ދިވެހިރާއްޖެ މިއޮތީ ތަރައްގީގެ އަވާމެންދުރެއްގެ ޖާދޫގައި އަވަދިނެތިއެވެ. ކޮންމެ ދިމާލަކުން އިވެނީ ފޮރިން އިންވެސްޓްމަންޓުގެ ވަހާކައެވެ. ބިޒްނަސް ކޮންވެންޝަންތަކާއި ތަފާތު ވިޔަފާރިތައް ކުރިއެރުވުމުގެ ނަމުގައި ދެމުންދާ އެވޯޑުތަކުން ޖައްވު ވަނީ ގުގުމާލާފައެވެ. އަލަށް އިގްތިސާދީ މަސައްކަތް ފަށައިގަންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭންކުތައް ހުޅުވައި ނޫ އިގުތިސާދުގެ ހިޔާވަހިކަމުގެ ދަށުން ފަރުދީ ފުދުންތެރިކަން އިތުރުކުރަން މިތިބީ އަތުކުރި އޮޅާލައިގެންނެވެ.

ހައްތާވެސް ރަގަޅު ކަންކަމެވެ. ރަގަޅު ސިޔާސަތުތަކެވެ. ހަގީގީ މިނިވަންކަމަކީ އިގްތިސާދީ މުއްސަނދިކަމާއި ފަރުދީ ފުދުންތެރިކަމެވެ. ނަމަވެސް ކާރިސާގެ ހާލަތަށް ދިވެހި ވިޔަފާރިވެރިން ތައްޔާރުވެފައި ވަނީ ކިހާވަރަކަށްތޯ ސުވާލު އުފައްދަނީ ކިތައް މީހުން ބާވައެވެ. ކާރިސާގެ ހާލަތެއްގައި ވިޔަފާރިވެރިންނަށް ލިބޭ ގެއްލުންތަކުން އަރައިގަނެވޭނެ އުސޫލެއް ނިޒާމެއް އޮތްތޯ ސުވާލު ކުރާނެ މައްސޫލުވެރިއަކު އެބަހުރި ބާވައެވެ. ކާރިސާއަކަށް ފަހު ގާނޫނީ ހިޔާވަހިކަމެއްގެ ދަށުން މާލީ އެހީތެރިކަމާ ރައްކާތެރިކަން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ހޯދައިދޭން ވިސްނާ ސިޔާސީ ވެރިޔަކު އެބަހުރިބާވައެވެ. އެފަދަ މީހަކު ނެތެވެ. އިންޑިއާ ކަނޑުގެ ބިޔަ ސުނާމީން ގައުމުގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން ފިލާވަޅެއް ދަސްކުރަން މިތިބީ ނުކުޅެދިފައެވެ. ގައުމުގެ އިގްތިސާދު ފުނޑުފުނޑުކޮށްލި އެ ކާރިސާއިން އިބްރަތެއް ނުހޯދައި މާޒީގެ ތެރެއަށް އޮތީ ދޫކޮށްލެވިފައެވެ.

ދައްކަން މިއުޅެނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކާރިސާއަކުން ލިބިދާނެ ގެއްލުމުގެ ވާހަކައެވެ. ސުވާލު އުފައްދަން މިއުޅެނީ ކާރިސާއަކުން އަރައިގަތުމަށް ބޭނުންވާ "ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިން"ގެ ތަމްރީނާއި ހުނަރު ދިވެހި ވިޔަފާރިވެރިންނަށް ލިބިފައިވޭތޯއެވެ. ހިތާމަޔަކީ ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވާ ބޮޑެތި ބިޒްނަސް ކޮންވެންޝަންތަކުގައި މި މައުޞޫއަށް އަލިއަޅުވާލަންވެސް ނުކުޅެދިފައިވާތީއެވެ. ހަގީގަތަކީ އޭރުވެސް އަދި މިހާރުވެސް ދިވެހި ސަރުކާރުގެ ވިޔަފާރީގެ އަދި އިގްތިސާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންއަށް ވިޔަފާރިވެރިން އަހުލުވެރިކޮށް ތަމްރީނުކުރުމަށް އިސްކަން ދީފައިނުވާކަމެވެ.

