ދިރިއުޅުމުގެ ހަޔާތަކީ ތަފާތު ރަހަތަކުގެ ސުރުވާއެކެވެ. ބައެއް މީހުންނަށް ބޭނުން ވަރަކަށް އެ ސުރުވާ ބޮވޭނެ ގޮތް މިންވަރުވާއިރު އަނެއް ބަޔަކަށް އެފުރުޞަތު ލިބެނީ ވަކި މިންވަރަކަށެވެ. އޭގެ ރަހަ މީރުވަނީ އެކި ވަގުތުތަކުގައެވެ. އެ ރަހައިގެ ހިތިކަން އިހުސާސް ކުރަންޖެހުނު އެކަކީ އިބްރާހީމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ހިތިކަން އޭނާއަށް ގެނެސްދިނީ އޭނާގެ ނަފުސެވެ. އޭނާގެ މިޒާޖެވެ.

އިބްރާހީމް ތަފާތު ދިރިއުޅުމުގައި ވަނީ އޭނާގެ ބޮޑުކަމެވެ. ކޮންމެ ކޮންމެ ގޮތެއް ގަބޫލު ނުކުރުމުގެ ސިފައެވެ. ކޮންމެ ކޮންމެ ކަމެއް ބަލައި ނުގަތުމުގެ ސިފައެވެ. އެންމެ ކުޑައިރުއްސުރެ ވެސް އެސިފަ އޭނާގެ ކިބައިގައި ހުރެއެވެ. ކިޔެވި ދުވަސްވަރުވެސް ބައެއް ދަރިވަރުން ހިތްހަމަ ނުޖެހުނީ އެ ސިފައާ ހެދިއެވެ. ނަމަވެސް އެކަން ގަބޫލު ނުކުރެވުނީ އިބްރާހީމަށެވެ.

"ކޮންމެ ކޮންމެ ގޮތެއް ކަމަކު ނުދާނެ. އެއްޗަކަށް އެއްޗެއް ހަދައިގެން ކަމަކު ނުދާނެ. އަހަރެމެން ހަދަންޖެހޭނީ އެންމެ ރީތި ޕޯސްޓަރު. އެންމެ މޮޅު ޕޯސްޓަރު. އެއްވަނަ ހޯދަންވެސް ޖެހޭނީ އަހަރެމެންގެ ޓީމުން" ހަވާލުކުރެވިފައިވާ ގުރޫޕް މސައްކަތުގައި ޚިޔާލު ފާޅުކުރީ އިބްރާހީމެވެ.

"އަހަރެމެން މަސައްކަތް ކުރާނީ ކުރެވުނު އެންމެ ރަނގަޅަކަށް. ވަނައަކީ ތަފާތު ކަމެއް. މި ޕޯސްޓަރުން ފެންނާނީ އަހަރެމެންގެ މޮޅުކަމާއި ކުޅަދާނަކަން" އެހެން ދަރިވަރަކު ޚިޔާލުފާޅުކުރިއެވެ.

"ނޫން. އަހަރެން އިންނަ ގްރޫޕެއްނަމަ އަހަރެން ބޭނުން އެއްވަނަ. އެ ފެންވަރަށް މަސައްކަތް ނުކުރެވޭނަމަ އެކަން އެ ނުކުރެވެނީ. އެހެން ގްރޫޕްތަކުގައި އެތިބީ އެއްވެސް ބައެއް ނޫން. މި މަސައްކަތުން އެއްވަނަ ހޯދަން ޖެހޭނީ އަހަރެމެން. މާދަމާ އަންނަ އިރު އަހަރެން އަންނާނީ ތިކަންކޮށްގެން" އިބްރާހީމް ބޭނުންވީ ވަނައެވެ.

"އޭރުން އަހަރެމެންގެ ހިއްސާޔޯ؟ އަހަރެމެން ކުރަންޖެހޭ މަސައްކަތޯ؟" އެހެން ދަރިވަރަކު ވިސްނީ އެ ދަރިވަރުގެ ޒިންމާއެވެ.

