ދިރިއުޅުމަކީ ގުރުބާނީއެކެވެ. އެ ގުރުބާނީން ގެނެސްދޭނީ އުފަލެވެ. އެ އުފަލަކީ ދާއިމީ އުފަލެކެވެ. ހަޔާތަށް ގެނެސްދޭ ހިތްހަމަ ޖެހުމެކެވެ. އަހަރެންގެ ދިރިއުޅުމާމެދު އަހަރެން ހިތްހަމަ ޖެހެއެވެ. ދިރިއުޅުމާމެދު ޝުކުރު ކުރެވެއެވެ. ފާއިތުވީ ބައި ގަރުނު އަހަރެން މި އުޅުނީ އެ ޝުކުރުވެރިކަންމަތީއެވެ. އެ ހިތްހަމަ ޖެހުމުގައެވެ. މިއަދު ބަލި އެނދުގައި އޮތަސް އަހަރެންނަށް ލިބެނީ ބަޔާންކުރަން ދަތި އުފަލެވެ. އަހަރެން ދެރަވަނީ އެންމެ ކަމަކަށެވެ. އެއީ ފިރިމީހާ ދެރަވާނެ ވަރު ހިތަށް އަރާފައެވެ.

"ކައިވެނީގެ ރަން ޔޫބީލުގެ ތަހުނިޔާ. މި އުފަލުގައި އަހަރެން މި ގެނައީ 50 ފިނިފެންމާ. މިއީ އަހަރެމެން ދެމީހުންގެ ވެސް ލޯބީގެ ރަމްޒު. މި މާތަކުގައި ދުވާ މީރުވަސް އަހަރެންގެ ހަޔާތުގައި އެބަ ދުވާ. މި މަލުގައިވާ ރީތިކަން އަހަރެންގެ ދިރިއުޅުމުގައި އެބަވޭ. މިއިން ކޮންމެ މަލެއް ރަމްޒުކުރަނީ މަދީހާ" ހޮސްޕިޓަލުގައި އަހަރެން އޮތް އެނދުގެ ބޯލާ ކޮޅުގައި މާބޮޑި ބާއްވަމުން ފިރިމީހާ ބުންޏެވެ.

"އައްދޭ! ހާދަ ޅެންވެރިޔޭ. ހީވަނީ ހަމަ ޅެމެއް ކިޔާން އުޅުނު ހެން. ތިވަރު ނުކުރިޔަސް އަހަރެން ހިތްހަމަ ޖެހޭ. މާބޮނޑިއަށް ޝުކުރިއްޔާ. ތިޔަ ބަސްތަކަށް ވެސް ޝުކުރިއްޔާ. އަހަރެންދެކެ ތިޔަވާ ލޯތްބަށް ވެސް ޝުކުރިއްޔާ" މާބޮޑިއަށް ބަލައިލަމުން އަހަރެން ބުނީމެވެ. އަހަރެންގެ ހިތުން އެ މާބޮޑިއަށް ދެވުނު ގަދަރަށްވުރެ ފިރިމީހާގެ ލަފުޒުތަކުން ހިތަށް ވަން އުފާވެރިކަން މާ ބޮޑެވެ.

"މި ވަގުތު ވަރަށް ބިޒީތަ؟ އަދި ބޭރަށް ދާން ޖެހޭތަ؟" އަހަރެން ސުވާލުކުރީމެވެ. ފިރިމީހާއާ ވާހަކަދައްކާލަން ބޭނުންވާ ވާހަކަ ބުނީމެވެ.

"ނޫން. ކިހިނެއްވީ؟" ފިރިމީހާ ސުވާލުކުރިއެވެ.

"ކަމެއް ނުވޭ. ހަމަ ވާހަކަދައްކާލަން ބޭނުންވީ؟ މިކަހަލަ ވަގުތެއް ދެނެއް ނުލިބޭނެ. 50 އަހަރު ފުރޭ އިތުރު ދުވަހެއް ދެން ނާންނާނެ. އެ އުފާވެރިކަން އިތުރަކަށް ނުލިބޭނެ. އެހެންވީމާ ހަމަ ވާހަކަދައްކާލާ ހިތްވީ" އަހަރެން ޖަވާބު ދިނީ ހަމަތެދަށެވެ. އެ ވާހަކަތަކަށް ފިރިމީހާ އިޖާބަދިނެވެ. އަހަރެން އޮތް އެނދުގައި އަހަރެންގެ ގާތުގައި އިށީނެވެ.