ކާރިސާ އަކީ ކޮބާ؟

ކާރިސާގެ ވާހަކައިން އިބްރަތެއް ހާސިލްކުރަން އެދި އެވާހަކަތައް ލިޔާއިރު ކާރިސާއަކީ ކޮބައިކަން ފަހުމްވުމަކީ ލާޒިމްކަމެކެވެ. ގައުމެއްގެ ނުވަތަ މުޖްތަމައަކަށް ދިމާވާ ހާދިސާއެއް ނުވަތަ ހާލަތަކުން އަމިއްލަ ވަސީލަތްތަކުގެ އެހީގައި އަރައިނުގަނެވޭ ކޮންމެ ހާލަތަކީ ކާރިސާއެކޭ ބުނެވިދާނެއެވެ. ގުދުރަތީ ކާރިސާތަކާއި އިންސާނުންގެ އަަމަލުތަކުގެ ސަބަބުން ދިމާވާ ކާރިސާތަކާ އަދި ޓެކްނޮލޮޖިކަލް ކާރިސާތަކުގެ ވާހަަކަޔަކީ ދުނިޔޭގެ މީޑިއާގައި ކޮންމެ ދުވަހަކުހެން ފަލަ ސުރުޚީން ޖާގަ ހޯދަމުންދާ ހަބަރުތަކެވެ. ފަހުގެ ތާރީޚަށް ނަޒަރު ހިންގާއިރު ސުނާމީގެ ކާރިސާ އަދި މާލޭގެ ފެނުގެ ކާރިސާއަކީ އޭގެ ހިތި ހަނދާންތައް އަދިވެސް ބިންވަޅު ނެގިފައިވާ ހާދިސާތަކެވެ.

ކާރިސާގެ ކަންކަން ބެލެހެއްޓުުމުގެ ގާނޫނު 28/2015 ގައި ކާރިސާގެ ހާލަތު ބަޔާންކޮށްފައިވަނީ އަންނަނިވި ބަހުރުވައިންނެވެ. "ކުރިމަތިވާ ހާލަތެއްގެ ސަބަބުން މީހުންގެ ފުރާނައަށް، ނުވަތަ މުދަލަށާއި، ގެދޮރަށް، ދަނޑު ބިމަށާއި، ޢުމްރާނީ ވަސީލަތްތަކަށް އަދި އިގްތިސާދަށާއި ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއެކު އެ ގެއްލުންތަކަކީ، ރައްޔިތުންގެ އަމިއްލަ މަސައްކަތުންނާއި ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމާއެކު ވެސް އަރައިނުގަނެވޭނެ ފަދަ ގެއްލުމެއް ދިމާވުމެވެ" މިފަދައިންނެވެ.

ކާރިސާގެ މާނަ މިއަށްވުރެ ތިލަ ކުރެވިދާނެއެވެ. ވިޔަފާރިއަކަށް ދިމާވާ ހާދިސާއަކުން އެ ވިޔަފާރިއެއްގެ އަމިއްލަ ވަސީލަތް ބޭނުންކޮށްގެން އަރައި ނުގަނެވޭ ކޮންމެ ހާލަތަކީ އެ ވިޔަފާރިއަކަށް ކާރިސާއެކެވެ. އެހެންކަމަށް ވާއިރު ގައުމެއް ނުވަތަ މުޖުތަމައެއް ކާރިސާގެ ހާލަތަށް ތައްޔާރުވާން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ޕްލޭންތައް ގާއިމްކުރާ އުސޫލުން ވިޔަފާރިތަކުގައިވެސް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭންތައް ނުވަތަ ކުރައިސިސް މެނޭޖްމަންޓް ޕްލޭންތައް ހެދިފައިފާ ހުރުމަކީ ގެއްލުންތައް ކުޑަކޮށް އަލުން ވިޔަފާރި އިއާދަކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅަކަށް ނޫނީ ނުވާނެއެވެ.

