ކުރިއަށް އޮތް ކުޑަ އީދުގައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު ބާރަތްގައި ސަލްމާންގެ ބައްޕަގެ ރޯލު އަދާކުރަނީ އެކްޓަރު ޖެކީ ޝްރޮފެވެ.

ސަލްމާނަށް ވުރެ ޖެކީ ދޮށީ އެންމެ 9 އަހަރެވެ.

އެހާ ކުޑަ ތަފާތަކާއެކުވެސް ސަލްމާންގެ ބައްޕަގެ ރޯލު އަދާކުރަން އެއްބަސްވީ ކީއްވެތޯ ސުވާލުކުރުމުން ޖެކީ ބުނެފައިވަނީ އޭނާއަކީ ސަލްމާނަށް ވުރެ ކުރިން ފިލްމު ކުޅެން ފެށި މީހެއް ކަމަށާ އެހެންކަމުން އަބަދުވެސް އޭނާ ސަލްމާނާ ދޭތެރޭ ދެކެމުން އައީ ކޮއްކޮއަކަށް ވުރެ ބޮޑަށް ދަރިއެއްގެ ގޮތުގައި ކަމަށެވެ.

ބާރަތްގައި ސަލްމާންގެ ބައްޕަގެ ރޯލު އަދާކުރީ ވަރަށް އުފަލާއި ހިތްހަމަޖެހުމާ އެކު ކަމަށްވެސް ޖެކީ ބުންޏެވެ.

ބާރަތްގައި ސަލްމާންގެ ބައްޕަގެ ރޯލު އަދާކުރަން ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރް ހުށަހެޅުމުން އުމުރާ މެދު ނުވިސްނާ ކަމަށް ޖެކީ ބުންޏެވެ. އަދި ސަލްމާންގެ ބައްޕަގެ ރޯލުން ބެލުންތެރިން އޭނާ ބަލައިގަންނާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށްވެސް ޖެކީ ބުންޏެވެ.

ސަލްމާނާއި ޖެކީ ވަނީ ކުރިން އެކީ ގައި ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. މީގެތެރޭގައި "ކަހި ޕިޔާރް ނާ ހޯ ޖާއޭ" އަދި "ވީރް" ފަދަ ފިލްމުތައް ހިމެނެ އެވެ.