"ތިކަމާ ނުވިސްނާ، ޕޯސްޓަރުގައި ހުރިހާ ދަރިވަރުންގެ ނަން އޮންނާނެ. މައްސަލައެއް ނެތެއްނު" އިބްރާހީމް ނިންމީ އޭނާއަށް ފެންނަ ގޮތެވެ.

ޖެހިގެން އައި ދުވަހު އިބްރާހީމް އައީ މަސައްކަތް ފުރިހަމަ ކޮށްގެންނެވެ. އޭނާގެ ބޭބެއަކު ލައްވާ ވަރަށް ފުރިހަމަ ޕޯސްޓަރެއް ހައްދުވައިގެންނެވެ. އޭގައި ވަނީ ހުރިހާ ދަރިވަރުންގެ ނަންވެސް ހިމަނާފައެވެ. އެ ދުވަހު އިބްރާހީމްގެ ގިރުވާން ކޮޅަށް ޖެހިއެވެ. މުދައްރިސްގެ އިނާމު އޭނާ ހޯދިއެވެ. އެ އިނާމުން އޭނާގެ ގުރޫޕް ސައިބުއެވެ. އެންމެ ކުއްޖަކު ފިޔަވައެވެ. އެކުއްޖާ އެ ސައިގައި ބައިވެރި ނުވީ އެކަން ގަބޫލު ނުކުރެވިގެންނެވެ.

އިބްރާހީމްގެ މުޅި ހަޔާތް ހޭދަކުރީ ކާމިޔާބީގެ ހަގީގަތްތަކުގައެވެ. ވިދާ ތަށިތަކާއި ސެޓްފިކެޓްތަކުގެ ތެރޭގައެވެ. މީހުންގެ މަރުހަބާ ކިޔުމާއި ތަހުނިޔާތަކުގެ އުފާވެރި ބަސްތަކުގެ ނިވަލުގައެވެ. ނަމަވެސް އެއިން ކޮންމެ އުފަލަކާ ވިދިގެން އޭނާގެ ހިތަށް ވަންނަ ފަޚުރުވެރި ކަމުން އެހެން މީހުން ހިތްހަމަ ނުޖެހެއެވެ. އޮފީސް މާހައުލުގެ އެކުވެރިން ދިމާކުރެއެވެ. ބައެއް މީހުން އޭނާއާ ދުރަށް ދެއެވެ.

"މި ކާމިޔާބު ލިބުނީ އަހަރެންގެ ވިސްނުމުން. އަހަރެންނަށް އެނގޭ މިފަދަ ކަންކަން ކުރާނެ ގޮތް. ޓީމުގެ އެހެން މެންބަރުން ކުރި މަސައްކަތް ވެސް ރަނގަޅު. އެކަމަކު އަހަރެން ބައިވެރި ނުވާނަމަ މިކަން ކާމިޔާބެއް ނުވީސްދޯ؟" އޮފީހުގެ ވެރިޔާ އިންނެވި ބައްދަލުވުމުގައި އިބްރާހީމް ބުންޏެވެ.

"ރަނގަޅު. އިބްރާހީމަކީ ވެސް މުހިންމު ބައިވެރިއެއް. އެކަމަކު އެންމެ މުހިންމީ މި ކަމުގައި އަމަލީ ގޮތުން ބައިވެރިވީ ފަރާތްތައް. ހުރިހާ ފަރާތަކަށް ވެސް ޝުކުރިއްޔާ" އިބްރާހީމް ދަމައިގަންނަން އުޅުނު ޝަރަފު އޮފީހުގެ ވެރިޔާ ދެއްވީ މުޅި ޓީމަށެވެ. އިބްރާހީމްގެ ހިތް އެކަމާ ދެކޮޅު ހެދިއެވެ. އެއީ އެކަން ވާންޖެހޭ ގޮތްކަމަކަށް ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން އޭނާ އެ ވަޒީފާއިން ވަކިވީ އެ ނުތަނަވަސް ކަމުގެ ތެރޭގައެވެ.