ވިޔަފާރިތަކަށް ހުރި ނުރައްކާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ ގައުމެއްގެ އިގްތިސާދުގެ މައިބަދައެވެ. އަލަށް ފަށައިގަންނަ ކުދި ވިޔަފާރިތަކުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ފަހިވެ، ފަރުދީ ފުދުންތެރިކަން އިތުރުވެ އަދި އިގްތިސާދަށް އާރޯކަން ގެނެސްދޭކަމީ އިގްތިސާދީ މާހިރުން ހެކިވާކަމެކެވެ.

ރާއްޖޭގެ މާހައުލުގައި ކާރިސާގެ ނަޒަރަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ނުރައްކަލަކީ ކޮބައިތޯ ބަލާލަމާތޯއެވެ. މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ ގުދުރަތީ ނުރައްކާތަކުގެ އަސަރު އަޅުގަނޑުމެންގެ ޖަޒީރާ ރާއްޖެ މި ދަނީ ތަހައްމަލް ކުރަމުންނެވެ. އުދައެރުމާއި ބޯކޮށް ވާރޭވެހި ފެން ބޮޑުވުން އިހުންނަށްވުރެ ގިނަވެ މުދަލަށާއި ގެދޮރަށް ލިބޭ ގެއްލުން އިތުރުވެއްޖެއެވެ. ދާދިމިދާކަށް ދުވަހު މާލޭގައި ފެންބޮޑުވެ ވިޔަފާރިތަަކަށް ލިބުނު ގެއްލުން މީގެ ހެއްކަކަށް ފުދޭނެއެވެ. އުދައެރުމުގެ ސަބަބުން ދަނޑުގޮވާން މަރުވެ ދަނޑުވެރިންނަށް އޭގެ ނޭދެވޭ އަސަރު ފޯރާ ފަހަރުފަހަރުވެސް މަދެއް ނޫނެވެ. ގެސްޓް ހައުސް ވިޔަފާރިއަށާއި ރިސޯޓުތަކަށް ބިނާވަމުންދާ ދިވެހި އިގްތިސާދުގެ ހަގީގީ ނަފާދޭ ދޮންވެލި ގޮޑުދޮށްތައް ގިރާ މިންވަރު އިތުރުވެއްޖެއެވެ. ހޫނުވަމުންދާ ކަނޑުގެ ލޮނުގަނޑުގެ ސަބަބުން ފަރުތައް ހުދުވެ ދިރުން ނެތް ސަހަރާތަކަށް ދަނީ ބަދަލުވަމުންނެވެ. ތިމާވެއްޓަށް ބިނާ ވެފައިވާ ކޮންމެ ވިޔަފާރިއަކަށް މި ބަދަލުގެ އަސަރު ކުރިއަށް އޮތްތަނުގައި ފޯރާނެއެވެ.

އެހެން ނުރައްކާތަކަށް ވިސްނާލަމާތޯއެވެ. ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި އަލިފާނުން އަނދައި ހުލިވެފައިވަނީ ކިތައް ވިޔަފާރިތޯއެވެ. މިލިއަނުން އަގު ކުރެވޭ އިންވެސްޓްމަންޓްތައް އަނދައި އަޅިޔަށްވި މަންޒަރު ދެކެފީމެވެ. އިލެކްޓްރޯނިކް ކޮމާސްއާއި، މޯބައިލް ކޮމާސް އަދި ތަފާތު ޓެކްނޮލޮޖީތަކަށް ނިއުޅެމުންދާ އިގްތިސާދުގައި މަދު ގަޑިކޮޅަކަށްވެސް ކަރަންޓު ކެނޑިއްޖެނަމަ ވިޔަފާރިތަކަށް ލިބޭ ގެއްލުން އަންދާޒާ ކޮށްލަނީ ކިތައް މީހުންބާވައެވެ. އަދި މިނޫންވެސް އެތައް ނުރައްކަލެއް ހުންނާނެކަން ކަށަވަރެވެ.