"ހާދަ ދުވަހެއް ވެއްޖޭ. ހާދަ ގިނަ އަހަރެއް ވެއްޖޭ. އަހަރެން މިއުޅުނީ ކިހާ އުފާވެރިކޮށް. މިއަދުވެސް އަހަރެން އުފާކުރަން. ނަދީމާ އިނދެވުނީތީވެ ޝުކުރުކުރަން. ޝުކުރިއްޔާ ނަދީމު. އަހަރެންދެކެ ތިވާ ލޯތްބި ވާނެ އެހެން މީހަކު މި ދުނިއަކު ނުހުންނާނެ. އަހަރެންނަށް ތިޔަ ދިން އެހީތެރިކަން ދޭނެ އެހެން މީހަކު ނުހުންނާނެ. ހަނދާން އެބަހުރިތަ؟ ކައިވެނި ކުރި ދުވަހު ބައްޕަ ދެއްކި ވާހަކަތައް؟" އަހަރެންނަށް ދެވުނީ މީގެ އެތައް އަހަރެއްގެ ކުރިއަށެވެ.

"އާނ! ކީއްވެ ހަނދާން ނުހުންނާނީ؟ އެ ދުވަހު ކައިވެނީގެ ދަރުބާރުގައި އަހަރެންނަށް އެ ދިން ނަސޭހަތަކީ މި ދިރިއުޅުމުގައި ޖެހި ވިންދު. އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް އެ ވިންދު ޖަހާ. މިއަދު މަދީހާ ބައްޕަ ދުނިޔޭގައި ހުރިނަމަ ވަރަށް އުފާވާނެ. ބައްޕަ ބޭނުންވީ އަހަރެމެން ދެމީހުން އުފަލުގައި އަމިއްލަ ދިރިއުޅުމެއް އުޅޭތަން ދެކެން. އިރާދަކުރެއްވިއްޔާ އެކަން ކުރެވިއްޖެ" ފިރިމީހާގެ ޖަވާބަށް އަހަރެން ބޯޖަހާލީމެވެ. އެއީ ތެދެކެވެ. އިއްޔެގެ ފަގީރުކަން އިއްޔެއާއެކު ނިވިއްޖެއެވެ. އިއްޔެގެ ދަތި ހާލު މިއަދު ބަދަލުވެއްޖެއެވެ. ލިބުނު ދޮށީ ދަރިފުޅު އެ އުޅެނީ އަމިއްލަ ދިރިއުޅުމެކެވެ. ދެން ތިބި 3 ކުދިން ކިޔަވަމުން އެދަނީ ރާއްޖެއިން ބޭރުގައެވެ.

"އަޅެ ތެދަށް ބުނެބަލަ އަހަރެން ދުވަހަކުވެސް މަދީހާ ދެރަ ކުރިންތަ؟" ސުވާލު ކުރީ ފިރިމީހާއެވެ.

"ތި ސުވާލަށް ޖެހޭނީ ވިސްނާލަން. މިދައްކަނީ 50 އަހަރުގެ ވާހަކަ" އަހަރެން ޖަވާބުދިނީ ފިރިމީހާގެ މޫނަށް ބަލަހައްޓައިގެން އޮވެއެވެ.

"ހަގީގަތުގައި ދެރައެއް ނުކުރޭ. ދެރަވިނަމަ ދެރަ ހޯދީ އަހަރެން އަމިއްލައަށް" ވަރަށް ވިސްނުމަށްފަހު އަހަރެން ޖަވާބުދިނީމެވެ.

"ތިބުނީ؟" ފިރިމީހާ ސުވާލުކުރިއެވެ.

"މި ބުނީ ފެށި ދެވަނަ ކައިވެނީގެ ވާހަކަ" އަހަރެން ދިނީ ކުރު ޖަވާބެކެވެ.

"އެކަމުން ހިތާމަ ލިބޭތަ؟" އަނެއްކާ ވެސް ފިރިމީހާ ކުރީ އިތުރު ސުވާލެކެވެ.

"ނޫން. ލިބުނިއްޔާ ލިބުނީ އުފާ. މިއަދު އަހަރެންގެ ހުރިހާ ކަމެއް އެ ބަލަހައްޓަނީ ދޫމާ. އަހަރެންގެ ހިތުގައި ދޫމާއާމެދު އެއްވެސް ކިލަނބު ކަމެއް ނެތް. އޮތީ ގަދަރާއި އިހުތިރާމު" އަހަރެންގެ ހިތް ސާފުކޮށް ހުޅުވާލީމެވެ.