ދިރިއުޅުމުގެ ހުވަފެންތައް ވެސް އިބްރާހީމް ދުށްޓެވެ. އެތައް ކުދިންނަކާ ރައްޓެހިވިއެވެ. އެތައް ބަޔަކާ ވާހަކަދެއްކިއެވެ. އޭނާ ދައްކަނީ އޭނާގެ މޮޅުކަމެވެ. އެ މޮޅުކަމަށް ބުރޫއަރާ ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް އޭނާއަކަށް ގަބޫލެއް ނުކުރެވެއެވެ.

"ދިރިއުޅުމަކީ ދެ މީހުން އެކުގައި މަސައްކަތް ކުރުން. ހަމައެކަނި އިބްރާހީމަށް ތި ވިސްނަނީ ކީއްވެ؟ އަހަރެންވެސް މައިންބަފައިން އެބަ ތިބި. މަންމައާއި ބައްޕަ އެބަހުރި. އެމީހުންނަށް ނުވިސްނަނީ ކީއްވެ؟" ސުވާލުކުރީ ރައްޓެހި ވެގެން އުޅޭ ކުއްޖާއެވެ.

"އެމީހަކު ވިސްނާނީ އެމީހަކާ މެދު. އަނެކާ ވިސްނަން ޖެހޭ ކަންކަން އަހަރެންނަކަށް ނުވިސްނޭނެ. އެއީ އަހަރެންގެ އުސޫލު" އިބްރާހީމް ފާޅުކުރީ އޭނާގެ ގަބޫލުކުރާ ގޮތެވެ. އޭނާއަށް ކަންކުރެވޭ ގޮތެވެ. އެތައް ކުދިންނެއް އޭނާއާ ރައްޓެހިވެ ވަކިވީވެސް އެ އުސޫލު ބަލައި ނުގަނެވޭތީއެވެ.

ވަރަށް ކުއްލި ގޮތަކަށް އިބްރާހީމްގެ ދިރިއުޅުމެއް ފެށިއެވެ. ފުރަތަމަ ކޮޅު ހަމަޖެހުމުގައި އޮތް ދިރިއުޅުމަށް ފަހުން އައީ ބިންހެލުމެކެވެ. ކޮންމެ ދުވަހެއްގެ މިއުޒިކަކަށްވީ ޒުވާބެވެ. ލިބޭ ހިތްހަމަ ޖެހުމަކީ ދެ ފަރާތުގެ ޝަކުވާއެވެ. އެ ޝަކުވާތަކަށް ކެތް ކުރެވުނީ ދުވަސްކޮޅަކުއެވެ. އިބްރާހީމް ބޭނުންވީ ވަކިވާށެވެ. އޭރު އަންހެނުންނަށް އޮތީ އިބްރާހީމަކީ ކާކުކަން އެނގިފައެވެ. އޭނާގެ ހަގީގަތް ދަސްވެފައެވެ. ނަމަވެސް ފެށުނު ކައިވެނީގައި ދެމިހުންނަން އަންހެނުން ބޭނުންވިއެވެ. އެ ފުރުޞަތު ދޭކަށް އިބްރާހީމް ބޭނުމެއް ނުވިއެވެ. އިބްރާހީމް އޭނާގެ އަންހެނުން ވަރިކުރިއެވެ. ޒަވާޖީ ގޮށް މޮހާލިއެވެ.