މިއިން ކޮންމެ ނުރައްކަލަކީ އޭގެ ނޭދެވޭ އަސަރު ކޮންމެ ވިޔަފާރިޔަކަށް ފޯރާނެ ކަންކަމެވެ. ނަމަވެސް ބޮޑެތި ވިޔަފާރިތަކާ ޚިލާފަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިފަދަ ހާދިސާތަކުން ލިބޭ ގެއްލުން ބޮޑެވެ. ބިޔަ ވިޔަފާރިތަކުގެ މާލީ ފުދުންތެރިކަން އިތުރުވުމާއި ވަސީލަތްތަކާއި ރައުސުލްމާލު ހަރުދަނާވުމުގެ ސަބަބުން އަލުން އަނބުރާ ވިޔަފާރި އިޔާދަކުރުމަށް އެ ވަސީލަތްތައް ބޭނުން ކުރެއެވެ. މިފަދަ ވިޔަފާރިތައް ގިނަ ފަހަރު ހުންނަނީ އިންޝުއަރެންސްގެ ހިޔާވަހިކަމުގެ ދަށުގައެވެ. ނަމަވެސް އަލަށް ފަށައިގަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހާލަތު ހާސްބައި ތަފާތުވާނެއެވެ. މިސަަބަބަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ކާރިސާގެ ސިޔާސަތު އަދި ވިޔަފާރީގެ ސިޔާސަތު ކަނޑައެޅުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުމުން އެ ވިޔަފާރިތައް އަރައިގަނެ އިޔާދަކުރެވޭނެ ގޮތަށް ސިޔާސަތުތައް ވަނީ ބައްޓަންކޮށްފައެވެ.

ކާރިސާގެ ހާލަތުން އަރައިގަތުމަށް އެހީތެރިކަން

ހިމާޔަތާއި ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު ދުނިޔޭގެ ކަންކޮޅުތަކުގައި މިކަން ކުރަމުން އަންނަގޮތް ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. ޖިއޮގުރަފީގެ ގޮތުން އެގައުމެއް އޮންނަ ހިސާބެއްގެ ގޮތުން ދިމާވާ ކާރިސާތައް އެއްގައުމު އަނެއްގައުމާ ތަފާތުވެއެވެ. ދެކުނު އިރުމަތީ އެޝިޔާއިން މިސާލެއް ނަގަމާތޯއެވެ. އިންޑޮނީޝިއާ އަކީ ތަފާތު ގިނަ ވައްތަރުގެ ގުދުރަތީ ކާރިސާތައް ތަހައްމަލް ކުރަންޖެހިފައިވާ ގައުމެކެވެ. ބިންހެލުންތަކާއި، ސުނާމީއާ، ތޫފާންތަކުން އެ ގައުމަށް ލިބެމުންދާ ގެއްލުމުގެ އަސަރު ނޫސް މީޑިއާތަކުން އަޅުގަނޑުމެންނަށް ފެނެއެވެ. ޕިލިޕީންސަކީ ވެސް މިފަދަ ގުދުރަތީ ކާރިސާތައް ގިނަ ގައުމެކެވެ. މި ގައުމުތަކުން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ދެނެގަތުމަށް ދިރާސާތަކެއްކޮށް އެ ދިރާސާތަކުގެ އަލީގައި ވިޔަފާރިވެރިންނަށް އެހީވެވޭނެ ސިޔާސަތުތައް ގާއިމްކޮށްފައެވެ. ވިޔަފާރިވެރިނަށް އަމާޒުކޮށްގެން ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންގެ ތަމްރީނާއި ހުނަރުވެސް ދަނީ ފޯރުކޮށް ދެމުންނެވެ. މި ގައުމުތައް ހިމެނޭ ސަރަހައްދީ ޖަމިއްޔާއެއް ކަމުގައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ސަރަހައްދީ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރައްކާތެރިކަން ފޯރުކޮށް ދޭނެ ސިޔާސަތުތައްވެސް ވަނީ ރޭވިފައެވެ.

