ގދ. ތިނަދޫ އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ތުހުމަތުކުރެވޭ، ގެވެށި އަނިޔާގެ މައްސަލައެއް އެއްވެސް އިރަކު ފުލުހުންގެ އިދާރާއަށް ހުށައެޅިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތުކުރެވޭ، ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވޭތޯ އަދި އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފުކުރުމަށް މުޣުނީގެ ފަރާތުން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ފުލުހުން މުޣުނީއަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. މުޣުނީގެ ސިޓީގައި އޭނާ ވަނީ އޭނާގެ ކުށެއްނެތްކަން ދާއިރާގެ ރައްޔިތުންނަށް ހާމަކޮށްދެއްވަން ބޭނުންވާތީ، ބައެއް ފަރާތްތަކުން އޭނާގެ މައްޗަށް ކުރަމުންދާ ގެވެށި އަނިޔާގެ ތުހުމަތާއި ގުޅިގެން، ފުލުހުންގެ ބަހެއް ލިޔުމުން ދިނުމަށް އެދިފައެވެ.