މަޖީދީ މަގު އޭޓީއެމް ކައިރީގައި އުޑުފައިން އިށީންދެގެން އިންނަ ޒުވާނަކު ފެނެއެވެ. އެހެން އިންނައިރު އެ ޒުވާނާގެ ހާލަތު އެހާބޮޑަކަށް ފާހަގައެއް ނުކުރެވެ އެވެ. އެހެންނަމަވެސް އިއްޔެ ވައިބަރ ގުރޫޕަކަށް މީހަކު އޭނާގެ ފޮޓޯ އާއި ވީޑިއޯއެއް ލިއެވެ. އެއާއެކު އެ ފޮޓޯތަކާއި ވީޑިއޯ މުޅި ސޯސަލް މީޑިއާގައި ދައުރުވެގެން ދިއައެވެ. އަދި އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި ކަމާއިބެހޭ ފަރާތްތަކަށް ގޮވާލަމުންދިއަ އެވެ. އެއާއެކު ކަމާއިބެހޭ ފަރާތްތަކުގެ ސަލާމުކަމަށް މިކަން އައިސް އިބްރާހިމް ރަޝީދަށް ފަރުވާދޭން ވަނީ ފަށާފައެވެ.

ގ. ފްރެޝްލައިޓު، 25އ. އިބްރާހިމް ރަޝީދު، އަކީ 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުން މޭޑޭ ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްލީ ޒުވާނެކެވެ. އެ މައްސަލައިގައި ކުށް ސާބިތުވެ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އެ ޒުވާނާ މިއަދު ފެންނަނީ ހަމުގެ ބޮޑު ބައްޔެއް ތަހައްމަލްކުރަމުންދާ ތަނެވެ. އިބްރާހިމް ރަޝީދަށް ޖަލުގައި ހުއްޓާ ހަމުގެ މައްސަލައެއް ދިމާވެގެން އުޅޭކަމުގެ ވާހަކަ ހުސްވި 2018 ގެ އޮގަސްޓް މަހުގެ ތެރޭގައި މިހާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުވެސް ސަމާލުކަމަށް ގެނައެވެ.