ރަށުގައި ހުވަނީގެ އުނދަގޫ އިންތިހާއަށް ބޮޑު ވެފައިވާ ކަމަށް ހދ. ފިނޭ ކައުންސިލުން ބުނެފި އެވެ.

ވީޓީވީގެ އެތެރެފަރާތް ޕްރޮގްރާމްގައި ވާހަކަދައްކަމުން ފިނޭ ކައުންސިލް ރައީސް ހަސަން ރަޝީދު ވިދާޅުވީ ހުވަނީގެ އުނދަގުލަކީ ކޮންމެ ހޫނު މޫސުމެއްގައިވެސް ފިނޭއަށް ދިމާވާ މައްސަލައެއް ކަމަށެވެ.

ފިނޭ އަކީ ބިމުގެ ގޮތުން ބޮޑު ރަށަކަށްވެފައި ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދަށް ވުރެ ވާ ބޮޑު ރަށަކަށް ވުމުން ހުވަނި އިތުރުވުމުގެ ފުރުސަތު ބޮޑު ކަންވެސް ހަސަން ރަޝީދު ފާހަގަކުރެއްވި އެވެ.

"ވާ ބޮޑު ރަށަކަށްވީމަ ހުވަނި ނައްތާލުމުގަ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފަ އޮތީ. އެއީ ރަށުގެ މީހުން އުޅޭ ސަރަހައްދު ކުޑަވެފަ ވަށައިގެން އޮންނަނީ ހޭޅި ބޮޑު ސަރަހައްދު ކަމަށްވާތީ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ޕަބްލިކް ހެލްތް ޔުނިޓުގަޔާއި މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީއަށް މިކަމުގަ އެދިފަ ވާނީ. އެހެން ނަމަވެސް އަދި މިއަދާ ހަމައަށް މިކަމުގައި އަލި މަގެއް ފެނިފައެއް ނެތް." ހަސަން ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި ހުވަނި ނައްތާލުމަށް ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ދަތިތަކާ ކުރިމަތިލާން ޖެހެނީ ވެސް ރަށުގެ ވާ ސަރަހައްދު ބޮޑު ކަމުންނެވެ. ބައެއްގެ އެހީތެރިކަމަކާ ނުލާ މައްސަލައަށް ހައްލެއް ހޯދޭ ވަރަށްވުރެ ހުވަނީގެ މައްސަލަ ބޮޑު ކަމަށްވެސް ހަސަން ރަޝީދު ވިދާޅުވި އެވެ.

ހަސަން ރަޝީދު އިތުރަށް ވިދާޅުވީ އެބޭފުޅުން އިލްތިމާސް ކުރަނީ ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ މުވައްޒަފުން ފަރުދީ ޒިންމާ އަދާކޮށް ހުވަނި ނައްތާލުމަށް ކުރެވޭނެ ކަންކަން ކޮންމެ ބޭފުޅަކުވެސް ކުރުމަށް ކަމަށެވެ. އެމްއެންޑީއެފްގައި އެދިގެން މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ހަސަން ރަޝިދު ވަނީ ވިދާޅުވެފަ އެވެ.