މިއަހަރުގެ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ފަގީރުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަބަދުވެސް ހުޅުވާލަ އެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކަށް މިމަހުގެ 28 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

އިއުލާންގައިވާ ގޮތުން މާލެއާއި އަތޮޅުތަކުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ކަމާ ގުޅޭ ފޯމު ފުރުމަށްފަހު އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލްތަކަށް ހުށަހެޅޭނެ އެވެ. މާލޭގައި ނަމަ ފޯމު ހުށަހަޅަންޖެހޭނީ އިސްލާމިކް މިނިސްޓްރީ އަށެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ދިރާސާތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 8.2 މީހުންނަކީ ފަގީރުންނެވެ. މިދިރާސާއިން ދައްކާ ގޮތުގައި ފަގީރުން އެންމެ ގިނައީ ގދ. އަތޮޅުގަ އެވެ.