ޔޫއްޕެ ޕްރޮޑަކްޝަނުން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު "ނަފްރަތުވުމުން"ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

ކާމިޔާބު ލޯބީގެ ފިލްމުތަކެއް ކުޅެފައިވާ ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ "ނަފުރަތުވުމުން"ގެ ޓްރެއިލާ އާންމުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

2 މިނެޓް 51 ސިކުންތުގެ އެ ޓްރެއިލާއިން އެކަނިވެސް "ނަފްރަތުވުމުން"ގެ އަސަރު ބުނެދެއެވެ. ފިލްމުގެ މޮޅުވާނެކަން ބުނެދެއެވެ. ވާހަކައިގެ އަސަރުގަދަކަން ބުނެދެއެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން މަރިޔަމް އައްޒަ، އަލީ އާޒިމް (ދޮންއައްޔަ) އަހުމަދު އީސާ، އަދި ޔޫސުފް ޝަފީއު ފެނިގެންދާއިރު، "ނަފްރަތުވުމުން"ގެ ޓްރެއިލާއިން ފެނިގެންދާގޮތުން އައްޒަގެ ދިރިއުޅުމާއި އެކިގޮތްގޮތުން، ދޮންއައްޔައާއި، އީސަ އަދި ޔޫއްޕެ ވަނީ ގުޅިފައެވެ. އީސަގެ ފަރާތުން އައްޒައަށް "ގެވެށި" އަނިޔާ ލިބެމުންދާއިރު، ދެ މީހުންގެ މެދުގައި ވަކިނުވެވޭނެ ވަރުގެ ލޯތްބެއްވެސް އުފެދިފައިވާކަން އެނގެއެވެ. ހަމަ އެހެންމެ އައްޒަގެ ލޯބި ހާސިލުކުރަން ދޮންއައްޔަ ކުރަމުންދާ މަސައްކަތްވެސް ފެނެއެވެ. އަދި ޔޫއްޕެއާއި އައްޒައާއި ދެމެދު އޮންނަ ލޯބީގެ ގުޅުންތައްވެސް ދައްކުވައިދެއެވެ.