"އަސްލު އެ ކައިވެނި ކުރެވުނު ދުވަހަކީ އަހަރެން ވަރަށް ދެރަވި ދުވަހެއް. އުފާވެސް ވީ ދުވަހެއް. ދެރަވީ މަދީގެ ހިތަށް ތަދު ކުރެވުނީތީ. މަދީހާ އަކީވެސް އިންސާނެއް. އަމިއްލަ ލޯބިން ބައެއް އެހެން މީހަކަށް އަޅަންވީމާ އަސަރު ކުރާނެ. ދެރަވާނެ. އަހަރެން އެދުވަހު ވީ އެދެރަ" ފިރިމީހާގެ ދުލުން ދުވަހަކުވެސް ނުބުނާ ވާހަކައެއް ހިއްސާކުރިއެވެ.

"އަހަރެންނަށް އެނގޭ ނަދީމު ދެރަވިކަން. ނަދީމަށް އަސަރު ކުރިކަން. އަހަރެންނާ ނުލައި ނަދީމަށް އުޅެން ދަތިވާނެކަން. ނަމަވެސް އެ ދުވަސް އެދިޔައީ. އެކަމުން ދެ މީހުންނަށް ވެސް ލިބުނީ އުފާވެރިކަން. ދޫމާގެ ހެޔޮކަން އަހަރެންގެ ހިތަކުންނެއް ނުފިލާނެ. އަހަރެން އެދެނީ އަހަރެން ނެތް ދުނިއެއްގައި ވެސް ދޫމާއަށް ރަނގަޅަށް ހިތުން. އަހަރެންދެކެ ތިވާ ލޯބި ދޫމާއަށް ދިނުން. ހަގީގަތުގައި މިވާހަކަ އަހަރެން ބުނަން ބޭނުންވަނީ ދޫމާ ވެސް އިންދާ" އަހަރެންގެ ހިތުގައި ހުރި ޝުއޫރުތައް ފިރިމީހާއާ ހިއްސާކުރަމުން ދިޔައީމެވެ.

"މިހާރުވެސް އަހަރެން ދެ މީހުންދެކެ ލޯބިވޭ. މަދީހާ ދުނިޔޭގައި ހުއްޓަސް ދޫމާ ދެކެވެސް ލޯބިވަން. އަހަރެން ގަބޫލުކުރާ ގޮތުގައި ލޯތްބަކީ ހުސްވާއެއްޗެއް ނޫން. އަދި އެއީ ދުވަސްވީވަރަކަށް އޭގެ ބާރު ގަދަވާ އެއްޗެއް. އެހެންވީމާ ނަދީމާ ދެކެ މިވާ ލޯބި ދޫމާއަކަށް ނުދެވޭނެ. ތިޔައީ އަލަތު ލޯބި. އަދި ދޫމާދެކެވާ ލޯބި ނަދީމާއަކަށް ވެސް ނުދެވޭނެ. އެއީ ވަކި ލޯތްބެއް" އެއީ ފިރިމީހާގެ ވިސްނުމެވެ. އެ ދުލުން އަބަދުވެސް ދައްކާ ވާހަކައެކެވެ. ކުރިންވެސް ބުނެއުޅޭ ވާހަކަތަކެކެވެ.

"އެހެން ފިރިހެނުންނަށް ވެސް ތިކަހަލަ ހިތެއް ލިބޭނެނަމަ ދޯ؟" އަހަރެން ދޯ އަޅާލީ ފިރިމީހާއަށެވެ.

"އޭރުން އެ ޖެހޭ މައްސަލަތަކެއް ގައިމު ނުޖެހޭނެ. ދެ އަނބީން ނުގެންގުޅެވިގެން އުޅޭކަށް ވެސް ނުޖެހޭނެ. ހަގީގަތުގައި މައްސަލައަކީ ހިތް. ހިތުގެ މަރުކަޒު ކޮންޓްރޯލް ނުކުރެވޭނަމަ ދިރިއުޅޭކަށް ނޭނގޭނެ. އަހަރެންނަށް މި އުޅެވެނީ އެ މަރުކަޒަށް އަހަރެން ފާރަވެރިވާތީ. އެ ހިތާއެކު އުޅެން އެނގޭތީ" ފިރިމީހާގެ ވާހަކަތަކަށް އަހަރެންނަށް އާއެކޭ ބުނެ ބޯޖަހާލެވުނެވެ.