ޖަޒީރާ ގައުމަކުން މިސާލު ނަގަމާތޯއެވެ. ސީޝެލްސްގެ ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފަންޑުން ކާރިސާގެ ހާލަތަށް ފަހު އެގައުމުގެ ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ ޖަޕާން އަދި އެމެރިކާގައި ވެސް މިފަދަ ސިޔާސަތުތައް ވަނީ ރޭވި އިންތިޒާމް ކުރެވިފައެވެ. ކޮންމެހެން މި ގައުމުތަކުގައި ކަންކުރާ އުސޫލުން ކަންނުކުރި ކަމުގައިވީ ނަމަވެސް މިފަދަ ރައްކާތެރިކަމެއް ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެެރިންނަށް ލިބޭނެ ސިޔާސަތުތަކެއް ރާއްޖޭގައި ވެސް އެކަށައަޅަން އެބަޖެހެއެވެ.

ރާއްޖޭގައި ކަން އޮތް ހާލަތު

ރާއްޖޭގެ ހާލަތަށް ނަޒަރެއް ހިންގާލަމާތޯއެވެ. ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ރާއްޖޭގައި އޮތީ ކިތައް ވިޔަފާރީގައިތޯ ދިރާސާއެއް ހެދިފައިވޭ ބާވައެވެ. އަދި ކާރިސާއަކަށް ފަހު ވިޔަފާރިވެރިން އަމަލްކުރަންވީ ގޮތެއް އަދި ދާންވީ ދިމާލެއް އެ ވިޔަފާރިވެރިންނަށް އެނގޭ ބާވައެވެ. އަމިއްލަ ވިޔަފާރިތަކުގެ ވާހަކަ ބާއްވަމާތޯއެވެ. ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ކިތައް ކުންފުނީގައި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ހެދިފައިވޭ ބާވައެވެ. އެފަދަ ޕްލޭންތައް ހެދިފައިވީނަމަ މާލޭގެ ފެނުގެ ކާރިސާގެ ހިތިކަން އަޅުގަނޑުމެން ތަހައްމަލް ކުރާކަށް ނުޖެހުނީހެވެ. މިއީ މިއަދުވެސް ރާއްޖޭ ބޮޑެތި އަދި ކުދި ވިޔަފާރިތަކުގެ ހާލަތެވެ.

ހަގީގަތަކީ ފަހުގެ ތާރީޚުގައި ރާއްޖެ ދުށް ކާރިސާތަކުން އިބްރަތެއް ހާސިލްކުރަން އަޅުގަނޑުމެން ނުކުޅެދިފައިވާކަމެވެ. ސުނާމީއަށް ފަހު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުން ދެނެގަތުމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނުވެއެވެ. ހިތާމަޔަކީ ރާޅުތަކުގެ ދަށުވެ އޮޔާ ދިޔަ އެ ވިޔަފާރިތަކުގެ ތެރެއިން އަލުން އިޔާދަވެ ފަށައިގެނެވުނީ ކިތައް ވިޔަފާރިކަންވެސް އެނގެން ނެތީމައެވެ.