"ހަނދާންކުރާތީ! ހުރިހާ ކަމަކީ ކާމިޔާބު ކަމަށް ދެކިގެންނެއް ނޫޅެވޭނެ. ކުރާ ކޮންމެ ކަމެއް އެހެން މީހުންނަށް ދައްކާކަށް މަސައްކަތެއް ނުކުރެވޭނެ. ތިޔަހެން އުޅެވޭނީ ދުވަސްކޮޅަކު" އަންހެނުންގެ ފަހު ބަހުން އިބްރާހީމު ވެސް ހިތްހަމަ ނުޖެހުނެވެ. އޭނާގެ ދުލުން ބޭރުކުރަން ބޭނުން ނުވި ލަފުޒު ބޭރުކުރެވުނު މޮޔަ ހިތަށް އެރިއެވެ.

ދުވަސްކޮޅެއް ފަހުން ފެތުރުނީ އިބްރާހީމް ގެންގުޅޭ ސެޓްފިކެޓްތަކުގެ ވާހަކައެވެ. އެއީ ހައްދައިގެން ގެންގުޅޭ ވަގު ސެޓްފިކެޓްތަކެއް ކަމެވެ. އޭނާ ތަންތަނުން ވަޒީފާ ހޯދީ އެ ސެޓްފިކެޓްތައް ހުށަހަޅައިގެންނެވެ. އޭގެ މޮޅުކަން އޮފީސްތަކަށް ދައްކައިގެންނެވެ. އެންމެ ފަހުން އެ ވާހަކަ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ.

"މިހާރު އެނގިއްޖެއެއްނު ތީ ކާކުކަން" ފޯނުން ވާހަކަދެއްކީ ހިތްހަމަ ނުޖެހި އިން އިބްރާހީމުގެ ކުރީގެ އަންހެނުންނެވެ. އިބްރާހީމް ރެއަކާލީ ދެނެވެ. ހުރިހާ ކަމެއް ފަޅާއަރުވާލީ އޭނާކަން ޔަގީން ކުރެވުނީ އެހިސާބުންނެވެ.

"އަދިވެސް މަ މޮޅު ހެދިގެން އުޅޭ. ތިމާ ވަރު މީހަކު ނެތިގެން އުޅޭ. ތިހެން އުޅެވިއްޖެއެއްނު. އޮޅުވާލެވިއްޖެއެއްނު" އަންހެނުންގެ ހިތްހަމަ ނުޖެހުން އޮއްސާލިއެވެ. އިބްރާހީމްގެ ހިތަށް އަސަރު ކުރިއެވެ. އުޅުނުގޮތް ހަނދާނަށް އައެވެ. ވީބޭޒާރު ހިތަށް ވަނެވެ.

"އަދިވެސް ކިތަންމެ ކަމެއް ފަޅާއަރުވާލާނަން. އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލުމުގެ ބަދަލު އަހަރެން ހިފާނަން. އަހަރެންގެ އުންމީދުތައް ފުނޑުފުނޑުކޮށްލުމުގެ ބަދަލު އަހަރެން ބޭނުން" ކުރީގެ އަންހެނުން ފޯނު ބޭއްވީ އިތުރު އިންޒާރެއް ވެސް ދީފައެވެ.

އިބްރާހީމް ވިސްނިއެވެ. އޭނާއަށް އުޅެވުނު ގޮތާއި ކަންކުރެވިފައިވާ ގޮތް ހަނދާނަށް ގެނައެވެ. ބޭޒާރު ކުރާނަމަ ކުރާނެ ކިތަންމެ ކަމެއް ހުންނާނެއެވެ. އެ ކަންކަން އަންހެނުންނަށް އެނގޭނެއެވެ. އެކަމަކު ކުރެވޭނެ ކަމެއް ނެތެވެ. ދުވަސްތައް މިވަނީ އަތްދަށުން ދޫވެފައެވެ.

މިއަދު އިބްރާހީމާ މެދު މީހުން ދެކެނީ އިއްޔެ ދުށް ގޮތަކަށް ނޫނެވެ. އޭނާ ފެނުމުން މީހުން ފަށަނީ ހޭށެވެ. އޭނާގެ އުޅުމަށް މީހުން ކުރަނީ މަލާމާތެވެ.

(ނިމުނީ)