އިރުތަކެއް ފަހެވެ. ފިރިމީހާ ފޯނު ރިންގުވިއެވެ. ގުޅީ އޮފީހުންނެވެ.

"އަހަރެން ދެން މިދަނީ. އޮފީހުން އެ ގުޅީ. އިރުކޮޅެއް ފަހުން އަންނާނެ ދޫމާ. ބުނި ފަހެއް ޖަހާކަށްހާއިރު ސައިހިފައިގެން އަންނަމޭ" ފިރިމީހާ ނުކުތީ ދޫމާ އަންނާނެ ވާހަކަ ބުނެފައެވެ.

އަހަރެން އެކަނިވެރި ވިޔަސް އަހަރެން އެކަންޏެއް ނުވެއެވެ. ގިނަ ފަހަރު އުފާވެރި ޚިޔާލުތަކުން ހިތް ފޮޅެއެވެ. ފިރިމީހާގެ ބަސްތަކާއި ކަންކަން ކޮށްދޭގޮތް ހަނދާންކޮށް އެކަނިވެރިކަން ފިލުވެއެވެ. އެފަދަ ކޮންމެ ވަގުތަކުން މާޒީއަށް ދެވެއެވެ.

އަހަރެން ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ ލޯބިވާނެ ހެޔޮލަފާ ފިރިއަކު އެބަހުއްޓެވެ. އެ ފިރިމީހާ ކިތަންމެހާ ވެސް ރަނގަޅެވެ. ކިތަންމެހާވެސް ހެވެވެ. އެ ފިރިމީހާގެ އާއިލާ ކިތަންމެހާ ވެސް ރަނގަޅެވެ. އެ ފިރިމީހާގެ ދެވަނަ އަނބިވެސް ހަމަ އެފަދައެވެ. ކިހާ ބޮޑު ނަސީބެއް ހެއްޔެވެ؟ ބައެއް މީހުންނަށް އެ އުޅެނީ އެކަން ހަޖަމު ނުކުރެވިގެންނެވެ. ފިރިމީހާ އެހެން މީހަކާ އިނުމުން އެ އުޅެނީ ހިތްހަމަ ނުޖެހިގެންނެވެ. އެފަދަ ވާހަކައެއް ބުނާއިރަށް އަންހެނުން އެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ކީއްވެ ހެއްޔެވެ؟ ކެތްތެރިވާން ނޭނގެނީ ހެއްޔެވެ؟ ހިތުން ބައެއް މަދުވަނީ ހެއްޔެވެ؟ ލޯބިން ބައެއް އުނިވަނީ ހެއްޔެވެ؟ ފިރިމީހާދެކެ ލޯބިވާނަމަ އެކަން ކުރުމަށް ރުހޭނެއެވެ. ނުރުހޭނީ ވެސް ސަބަބުތަކެއް ހުރެގެންނެވެ. ފިރިމީހާގެ ގޮތް އަނބިމީހާއަށް އެނގޭނެއެވެ. އޭނާ ކަންކޮށްފައިވާ ގޮތް ހަނދާން ހުންނާނެއެވެ. ހިތުގައި ޖެއްސިވަރާއި ދެރަކުރިވަރާއި ރޮއްވި ވަރުވެސް ހަނދާން ހުންނާނެއެވެ. އެކަންކަން ހުއްޓައި އިތުރު މީހާކާ އިންނަން އަނބިމީހާއަށް ރުހެވޭނެ ހެއްޔެވެ؟ އަހަރެންނަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ދޫމާގެ އަޑަށެވެ.

"ކޮބާ؟ މިއައީ ސައިހިފައިގެން. ނަދީމުވެސް ބުނި އެބަ އަންނަމޯ. އާއިލާ ހުރިހާ މެންބަރުން ވެސް އިރުކޮޅަކުން އަންނާނެ. މިއީ އެނިވަރސަރީ ސައި. ހިނގާ އަވަހަށް ރީތިވެލަމާ" ދޫމާ ފެށީ އަހަރެން ރީތިކުރުވާށެވެ. އެމީހުން އަންނަން ވާއިރަށް ތައްޔާރުކުރާށެވެ. ފުރިފައިވާ އަހަރެންގެ ހިތުން އޮހިގަތީ ލޯތްބެވެ. ހާދަރަނގަޅެވެ. ހާދަހެވެވެ. ދިރިއުޅުމަކީ މިއެވެ. އުފާވެރިކަން ކިޔަނީ މިފަދަ އުޅުމަށެވެ.

(ނިމުނީ)