ދިވެހި ރާއްޖޭގެ ނޭޝަނަލް ޑިޒާޒްޓަރ މެނޭޖްމަންޓު އޮތޯރިޓީ ވަނީ ދާދި ފަހުން ގާނޫނީ މެންޑޭޓަކާއެކު ވުޖޫދަށް އައިސްފައެވެ. މަދު މުއައްޒަފުންތަކަކާއި ކުޑަ ބަޖެޓަކާއެކު ބާވެފައިވާ އިމާރާތެއްގައި ކާރިސާގެ ވިލުންތެރިކަން އިތުރުކުރުމަށް މި އޮތޯރިޓީން ކުރަމުން އަންނަ ބުރަ މަސައްކަތަށްޓަކައި ދިވެހި ކޮންމެ ރައްޔިތަކުވެސް ޝުކުރުވެރިވުން ލާޒިމެވެ. އަތްވަކަށް ވާރެއަކަށް ބެލުމެއް ނެތި އެންޑީއެމްއޭގެ މުއައްޒަފުން ކުރަމުންދާ މަސައްކަތަކީ ގައުމީ ޚިދުމަތުގެ ލާމަސީލު ނަމޫނާއެެކެވެ. ރާއްޖޭގައި މީހުން ދިރި އުޅޭ ރަށްތަކާއި ޓުއަރިސްޓް ރިސޯޓުތަކަށް އަމާޒުކޮށްގެން މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ކާރިސާ ތަމްރީނުތައް މިއޮތޯރިޓީން ވަނީ ހިންގާފައެވެ. ވިޔަފާރިވެރިނަށް އަމާޒުކޮށްގެންވެސް ތަފާތު ގިނަގުނަ ތަމްރީނުތައް މި އޮތޯރިޓީއަށް ހިންގިދާނެއެވެ. ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންއަށް ވިޔަފާރިވެރިން އަހުލުވެރިވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަންކަން އެގޮތަށް ބައްޓަންވެ ކުރިއަށް ދާނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ކަނޑައަޅަން ހުރި މިނިސްޓްރީތަކާ އެތަންތަނުގެ ޒިންމާދާރު ވެެރިންވެސް ކާރިސާގެ ނުރައްކާތެރިކަމަށް ހޭލުންތެރި ވެގެންނެވެ.

ދާދި މިދާކަށް ދުވަހު ސަރުކާރުން ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނެއް އިފްތިތާހު ކޮށްފައެވެ. އަލަށް ފަށައިގަންނަ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހެޔޮ ނިޔަތުގައެވެ. އެސްޑީއެފްސީ ހުޅުވުމުގެ ރަސްމިއްޔާތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސިޔާސަތެއް ކަނޑައަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. މިއީ ރަގަޅު ފާލެކެވެ. މިއީ ރަގަޅު ސިޔާސަތުތަކެވެ. ނަމަވެސް މިސިޔާސަތާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކާރިސާގެ ހާލަތްތަކުގައި ލިބިދޭން ޖެހޭ ރައްކާތެރިކަމާ އެހީތެރިކަން ބަޔާން ކުރެވޭ ސިޔާސަތެއް ކަނޑައަޅަން އެބަ ޖެހެއެވެ. ކާރިސާގެ ހާލަތުން އަރައިގަތުމަށް ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނިންއަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވައި އެކަމުގެ އަމަލީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދޭން ޖެހެއެވެ.

އުންމީދަކީ ރާއްޖެ ދެކެމުންދާ މިދާ ހަލުވި ތަރައްގީގެ ނާރެހުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކާރިސާގެ ހާލަތްތަކުގައި ދިމާވާ ދަތި އުދަގޫ ހިތްދަތިކަމުން އަރައިގަތުމަށް ބޭނުންވާ އެންމެހާ ކަންކަން ސިޔާސަތެއްގެ ތެރެއިން ފަހިވެގެން ގޮސް ވިލުންތެރި ވިޔަފާރިތަކަކަށް ދިވެހި ވިޔަފާރިތައް ވުމެވެ. އެހެންނޫންނަމަ ރާއްޖެ ދެކެމުންމިދާ ތަރައްގީއަކީ ދެމެހެއްޓެނި ތަރައްގީއަކަށް ނުވާނެއެވެ.