަމަށެވެ. އަދި، މި ސެންޓުގެ އެންމެ ފުރިހަމަ ވައްތަރު ތައްޔާރު ކުރުމަށް ކުރި މަސައްކަތުގައި 494 ޓެސްޓް ހަދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޝަމޫޚްގެ ޚާއްސަ ކަމަކީ، މީގެ ވަސް އެކަންޏެއް ނޫނެވެ. ނަމަވެސް، ސެންޓު އަޅާފައިވާ ފުޅިއަކީވެސް ވަރަށް ޚާއްސަ ސިފަތަކަކާއިއެކު ފަރުމާކޮށްފައިވާ އެއްޗެކެވެ.

މި ފުޅި ތައްޔާރުކޮށްފައިވާ އިޓަލީވިލާތުގެ މުރާނޯ ކްރިސްޓަލް އިންނެވެ. ފުޅީގެ ބޭރުގައި ރަނުން ޖަރީކޮށްފައިވާ ދޫންޏަކާއި އަހަކާއި، ފިނިފެންމަލެއް އަދި ދުނިޔޭގެ ނަކަލެއް ވެއެވެ. ފުޅި ޖަރީކޮށްފައިވާ 3،571 އަލިމަހުގެ ބަރުދަނަކީ 38.55 ކެރެޓެވެ. މީގެއިތުރުން، ބޮޑު މުތަކާއި، 2 ގްރާމްގެ 18 ކެރެޓް ރަން ހިމެނެއެވެ. މީގެއިތުރުން، މިފުޅި ޖަރީކުރަން 5 ކިލޯގެ ރިހިވެސް ބޭނުންކޮށްފައިވެއެވެ.