"ޑާކްރެއިން އެންޓަޓެއިންމަންޓް"ގެ މިއަހަރުގެ ދެވަނަ ފިލްމު "މާމުއި"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

"މާމުއި"ގެ ޓްރެއިލާ ދައްކާލާފައިވަނީ އެކަމަށްޓަކައި ރޭ އޮލިންޕަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. "މާމުއި"ގެ ޓްރެއިލާ ލޯންޗުކޮށްދެއްވީ ޑާކްރެއިންގެ ފައުންޑާ މުހައްމަދު އަލީ (މޮގާ)ގެ އަބިކަނބަލުން އައިޝަތު ފުއާދުގެ ބައްޕަ އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގެވެ. - ފުއާދު ތައުފީގަކީ ކުރިއަށްއޮތް މަޖިލީސް އިންތިޚާބުގައި މައްޗަންގޮޅީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓެކެވެ. -

މާމުއި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އިސްމާއިލް ޖުމެއިހް (ޖުމާ)، މަރިޔަމް އައްޒަ، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބު، ހަމްދާން ފާރޫގް، އިބްރާހިމް އަމާން ހުސެއިން، އަލީ ޝަލްލީލް، އަހްމަދު ސުނީ އަދި އައިޝަތު ޔާދާ، މާރިއާ ތްރޭސާ، އައިމިނަތު ނޫރާ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަރިޔަމް މަޖުދާ (މަޖޫ)، ނުޒުހަތު ޝުއެއިބު، މުހައްމަދު ފައިސަލް، އަބުދުﷲ ޝާފިއު (ފުބޫ)، އަދި އާދަމް އާދަމް ރިޒްވީ އެވެ.

މާމުއި އަކީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން އުފައްދާ ވަރަށް ތަފާތު ކޮމެޑީ ފިލްމެއް ކަމަށް ޕްރޮޑަކްޝަންޓީމުން ވަނީ ބުނެފަ އެވެ. އަދި މިހާ ގިނަ ކާސްޓުންނާއި އެކު ކުރިއަށް ގެންދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު އެވެ. މިއީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކޮށްފައިވާ ފިލްމުގެ ޓްރެއިލާއާއެކު ފިލްމަށް ކުރެވޭ އުންމީދު ވަނީ ބޮޑުވެފައެވެ.

ޓްރެއިލާގައި އެންމެ ތަފާތުކަމަށް ފެންނަނީ ދިވެހިންގެ ތެރޭގައި ކުރިން މަޝްހޫރުވި ބައެއް ލަވަތަކުގެ ރީ-މޭކްއެއް ފެނިގެންދިއުމެވެ. މީގެ ކުރިން ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހުގެ މަންޒަރެއްވެސް ޓްރެއިލާކޮޅުން ފެނިގެންދެއެވެ.